ނ. މާފަރުގައި އޮންނަ އިންޓަނޭޝަނަލް އެއާޕޯޓްގެ ރަންވޭ ބޮޑު ކުރުމުގެ މަސައްކަތް މި އަންނަ ޖުލައި މަހުގެ ތެރޭގައި ފެށިގެން ދާނެ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު މިހާދު ވިދާޅުވީ މި އަހަރުގެ މެދެއްހާ ހިސާަބުގައި މާފަރު އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމުގެ މަސައްކަތް ފަށަން ހަމަޖެހިފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، އެ މަސައްކަތް މި އަހަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ބެލެވެއެވެ.

އެ މަސައްކަތް ނިމި އޮޕަރޭޝަންތައް ކުރިއަށް ގެންދަން ފެށުމުން ކުންފުނީގެ މާލީ ހާލަތަށް ވެސް އެކަމުގެ ސަބަބުން ރަނގަޅު ބަދަލު އަންނާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"ސަރުކާރުން މިހާރު ގެންދަވަނީ މާފަރު ރަންވޭ އިތުރުކުރުމުގެ މަޝްރޫޢުއެއްވެސް ކުރިއަށް ގެންދަވަމުން. މާފަރު ރަންވޭގެ ލެންތު އިތުރު ކުރުމުގެ މަޝްރޫޢު މި އަހަރުގެ ޖުލައި މަހު ފެށޭނެ. އެ މަސައްކަތް މި އަހަރުގެ ނިޔަލަށް އެ މަސައްކަތް ނިންމަވާލެވޭނެ ކަމަށް އުންމީދުކުރަނީ. ނިމުމާއި އެކު އަޅުގަނޑުމެން ވައިޑް ބޮޑީ އެއާކްރާފްޓުގައި އީސްޓަރން ޔޫރަޕުން ވެސް ދަތުރު ކުރުމަށް ވަނީ ހަމަޖެހިފަ" އޭނާ ވިދާޅުވިއެވެ.

2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ހުޅުވި، ނ. މާފަރު އެއާޕޯޓްގެ ރަންވޭ ބޮޑު ކުރަން ބަޔަކު ހޯދަން އެންމެ ފުރަތަމަ ހުޅުވާލީ މިދިޔަ އެޕްރިލް މަހުގެ ތެރޭގައެވެ. އޭގެ ފަހުން މަސައްކަތް ކުރާނެ ބަޔަކު ހޯދުމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފައި ވަނީ މިދިޔަ ޖޫންމަހުގެ ތެރޭގައެެވެ.

އަބޫދާބީ ފަންޑުގެ އެހީގައި ތަރައްގީކޮށްފައިވާ އެ އެއާޕޯޓަކީ އެއާބަސް އޭ320 އަދި ބޮއިންގް 737 ޖެއްސޭ ފެންވަރަށް ތަރައްގީކޮށްފައިވާ އެއާޕޯޓެކެވެ. މާފަރު އެއާޕޯޓުގެ ރަންވޭ ބޯއިން 777 ޓްވިން ޖެޓް ޖެއްސޭ ވަރަށް ބޮޑު ކުރުމަށް ނިންމާ، އެ މަޝްރޫއަށް އަބޫދާބީ ފަންޑުން އެހީދޭން ވަނީ ނިންމައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބޭކާރު

    ތިއީ ބޭކާރު ތަނެއް. ބަޔަކަށް ރަނގަޅު ޚިދުމަތެއް ދޭނަމަ ބޮޑުކުރަންޖެހޭނީ ހަނިމާދޫ އެއަރޕޯޓް. ކައިރީގައި މީހުން އުޅޭ ގިނަ ރަށްރަށް ހުރީ އެތަނުގައި. ފަޅުނުހިއްކައި އެއަރޕޯޓް ބޮޑުކުރެވެން އޮތީ އެތަނުގައި. ތިމާވެށްޓޭކިޔާފައި ތިމާވެށި މުގުރަނީ.