މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޭ ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލުމަށް އިތުރު ހަފްތާއެއްގެ މުއްދަތު ދީފިއެވެ.

މީޑިއާ ކައުންސިލުން ނެރުނު އިއުލާނެއްގައި ވަނީ އެ ކައުންސިލުން ދޭ "ނޫސްވެރިކަމުގެ އިނާމް 2020" އަށް ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހުގެ 13:00 އަށް އިތުރު ކުރަން ނިންމާފައިވާ ކަމަށެވެ.

މި އިނާމް ދިނުމަށް ހަމަޖެހިފައި ވަނީ 12 ދާއިރާއަކުންނެވެ.

އެއީ ތަހްގީގީ ނޫސްވެރިކަން، ދެމެހެއްޓެނިވި ތަރައްގީ އާއި އިޖުތިމާއީ، ސިޔާސީ، ޝަރުއީ އަދި ގާނޫނީ، ވިޔަފާރި އާއި އިގްތިސާދު، ކުޅިވަރު، ފޮޓޯ ޖާނަލިޒަމް، ވީޑިއޯ ޖާނަލިޒަމް، އޯޑިއޯ ޖާނަލިޒަމް، ނިއުސް ގްރެފިކް އާއި އިލެސްޓްރޭޝަން، ފީޗަ/ރިޕޯޓު އަދި އެންމެ އުންމީދީ ނޫސްވެރިޔާއެވެ.

މި އިނާމްތަކަށް ކުރިމަތިލާނީ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހަޅާ ފޯމާއި އުންމީދީ ނޫސްވެރިކަމުގެ އިނާމަށް ހުށަހަޅާ ފޯމުންނެވެ. މި ދެ ފޯމާއި މާކްސް ދިނުމުގައި އަމަލު ކުރާނެ މިންގަނޑުތައް ކަނޑައަޅާފައިވާ ޖަދުވަލާއެކު ނޫސްެވެރިކަމުގެ އިނާމް ދިނުމުގެ އުސޫލުގައި ވަނީ އާންމުކޮށްފައެވެ.

މީޑިއާ ކައުންސިލްގެ އެވޯޑަށް ކުރިމަތިލުމަށް އިތުރު ހަފްތާއެއް ދީފައި ވަނީ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށް ދިނުމަށް އެދި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ 30 މީޑިއާއަކުން ޕެޓިޝަނެއްގައި ސޮއިކޮށް ކައުންސިލަށް ހުށަހަޅާފައި ވަނިކޮށެވެ.

މީޑިއާ ކައުންސިލްގެ އެވޯޑަކީ ރާއްޖޭގައި ނޫސްވެރިންނަށް ދެވޭ އެންމެ ޝަރަފްވެރި އެވޯޑެވެ.