މަސްތުވާތަކެތީގެ ވަބާގައި އުޅޭ މައިންނާ މެދު ޕީޖީން ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށް ޕްރޮސެކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަސްތުވާތާކެތީގެ ވަބާގައި ޖެހިފައިވާ މައިންނާއި ވިހާ ކުދިންނާ ގުޅިގެން އަންނަ ހަފްތާގައި ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ.

ނަމަވެސް އޭގެ ތަފްސީލުތަކެއް އޭނާ ހާމައެއް ނުކުރައްވައެވެ.

"މި ވަބާގައި އުޅޭ މަންމައިންނާއި ވިހާ ކުދިންގެ ކަންތަކާ މިފެށޭ ހަފްތާގައި ފިޔަވަޅުތަކެއް އެބަ އަޅަން. އިރާދަކުރެއްވިއްޔާ، މައުސޫމް ކުއްޖަކަށް ދެރަ ގޮތެއް ނުވާނޭ ގޮތަށް ކަންތައް ހަމަޖައްސާނަން." އޭނާ ވިދާޅުވިއެވެ.

ޝަމީމް ވަނީ އިއްޔެ އޭނާގެ ބްލޮގްގައި ލިޔުއްވި ލިޔުއްވުމެއްގައި މަސްތުވާތަކެތި ބޭނުން ކުރާ މީހުންގެ އަދަދު މަދު ކުރެވޭނެ ގޮތެއް ހޯދަން ކުރާ މަސައްކަތް ފާހަގަ ކުރެއްވިއެވެ.

އެ ގޮތުން އެކަން ކުރެވެނީ އެތަކެތި ރާއްޖެއަށް އެތެރެކޮށް، ވިޔަފާރި ކުރާ މީހުން ފަހަތުން ދެވިގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޝަމީމް ވަނީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ޖިނާއީ އަދުލުގެ ނިޒާމުން ކުރާ މަސައްކަތް ބަދަލުކޮށް މަސްތުވާތަކެތީގެ ވިޔަފާރިން މަންފާވާ، ވިޔަފާރިވެރިން ހޯދުމަކީ އަމާޒެއް ކަމަށް ވިދާޅުވެފައެވެ.

މީގެެ އިތުރުން މަސްތުވާތަކެތީގެ މައްސަައިގައި ހިމެނޭ ފައިސާ ދައުލަތަށް ނަގަން ހުށަހެޅުއްވި ނަމަވެސް އެ މައްސަލައާ މެދު އަދި ގޮތެއް ނުނިމޭކަން އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.

ހަމައެހެންމެ މަސްތުވާތަކެތި ވިޔަފާރިކޮށްގެން ހޯދާ ފައިސާ "ދޮންނަ" ކަމަށް ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް، (މަނީލޯންޑްރިން އަދި ޓެރަރިޒަމް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު) ގެ ދަށުން މަނީ ލޯންޑްރިންގެ ދައުވާ ކުރަން ނިންމި ކަމަށް ވެސް ޝަމީމް ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙުސައިން

    މޮޅު ވާހަކަނުދައްކާ. މަސްތުވާތަކެތީގެ ވިޔަފާރި ކުރަނީ ކޮންބައެއްކަން ނޭގޭޙަމައެކަނިބަޔަކީ ފުލުހުން ނާއި ސިފައިންނާ ސަރުކާރުގެ އިސްމަޤާމް ތަކުގަ ތިބިމީހުން އެކަނި. ދިވެހި ރައްޔިތުންނަށް ވަރަށްސާފުކޮށް އެގޭ ވިއްކާމީހުނާ ގަންނަން ލިބެންހުންނަ ތަންތަނާ ޑެލިވަރީ ކުރާމީހުނާ އެމީހުންދުއްވާސައިކަލާ އޭގެނަމްބަރާ އެ އެންމެންގެ ފޯނުނަމްބަރ ވެސް. މޮޔަނުގޮވާ....