ސަރުކާރުގެ ކަރަންޓު ކުންފުނި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއަށް ބޭނުންވާ ޑޮލަރު ގަންނަން ޝަރޫ ލޯންޗް ސާރވިސަސް އަށް ދޫކުރި ފައިސާ އަނބުރާ ފެނަކައަށް ދައްކަން ހައި ކޯޓުން ހުކުމްކޮށްފިއެވެ.

ފެނަކައިން ޑޮލަރު ގަތުމަށް ޓަކައި، ޝަރޫއަށް ދޫކޮށްފައި ވަނީ 17,857,979.10 ރުފިޔާއެވެ. ޝަރޫ ކުންފުނީގެ މައްޗަށް ފެނަކައިން އުފުލި ދައުވާގައި ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ އެ ފައިސާއަށް ޝަރޫ ކުންފުނީގެ ޑިރެކްޓަރުން ފަރުދީ ގޮތުން ޒިންމާ އުފުލަން ނުޖެހޭނެ ކަމަށެވެ.

ފެނަކައިގެ ފަރާތުން މި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ކޮށްފައިވާ ހުކުމުގައިވާ ގޮތުން އެ ފައިސާ ފެނަކައަށް އަނބުރާ ޝަރޫ ކުންފުނިން ދައްކަން ޖެހެނީ ތިން މަސް ދުވަހުގެ މުއްދަތެއްގެ ތެރޭގައެވެ.

މި ގޮތަށް ހުކުމް ކުރީ މައްސަލަ ބެއްލެވި ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހިމްއެވެ. ދެން ތިއްބެވީ، ފަނޑިޔާރު ޝުޢައިބު ހުސެއިން ޒަކަރިއްޔާ އަދި ފަނޑިޔާރު މުޙައްމަދު ނިޔާޒްއެވެ.

ހައި ކޯޓުގެ ހުކުމުގައިވާ ގޮތުން ޝަރޫ ކުންފުންޏަކީ ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އޮތް ކުންފުންޏެއް ނޫނެވެ.

ފެނަކައާއި ޝަރޫ ކުންފުންޏާ ދެމެދު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުގެ މަތިން ޝަރޫއިން ޑޮލަރު ވިއްކާފައިނުވާތީއާއި، ޑޮލަރު ގަތުމަށް ދިން ދިވެހި ރުފިޔާ ވެސް
އަނބުރާ ރައްދުކޮށްފައި ނުވާތީ، ރާއްޖޭގެ ކުންފުންޏާ ބެހޭ ޤާނޫނަށް ރިޢާޔަތްކޮށް، މި މުޢާމަލާތުގައި ޝަރޫ ލޯންޗް ކުންފުންޏާއި އެ ކުންފުނީގެ ހިއްސާދާރުން ފަރުދީ
ހައިޞިއްޔަތުން މި ފައިސާއަށް ޒިންމާ އުފުލަން ޖެހޭނެ ކަމަށް ހުކުމުގައިވެއެވެ.

އެ ކުންފުނީގެ ޙިއްޞާދާރުންނާއި ޑިރެކްޓަރުންނަކީ، މުޙައްމަދު މުޝްތާޤު / ދަފްތަރު ނަންބަރު 1231، މާލެ އާއި، ޞަބާޙް އަހްމަދު / ބ.ތުޅާދޫ / ކަންމަތީގެ އާއި،
ޝަރުމީލާ ޒުބައިރު / ސ.މަރަދޫފޭދޫއެވެ.

ފެނަކައިގެ އޭރުގެ ވެރިން މި މުޢާމަލާތަށް ޒިންމާ އުފުލަން ޖެހޭ

ހުކުމުގައިވާ ގޮތުން ފެނަކައިން ޑޮލަރު ގަތުމަށް ޓަކައި ޝަރޫއަށް ފައިސާ ދޫކުރިއިރު ވެސް އެ ކުންފުންޏަކީ ބެރުފައިވާ ގަނެވިއްކުމުގެ ހުއްދަ ޤާނޫނީ ގޮތުން ލިބިދީފައިވާ ފަރާތެއް ނޫނެވެ. އެހެން ކަމުން މިކަން މި ގޮތުގެ މަތިން ހުއްޓަސް، ޝަރޫއަށް ޑޮލަރު ގަތުމަށް ފައިސާ ދޫކުރަން ނިންމުމުގައި ފެނަކައިން އޭރު އަމަލު ކުރީ ކުންފުންޏާ ބެހޭ ޤާނޫނާއި ޤަވާއިދުގެ ދަށުން އަމަލު ކުރަން ޖެހޭ ފަންނީ އަސާސީ ބައެއް އުސޫލުތަކާ ޚިލާފަށް ކަމަށެވެ.

އެހެން ކަމުން ޝަރޫއަކީ ޤާނޫނީ ގޮތުން ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އޮންނަ ފަރާތެއްކަން ކަށަވަރު ކުރުމަކާއި ނުލައި، ޝަރޫ ކުންފުނީގެ އަތުން ޑޮލަރު ގަތުމަށް ނިންމި ބަޔަކު އެ ވަނީ ޤާނޫނީ ގޮތުން ހުއްދަ ނޫން މުޢާމަލާތެއްގެ ތެރެއަށް ވަދެފައި ކަމަށް ހުކުމުގައިވެއެވެ.

މިހާލަތުގައި އެ މުޢާމަލާތެއްގެ ތެރެއަށް ވަތް ބަޔަކު ޤާނޫނީ ގޮތުން އިހުމާލު ވުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ޒިންމާ ކުރެވެން ޖެހޭކަމަށް ހުކުމުގައިވެއެވެ.

