އިންފޮމޭޝަން ކޮމިޝަނަރު ހުސެއިން ފިޔާޒް މޫސާ އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ މަގާމަށް މީހަކު ހޯދަން ރައީސް އޮފީހުން އިއުލާންކޮށްފިއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަނުކުރާ މީހަކީ އުމުރުން 35 އަހަރުވެފައިވާ މީހަކަށް ވާންވާނެއެވެ.

އަދި އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި، ސިޔާސީ މަގާމެއް ފުރަމުން ދާ މީހަކު ކަމުގައި ނުވުމާއި، ސިޔާސީ ޕާޓީއެއްގެ މެންބަރެއް، ނުވަތަ ޕާޓީއެއްގައި ހަރަކާތްތެރި ވަމުންދާ މީހަކަށް ނުވުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން އިންފޮމޭޝަން ކޮމިޝަނަރުގެ ވަޒީފާގެ އިތުރުން އެހެން ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުމަކީ ވެސް މި މަގާމުގެ ޝަރުތެކެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލާ މީހެއްގެ ތައުލީމީ ފެންވަރަކީ، ފުރަތަމަ ޑިގްރީއެއް ހާސިލް ކޮށްފައި ވުމާ އެކު، މަދުވެގެން 7 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައި ވުމެވެ. މި މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިގުރާރާއި، ކުށާއި ދަރަނީގެ ރެކޯޑު ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2021 މާރިޗު 30 އަދި 31 ވަނަ ދުވަހު ހެނދުނު 09:30 އިން މެންދުރު 13:30 ދެމެދުއެވެ. މި މަގާމަށް މީހަކު އައްޔަނު ކުރާނީ ރައްޔިތުންގެ މަޖިލީހުންނެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގައި ހުންނެވި، ފިޔާޒް އިސްތިއުފާ ދެއްވާފައިވަނީ، އިއްޔެގައެވެ. ފިޔާޒު، އިންފޮމޭޝަން ކޮމިޝަނަރަކަށް އައްޔަންކުރެއްވީ އޮކްޓޯބަރު 31، 2019ގައެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި ފިޔާޒް ނޫސްވެރިކަމުގެ ދާއިރާ އަށް އަލުން ގުޅިވަޑައިގަތުމަށް ވަނީ ނިންމަވައިފައެވެ. އަދި އޭނާ މަސައްކަތް ކުރެއްވުމަށް ހަމަޖެހިފައި ވަނީ ދާދި އަވަހަށް ފަށަން އުޅޭ "އަދަދު" ނޫހުގެ އިސް މަގާމޭއްގައި ކަން ވެސް އެނގިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ކީއްކުރަން ހޯދާ މީހެއް. މޑޕ ލާހޫރޭ އަކަށް ދިނީމަ ނިމުނީ

  2. ޢީސަދަރި

    މީހަކު ހުންނާނީ ހަމަޖެހިފައި. އިޢުލާނު ކުރާއިރުވެސް ހަމަޖައްސާނެ މީހާ ހުންނާނީ ހަމަޖެހިފައި. އެއްވަރުގެ ބޮޑެތި އެކްޓިވިސްޓުން ލާނީ. އުޑެއް ބުޑެއް ނޭގުނަސް އިބޫއާއި އަންނިގެ ބުނާ ކޮންމެ ގޮތަކަށް ކަންކުރާނެ މީހަކު ހުންނާނި ހަމަޖެހިފައި.