2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު، މާފަންނު އައިޓަމްސް ފިހާރަ ކައިރިން ތޫނު އެއްޗަކުން ހަމަލާދީ ވ.ކެޔޮދޫ ދޭލިއާގޭ، މޫސާ އަހުމަދު މަރާލި މައްސަލާގައި ދައުލަތުން ދައުވާ އުފުލި އދ. މާމިގިލީ ސޭޑީގްރޯވް، އިބްރާހިމް ސައްމާހު އަހުމަދު ފަތުހީގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުންނާއި ހައިކޯޓުން ނިންމާފައި ވަނިކޮށް އެމައްސަލަ ކްރިމިނަލް ކޯޓުން ބަލަން ސުޕްރީމް ކޯޓުން ޙުކުމް ކޮށްފައެވެ.

މޫސާ އަހުމަދު މަރާލި މައްސަލައިގައި ސައްމާހުގެ މައްޗަށް އުފުލީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއެވެ. އޭނާގެ އިތުރުން އިތުރު ތިން މީހެއްގެ މައްޗަށް ވެސް ދައުލަތުން ދައުވާ އުފުލިއެވެ. އެތިން މީހުންގެ މައްޗަށް އުފުލީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.

ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގައި 15 ދުވަހުގެ ތެރޭގައި ދައުވާ ކުރަން ޖެހޭނެ ކަމަށް ބަޔާންކޮށްފައި އޮތުމުން ކްރިމިނަލް ކޯޓުން ޙުކުމް ކުރީ ސައްމާހްގެ މައްޗަށް ދައުވާ އުފުލާފައި ވަނީ އެއަށްވުރެ ދިގު މުއްދަތެއް ފާއިތުވި ފަހުން ކަމަށްވާތީ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ އެނިންމުމަށް ތާއިދު ކޮށްފައެވެ. ނަމަވެސް ސުޕްރީމް ކޯޓުން މިއަދު އިއްވި ޙުކުމުގައި ވަނީ ކްރިމިނަލް ކޯޓާއި ހައިކޯޓުގެ ޙުކުމް ބާތިލް ކޮށްފައެވެ. އަދި ޕްރޮސެކިއުޓަރ ޖެނެރަލް އަލުން ސައްމާހްގެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅައިފިނަމަ އެމައްސަލަ ބަލަން ވެސް ޙުކުމް ކޮށްފައި ވެއެވެ.

ސުޕްރީމް ކޯޓުގެ ޙުކުމުގައި ވިދާޅުވީ ޤާނޫނުގައި ޚާއްޞަ އުޞޫލުތަކެއް ކަނޑައަޅައި، މުއްދަތުތަކެއް ކަނޑައަޅާފައިވަނީ އިންސާފު އަވަސް މިނެއްގައި ހޯދައި ދިނުމަށެވެ. ނަމަވެސް މިއިން މުއްދަތެއް ފަހަނައަޅައި ގޮސް ކުށްވެރިއަކު ވީއްލުމަކީ ޤާނޫނުގެ މަޤްސަދެއް ނޫންކަމަށް ސުޕްރީމް ކޯޓުން ވިދާޅުވިއެވެ. "އަވަސް މުއްދަތު ތަކެއްގައި ދަޢުވާކުރުމަށް ބަޔާންކޮށްފައިވަނީ އެކަމުގެ މުހިއްމުކަން އޮތީމައެވެ. ދަޢުވާކުރެވެނީ ހެކި ހުރެގެން ކަމުގައި ވާތީވެ ބޮޑު ކުށެއްގައި 15 (ފަނަރަ) ދުވަހުގެ ތެރޭގައި ހެކި އެއް ނުކުރެވިދާނެއެވެ. އަދި އެއަށްފަހު، އެ މުއްދަތަށް ހެކި ނުލިބިއްޖެ ކަމުގައިވާނަމަ، ތަޙްޤީޤު ކުރުމަށް ނުވަތަ ދަޢުވާކުރުމަށް އެކަށޭނަ ކުރު މުއްދަތެއް އިތުރު ކުރުމުގެ އިޚްތިޔާރަކީ ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިފައިވާ މުތުލަޤު ބާރެކެވެ." ސުޕްރީމް ކޯޓުގެ ޙުކުމުގައި ވެއެވެ.

ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނަކީ، އެ ޤާނޫނުގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން 15 ދުވަހުގެ ތެރޭގައި ދަޢުވާ ނުކުރެވިއްޖެނަމަ، ނުވަތަ އެ ޤާނޫނުގެ ދަށުން ދަޢުވާ ކޯޓަށް ހުށަހަޅާ ތާރީޚުން ފެށިގެން ގިނަވެގެން 30 ދުވަހުގެ ތެރޭގައި އެ މައްސަލައިގައި ކޯޓުން ޙުކުމެއް ނުކުރެވޭނެ ކަމަށް ފެންނަނަމަ، އެ ޤާނޫނުގެ 17 ވަނަ މާއްދާގެ (ނ) ގައިވާ އުޞޫލުން ތަޙްޤީޤުކުރުމާއި ދަޢުވާކުރުން ކަމުގައިވާނަމަ ޕްރޮސިކިއުޓަރ ޖެނެރަލަށް ފެންނަ އެކަށީގެންވާ އެންމެ ކުރު މުއްދަތެއް އިތުރުކުރެވިދާނެ ކަމާއި އެ ނޫން ކަންކަމުގައި، ކޯޓުން މައްސަލަ ނިންމުމުގައި ކަނޑައަޅަންޖެހޭ މުއްދަތު ފަދަ ކަންކަމުގައި، އެ މައްސަލަ ބަލާ ފަނޑިޔާރުގެ ނަޒަރުގައި އެކަށޭނެ އެންމެ ކުރު މުއްދަތެއް އިތުރު ކުރެވިދާނެކަމަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްވި ޙުކުމުގައި ވެއެވެ.

މިމައްސަލަ ބެއްލެވީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ބެންޗްގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޑރ.މުހައްމަދު އިބްރާހިމެވެ. ދެން ބެންޗްގައި ތިއްބެވީ ފަނޑިޔާރު ހުސްނުއްސުޢޫދު އާއި ފަނޑިޔާރު އަލީ ރަޝީދު ޙުސައިންއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރަނގަޅޭ

    ބަރާބަރު ނިންމުމެއް. މީގައި ގަމާރީ މަޖުލިސް. އެތައް ބައިވަރު މެމްބަރުން ތިބެ އެތައް ދުވަހަކު ބަހުސްކޮށް، މިފަދަ އިބާރާތް ލިޔާއިރު ސުޕްރީމް ކޯޓުގެ ޙުކުމުގައި ހުރި ފަދަ އިބާރާތްތަކެއް ބޭނުން ކުރަން ނޭނގުނީމައެވެ. ދަށުކޯޓުތަކުން އެނިންމީ ގާނޫނުގައި އޮތްގޮތަށެވެ. އެކިއެކި ސަބަބުތަކާހެދި 15 ދުވަހުން އެންމެ މީހެއްގެ ބަޔާނެއް ނުނިންމިގެން އުޅޭއިރު 15 ދުވަހުން ދައުވާކުރެވޭނެކަމަށް ހީކުރީތަ؟

    • ޕީޖޭ

      ސްޕްރީމް ކޯޓުގައި ތިބޭނީ ކިޔަވައިގެން ތިބި މީހުން.. ނޫންނަމަ ޝަރުތު ހަމަ ނުވާނެ.. މަޖިލިސް މެމްބަރަކަށްވެ ޤާނޫނު ހަދަން ނިކުނަ މީހާގެ ޝަރުތެއް ނެތް.. އިސްލާމަކަށް ވެފައި ބާލިޤުވީމަ ނިމުނީ..

      5
      1