މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރު ނިންމަވާ ނިންމެވުންތަކުގެ މައްސަލަ ހައި ކޯޓަށް ނުބެލޭނެ ކަމަށް އެ ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން އެޓާނީ ޖެނެރަލް އޮފީހުން ނިންމައިފިއެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު ބުނާގޮތުން މައުލޫމާތެއް ނުދިނުމަށް ނުވަތަ ދިނުމަށް އިންފޮމޭޝަން ކޮމިޝަނަރު ނިންމާ ނިންމުމެއް ހައި ކޯޓުގައި އިސްތިއުނާފް ކުރެވިދާނެއެވެ. އެމްޑަބްލިޔުއެސްސީގެ މައްޗަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެންގި އެންގުމެއް އެމްޑަބްލިޔުއެސްސީން ހައިކޯޓުގައި އިސްތިއުނާފްކުރުމުން ހައި ކޯޓުން ނިންމީ އެފަދަ މައްސަލަތައް އެ ކޯޓަށް ނުބެލޭނެ ކަމަށެވެ.

އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ކުރެއްވި ޓްވީޓެއްގައި ވަނީ ހައި ކޯޓުގެ އެ ހުކުމަކީ ގާނޫނުއަސާސީން ލިބިދޭ އިސްތިއުނާފް ކުރުމުގެ ހައްގު ގެއްލޭ ގޮތަށް ކޮށްފައިވާ ހުކުމެއް ކަމަށެވެ. އެހެންވެ، އާންމު މަސްލަހަތަށް ބަލައި އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރާނެ ކަމަށް ރިފްއަތުގެ ޓްވީޓްގައިވެއެވެ.

ހައިކޯޓުގެ ހުކުމުގައި ބުނީ ހައިކޯޓަށް ލިބިދީފައިވާ އިސްތިއުނާފީ އިޙްތިސާސް ލިބިދީފައިވަނީ ދަށު ކޯޓުތަކުންނާއި ޓްރައިބިއުނަލުން ނިންމާ ނިންމުންތަކުގެ މައްޗަށް އެކަނިކަމަށެވެ. އަދި އިސްތިއުނާފަށް ހުށަހެޅި ނިންމުން ނިންމާފައިވަނީ ދަށު ކޯޓަކުންތޯ ނުވަތަ ޓްރައިބިއުނަލަކުންތޯ ބަލަންޖެހޭކަމަށް ހައިކޯޓުގެ ނިންމުމުގައިވެއެވެ. އަދި އިސްތިއުނާފްކުރެވުނު ނިންމުމަކީ ދަށު ކޯޓުން ނިންމި ނިންމުމެއް ނޫންކަމަށާއި އަދި އެއީ ޓްރައިބިއުނަލަކުން ނިންމި ނިންމުމެއްކަމަށްވެސް ބެލޭނޭ ޖާގައެއް ނެތްކަމަށް ހައިކޯޓުގެ ހުކުމްގައިވެއެވެ.