މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ނޫސްވެރިންނަށް ދެމުން އަންނަ އެވޯޑަށް ކުރިމަތިލުމަށް ދިން މުއްދަތު އިތުރުކޮށްދޭން އެދި 30 މީޑިއާއަކުން ސޮއިކޮށް މީޑިއާ ކައުންސިލަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

މީޑިއާ ކައުންސިލަށް މީޑިއާތަކުން ޕެޓިޝަނެއް ހުށަހެޅީ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށް ނުދޭން މިއަދު ކައުންސިލުން ނިންމުމުންނެވެ.

ޕެޓިޝަން ހުށަހެޅުމުގައި އިސްކޮށް ހަރަކާތްތެރިވި މީޑިއާއެއް ކަމަށްވާ "ވޮއިސް"ގެ ޗީފް އެޑިޓަރ ޝަފްރާޒް އަހްމަދު ހުސައިން "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޕެޓިޝަން ހުށަހެޅީ މައިގަނޑު ހަތަރު ސަބަބެއް ފާހަގަ ކޮށްފައި ކަމަށެވެ.

އިނާމަށް ކުރިމަތިލުމަށް ކުރަންޖެހޭ މަސައްކަތްތަކަށް ކޮވިޑް-19 އާއި ގުޅިގެން ދަތިތައް ކުރިމަތިވެފައި ވާތީއާއި ބަލިމަޑުކަމުގެ ސަބަބުން ނޫސްވެރިން ކުރަން ޖެހޭ މަސައްކަތްތައް އިތުރުވެފައިވުމުން ނޫސްވެރިންނަށް އެކަށީގެންވާ ވަގުތު އެވޯޑަށް ކުރިމަތިލާން ނުލިބުން އޭނާ ފާހަގަ ކުރިއެވެ.

އަދި މީގެ އިތުރުން މިއަހަރު އިނާމުގެ އުސޫލަށް ބަދަލު ގެނެސް ކުރީ އަހަރުތަކަށްވުރެ ގިނަ ލިޔުންތައް ހުށަހަޅަން ކަނޑައަޅާފައި ވުމުން އުސޫލުގައި ބަޔާންކޮށްފައިވާ ވަރަށް ލިޔުންތަކާއި ވީޑިއޯ ހަމަކޮށް ހުށަހެޅުމަށް އިތުރު މުއްދަތެއް ބޭނުންވާ ކަމަށް ޕެޓިޝަންގައި ސޮއި ކުރި މީޑިއާތަކުން ގަބޫލުކުރާކަމަށް ޝަފްރާޒް ވިދާޅުވިއެވެ.

އިނާމަށް ކުރިމަތިލުމަށް ގިނަ ނޫސްވެރިންނަށް ފުރުސަތު ލިބޭނީ އެކަށީގެންވާ މުއްދަތެއް ދިނުމުން ކަމަށް ގަބޫލު ކުރެވޭތީ އާއި މީގެ ކުރިން ވެސް އިނާމަށް ކުރިމަތިލުމަށް މަދުވެގެން އެއްމަސް ދުވަހުގެ މުއްދަތެއް ދީފައިވާކަން ޝަފްރާޒް ފާހަގަ ކުރެއްވިއެވެ.

"އިނާމު ދިނުމަށް ކުރިން ކަނޑައެޅީ މެއި މަހުގެ 05 ވަނަ ދުވަސް ނަމަވެސް މިހާރު މެއި މަހުގެ ފަހު ހަފްތާއަށް އެވޯޑް ދިނުން ފަސްކޮށްފައި ވާއިރު އެބަދަލު އިނާމަށް ކުރިމަތިލުމުގެ މުއްދަތައް ވެސް ގެންނަން ޖެހޭ ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަނީ." ޝަފްރާޒް ވިދާޅުވިއެވެ.

ޝަފްރާޒް ވިދާޅުވީ އެވޯޑަށް ކުރިމަތިލުމަށް އެކަށީގެންވާ މުއްދަތެއް ދިނުން އެދި މީގެ ކުރިން މީޑިއާތަކުން ކައުންސިލްގައި އެދުމުން ވެސް އިތުރުކޮށްދެއްވީ އެންމެ ދެދުވަސް ކަމަށާއި އެއީ އެންމެ އެކަށީގެންވާ މުއްދަތެއް ނޫން ކަމަށެވެ.

މީޑިއާ ކައުންސިލްގެ އެވޯޑަކީ ރާއްޖޭގައި ނޫސްވެރިންނަށް ދެވޭ އެންމެ ޝަރަފްވެރި އެވޯޑެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހުމަދު އަލީމް

    ބަލަ ޖޯކެއް ބްރޯތީ. އެވޯޑު ލިބޭ ވަރަށް މަސައްކަތް ކުރަނީ ދެ ތިން ނޫސް. ދެން ކީއްކުރާ 30 ނޫހެއް؟ އެހެން ޖޯކެއް ޕްލީޒް މި ޕެޓިޝަނުން އެ މީހުންނަށް ލިބޭނެ ފައިދާއަކީ ކޮބާ؟

  2. މުހުތާދު

    އެނގިފައިވާ ގޮތުގައި މިހާރު ވެސް ބައެއް މީޑިއާތަކުން ހުށަހަޅައިފިކަމަށް ބައެއް މީޑިއާތަކުން މައުލުމާތު ލިބުނު. އެވޯޓުގެ ވާހަކަ މާކުރިން އިއުލާނު ކޮށްފި. ތައްޔާރު ނުވެވުމަކީ ނޫސްވެރިންގެ މައްސަލައެއްނު. އެއް މަސް ދިނަސް ހުށަހަޅާނީ ސުންގަޑީގައި. ނޫސްވެރިން ޒިންމާދާރުވާން ޖެހޭ.