ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިން ބެލެހެއްޓުމަށް ހުޅުމާލޭގައި ހަދާފައިވާ "ފިޔަވަތި" ތަރައްގީކޮށް ނިންމައި އެ ތަން ހުޅުވައިފިއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވި ގޮތުގައި މި މަޝްރޫއަށް 1.6 މިލިއަން ރުފިޔާ ވަނީ ހަރަދުވެފައެވެ.

އިންޑިއާގެ ހިލޭ އެހީގެ ދަށުން ފިޔަވަތި އިމާރަތް މަރާމާތް ކުރުމުގެ މަޝްރޫއު ނިންމައި އެތަން ހުޅުވުމުގެ ރަސްމިއްޔާތު މިއަދު ވާޗުއަލްކޮށް ބޭއްވި އިރު، މި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރާއި ޖެންޑަ މިނިސްޓަރީގެ އިސް ބައެއް ވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އިންޑިއާގެ ހައި ކޮމިޝަނުން ބުނީ ހުޅުމާލޭގައި 110 ކުދިން ދިރިއުޅެމުން އަންނަ ފިޔަވަތި މަރާމާތުކޮށް އިތުރަށް ތަނަވަސް ކުރުމުގެ ގޮތުން ހިންގި ހާއްސަ މަޝްރޫއުގެ އަމާޒަކީ ކުޑަކުދިން ހެދިބޮޑުވެ ދިރިއުޅުމަށް އެކަށީގެންވާ މާހައުލެއް ގާއިމް ކުރުން ކަމަށެވެ. އަދި މިފަދަ މަޝްރޫއެއް ކުރިއަށް ގެންދެވުމަކީ އިންޑިއާ އިން ފަހުރުވެރިވާ ކަމެއް ކަމަށް ވެސް ބަޔާނުގައިވެއެވެ.

ނޮވެމްބަރު 2019 ވަނަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު ތަސްދީގު ކުރައްވާފައިވާ އިރު، މި މަޝްރޫއަކީ ދިވެހި ސަރުކާޜުން ކުޑަކުދިންގެ ހައްގުތައް ކަށަވަރު ކުރުމަށްދޭ އަހަންމިއްޔަތު ސާބިތުކޮށްދޭ މުހިންމު ފިޔަވަޅެއް ކަމަށް ވެސް އިންޑިއާ ހައި ކޮމިޝަނުން ފާހަގަކުރިއެވެ.

މި މަޝްރޫއުގެ ދަށުން ކުރި މަސައްކަތްތަކުގެ ތެރޭގައި ފިޔަވަތީގައި ވެލްކަމިން އޭރިއާ ތަރައްގީ ކުރުމާއި އިމާރާތުގެ ސެކިއުރިޓީ ތަރައްގީ ކުރުމާއި ތުއްތު ކުދިން ކުޅޭ އޭރިއާއެއް ގާއިމު ކުރުމަށް ފެންޑާއެއް ބިނާ ކުރުމާއި ފާރުތަކުގައި ކުޑަކުދިންނާ ގުޅޭ ކުލަތައްލުމާއި ކޮމްޕިއުޓަ ސިސްޓަމްތަކާއި ޕްލޭ ސްޓޭޝަންތައް ގާއިމު ކުރެވިފައިވާ ކޮމަން ރޫމްތައް ބިނާ ކުރުމާއި ބަގީޗާ ސަރަހައްދުގައި އިތުރު ބެންޗުތައް ބެހެއްޓުން ހިމެނެއެވެ.

މީގެއިތުރުން ބަގީޗާގައި ގަސް އިންދުމާއި އިމާރާތަށް ބޭނުންވާ ފަރުނީޗަރު ފޯރުކޮށްދީފައިވެއެވެ.

މިއީ އިންޑިއާގެ ހިލޭ އެހީގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ 30 މަޝްރޫއުގެ ތެރެއިން އެއް މަޝްރޫއެވެ. މީގެކުރިން އެ ގައުމުގެ އެހީގައި ހިންގި ތިން ބައި ކުޅަ އެއްބައި މަޝްރޫއު ވަނީ ކާމިޔާބުކަމާ އެކު ނިންމާލައިފައެވެ. އެގޮތުން އއ. އުކުޅަހުގައި ގާއިމު ކުރި ކޮންވެންޝަން ސެންޓަރާއި މ. ކޮޅުފުށި މަގުމަތީގައި ލައިޓް ހަރުކުރުމާއި ދ. ވާނީ ޕޮލިސް ސެންޓަރާއި ބ.ގޮއިދޫ-ފެހެންދޫ ފެރީ އާއި 61 ރަށެއްގައި އައުޓް ޑޯ ޖިމްތަކަށް ބޭނުންވާ އިކުއިޕްމަންޓާއި އެކި ރަށްރަށުގައި ގާއިމު ކުރި 67 ކުޑަކުދިންގެ ޕާކް ވެސް ހިމެނެއެވެ.

މީގެއިތުރުން މާލެ އެކުވެނި ދުވާ ޓްރެކާއި ހުޅުމާލެ ސެންޓްރަލް ޕާކް، ހުޅުމާލެ ޖެޓީ ވަނީ އިފްތިތާހުކޮށްފައެވެ.

އަލަށް އިފްތިތާހު ކުރުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކުގެ ތެރޭގައި އއ. ރަސްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އާއި ނ. ޅޮހި އަދި ރ. ކިނޮޅޮހުގައި ކްލާސް ރޫމްތައް ހެދުމުގެ މަޝްރޫއު އާއި ހދ. ކުޅުދުއްޓާއި ޏ. ފުވައްމުލަކުގައި އިންކްލޫސިވް އެޑިއުކޭޝަން ސްޕޯޓް ޔުނިޓްސް ގާއިމު ކުރުމުގެ މަޝްރޫއު އާއި ގދ. ފަރެސްމާތޮޑާގެ "ވެޓްލޭންޑް ޕާކް" މަޝްރޫއު އާއި ކަރެކްޝަނަލް ސާވިސް އަށް އުޅަނދުފަހަރު ޕްރޮކިއޯ ކުރުން ހިމެނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މިޔަރު

    މިކަމާމެދު ޕީޕީއެމް ކުދިން ބުނަނީ ކީކޭބާ؟ އަވަހަށް މުޒާހަރާ ކުރަން ފަށާ

    2
    1
  2. ޞާރި

    ކިތަށް ފަހަރަ ކޮށްމެ ތަނެއް އިފްތާހު ކުރަން ޖެހޭ ، ހުޅުވުން ، އިފްތިތާހު ، ލައުންޗިން، އޯޕެނިން ...

    1
    1