ސަރުކާރުގެ މަޝްރޫއުތަކާ ހަވާލުވެފައިވާ ކޮންޓްރެކްޓަރުންނަށް ދީފައި އޮންނަ މުއްދަތުގެ ތެރޭގައި އެ މަސައްކަތް ނުނިންމާ ދިގުލައިގެންދާ މައްސަލައިގައި ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލެއްގެ ޖަވާބުގައި މަހްލޫފް ވިދާޅުވީ ކޮންޓްރެކްޓަރުން ބިޑް ކާމިޔާބު ކުރުމަށްޓަކައި ކުރު މުއްދަތެއްގެ ތެރޭގައި މަސައްކަތް ނިމޭނެ ކަމަށް ބުނި ނަމަވެސް ބިޑްގައި ބުނާ މުއްދަތުގައި މަސައްކަތް ނިންމާލެވެނީ މަދު ފަހަރެއްގައި ކަމަށެވެ.

އަދި ފުރަތަމަ އަގު ހުށަހަޅާ އިރު ޑޮލަރުގެ އަގު ހުންނަ ގޮތަށް ބަދަލު އައުން ފަދަ ބޮޑެތި މައްސަލަތަކެއް ކޮވިޑްގެ ހާލަތުގައި ދިމާވި ކަމަށް މަހްލޫފް ފާހަގަކުރެއްވިއެވެ.

ކޮންޓްރެކްޓަރުން އެދޭ މައްސަލަތައް ހައްލު ކުުރުމުގެ ގޮތުން ޔޫތް މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް މަހްލޫފް ވަނީ ވިދާޅުވެފައެވެ.

މަހްލޫފް ވިދާޅުވީ އެފަދަ މައްސަލަތައް އެޓާނީ ޖެނެރަލް އޮފީހާއި ފިނޭންސް މިނިސްޓްރީ ފަދަ ވުޒާރާތަަކަށް ސިޓީ ލިޔެގެން ހަމަޖައްސަން ޖެހޭ އެތައް ކަމެއް ހުންނަ ކަމަށެވެ.

" ބިޑް ހުޅުވާލީމަ، މި ކޮންޓްރެކްޓަރުން ހުންނާނީ ބިޑް ކާމިޔާބު ކުރަން ކުރު މުއްދަތު ޖެހުމާއި، މިކަހަލަ އެތައް ބައިވަރު ކަމެއް ހިނގާފައި. ދުވަހަކުވެސް ވަރަށް މަދު ފަހަރެއްގައި ނޫނީ ދީފައި އޮތް މުއްދަތުގެ ތެރޭގައި ނިމިފައެއް ނޯންނާނެ،" މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފް ވަނީ މި ސަރުކާރުން ކުޅިވަރުގެ ދާއިރާ އިން ކުރާ މަސައްކަތްތައް ރަނގަޅު ކަމަށް ފާހަގަ ކުރައްވައިފައެވެ.

އެގޮތުން ސަރުކާރަކުން މުޅި ޕްރޮޖެކްޓަށް ފަންޑުކޮށްގެން އެޅި ހަމައެކަނި ދަނޑު އެޅީ މި ސަރުކާރުން ކަމަށް ވެސް މަހްލޫފް ވިދާޅުވިއެވެ.

އޭގެ ތެރެއިން 12 ދަނޑު ނިމިފައިވާ ކަމަށާއި މި އަހަރުގެ ނިޔަލަށް 30 ދަނޑުގެ މަސައްކަތް ނިމޭނެ ކަމަށް މަހްލޫފް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ައަހާ

    ކަލޯ އެހެންދިމާވަނީ ޑެލިވަރީ އަށް %20 މާރކްސް ތިޔަ މިނިސްޓްރީގެ ބިޑްތަކުގައިދޭތީ. އެހާ ގިނަ ޕޮއިންޓް ދިނުމުން ޕްރޮޖެކްޓް ހޯދުމަށް ވަރަށްކުރު މުއްދަތެއް އެބަޖަހާ. އަދި ބިޑްތަކުގެ އަގު ވަރަށް ބޮޑުވޭ

    5
    1
  2. ބިޑް ކޮމެޓީ

    ސަރުކާރުން ވެއްޖެ މިހާރު ތިކަންކަން ހައްލުކުރަން ހަރުދަނާ މަސައްކަތްތަކެއް ކުރަން. ސަރުކާރު ލެވެލްގަ ކުންފުނިތައް ބްލެކް ލިސްޓް ކުރުމާއި މަސައްކަތްތައް މުއްދަތައް ނުނިންމާ ކޮމްޓްރެކްޓަރުންގެ ޑާޓާ ބޭސް އެއް ގެންގުޅުން ފަދަ ކަންކަން ކުރަން ވެއްޖެ މިހާރު. މިވެސް އިޚްލާސްތަރި ނިޔަތެއް އޮވެގެން ވާނެ ކަންކަން....

  3. ާއަހުމަދު

    މުއްދަތައް މަދައްކަތްނިންމާފަ ވަށައިގެން ދާޖަހާފަ ގ÷ޭޓުގަ ބޮޑުތަޅުއަުވާފަ ބެހެއްޓީމަ ރަގަޅުތަ