މި ބާވަތުގެ އަމަލުތަކަށް ދެން ތިބީންނަށް އިބުރަތަކަށް ވާ ފަދަ ފިޔަވަޅުތަކެއް އެޅި، އެ ބަޔަކު ޒިންމާ ނުކުރެވި ދޫވެގެންދާ ގޮތަކަށް އޮވެއްޖެ ނަމަ މި ބާވަތުގެ ކަންކަން އަބަދުވެސް ދާނީ ދައުރުވަމުންދާ ވިޔަފާރިއަށް ކަމާއި އެއީ ހުއްޓުވަން ޖެހޭ އަދި ޒިންމާ ކުރުވަން ޖެހޭނެ ކަން ކަމެއް ކަމާއި އެހެން ނޫން ނަމަ، ބުރަ ތަހައްމަލު ކުރާ ބަޔަކަށް ވެގެން ދާނީ ޓެކްސް ދައްކަން ޖެހޭ ރައްޔިތުން ކަން ވެސް ހުކުމުގައި ފާހަގަކޮށްފައިވެއެވެ.

ފެނަކައިން މި މުޢާމަލާތާއި މެދުގައި ޢަމަލުކުރަމުންދާ ގޮތް

ޑޮލަރުގޮތުމުގެ ނަމުގައި ޝަރޫއަށް ދޫކުރި ފައިސާ އަނބުރާ ލިބިފައިނުވާތީވެ، އެކަމުގެ ސަބަބުން ފެނަކައަށް އެކިއެކި ގޮތްގޮތުން ކުރިމަތިވި ގޮންޖެހުންތަކާއި މާލީ ގޮތުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ގޮތުން ޑެމޭޖް އެސެސްމަންޓެއް އޮޑިޓެއް (ފައިނޭންޝިއަލް ޑެމޭޖް އެސެސްމަންޓް ރިޕޯޓް) މިހާރު ދަނީ
ހަދަމުންނެވެ.

އެގޮތުން މި އެސެސްމަންޓް ނިމުނުހާ އަވަހަކަށް، މި މުޢާމަލާތާއި ގުޅިގެން ފެނަކައަށް ލިބުނު މާލީ ގެއްލުމުގެ ބަދަލު ހޯދުމަށް، މިކަމުގައި ޝާމިލްވާ އިހްމާލުވާ ފަރާތްތަކާއި ދެކޮޅަށް ދަޢުވާ ކުރާނެ ކަމަށް ފެނަކައިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ނިމާ

    ކާކުތަ އޭރު ފެނަކަ ހިންގަންހުރީ؟ ހިންގުނު ޖަރީމާ ގިނަކަމުން ދެންވާ ސަލާމަތް ނުވާނެހެން ހީވީމަ ވަރަށް ވަތަނީވެގެން މިހާރު އުޅެނި

    6
    2
  2. ނަސީ

    ކުއްވެރިން ތީ ހިފާހަތްޔަރުކުރޭ

    4
    1
  3. ކީކޭ ބުނާނީ...

    ތިމީހުން ހިފާހައްޔަރު ކުރަން ގޮވާލަން. މިއީ ކޮންފަދަ ބޮޑު ވައްކަމެއް؟ ކީކޭ ބުނާނީ...

    5
    2
  4. ފޭރޯބެ ޕެރެވަލް

    ފެނަކައިން ޝަރޫއަށް ޑޮލަރު ގަންނަން ދިން ފައިސާ ދައްކަން ހުކުމްކޮޮށްފި މިސަރޫ އައް ދޭންޖެހޭތޯ ޑޮލަރ ގަންނަން ދެންކީއްކުރާ ބެންކް ތަކަކާ މަނިޓަރީ އެއްތޯ މުސްކުޅިން ބުނެ އުޅެނީ ހަމަ ރަނގަޅައް ލަނޑަޔަ ވާނީ ހަމަ ލަނޑަޔާ އޭ މިފެނަކައަކީވެސް އަސްލު ވުޖޫދުގަ ނެއްތަނެއް ޔުޓިލިޓީ ކިޔާމީހަކު ރައްރަށުގެ އިނޖީނުގެތައް ބަދަލްދިނުމުގެ ނަމުގައި އަތުލާ ރައްޔިތުންގެ މިލްކިއްޔާތުން މިހާރު އެކިޔާ ނަމާދިމަވޭ ނޫންތޯ ފޭރިކާ ނުކިޔާންވެގެން ކީނަމެއްކަމައް ބެލެވެނީ ތީ ފެނަކާޔަކީ ރައްޔިތުންގެ އިނޖީނުގެދައް ބަދަލުދިނުމުގެ ނަމެއްގައި އަތުލި ތަންތައް

  5. ވގ ޔނ

    ކޮބާ ނިމާލް އެންމެފުރަތަމަ ޖީބް ގެން ގައުމު ޖަހާއިގެން. ކަލޭނިކުމޭ

  6. މަރީ

    މަގޭދަރިއަށް ދޭންޖެހެ ފައިސާ އަދިވެސް ނުދޭ މިހާރު ދޮޅުއަހަރުވީ ޑޮލަރު ހަދައިދޭނަމޭކިޔާފަ ޑޮމަސޓިކުއެއާޕޯރޓް އޮފީހުން އެތަށްހާސްރުފިޔާއެއް ގެންގޮސްފަ އަދިވެސ ރުފިޔާކޮޅު ވީތަނެއްނޭގެނުނު ދެން މިހާރު ދާންވީކޯޓަށް