ޝައުބާން މަހުގެ 15 ވަނަ ދުވަހުގެ ކުރިން ގަޟާ ރޯދަ ހިފުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފައެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިއްވި ހުކުރު ހުތުބާގައި ވަނީ ޝައުބާން މަހު ސުންނަތް ރޯދަ ހިފުމާއި، މި މަހުގެ ފަހު ފަނަރައިގެ ފަހުން ގަޟާ ރޯދަ ހިފުން ރަނގަޅު ނޫން ކަމަށް ވިދާޅުވެފައެވެ.

ޚުތުބާގައި ވިދާޅުވީ ޝައުބާން މަހަކީ އެހެން މަސްމަހަށް ވުރެ ގިނައިން ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ރޯދަފުޅު ހިއްޕަވާ މައްސަރެއް ކަމަށެވެ.

"ރަމަޟާން މަހުން ފާއިތުވެފައިވާ ރޯދަތައް މި މަހު ގަޟާ ކުރަން އަވަސްވެގަންނާށެވެ! ޝައުބާން މަހުގެ ފުރަތަމަ ފަނަރަ ފާއިތުވެއްޖެ ނަމަ ސުއްނަތް ރޯދަހިފުން ހުއްޓައިލާށެވެ. އެހެނީ ކީރިތި ރަސޫލާ ގެ ޙަދީސް ކުރައްވާފައި ވަނީ ޝައުބާން މަސް ދެބައި ވެއްޖެ ނަމަ ފަހެ އެބައިމީހުން ރޯދަ ނުހިފާހުށިކަމެވެ!" ޚުތުބާގައިވެއެވެ.

މި ޙަދީސުން ދޭހަވަނީ އާންމުކޮށް ހިފަމުންދާ ސުއްނަތް ރޯދަ ފިޔަވައި، މި ދުވަސްތަކުގައި ސުންނަތް ރޯދަ ނުހިފުމަށް އަމުރު ކުރެއްވި ކަމަށެވެ.

އެކަމަކު އެމީހަކީ ފާއިތުވި ރަމަޟާން މަހުގެ ރޯދައެއް ގަޟާ ކުރަން ޖެހިފައިވާ މީހަކު ނަމަ، ނުވަތަ ނަދުރު ރޯދައެއް ހިފަން ޖެހިފައިވާ މީހަކު ނަމަ، ނުވަތަ އާދަކޮށް ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހާއި ބުރާސްފަތި ދުވަހު ރޯދަހިފުމަށް އާދަވެފައިވާ މީހަކު ނަމަ، ނުވަތަ އާދަކޮށް، ދެ ދުވަހުން އެއް ދުވަހު ރޯދަހިފާ މީހަކު ނަމަ، ޝަޢުބާން މަސް ދެބައިވުމުން ވެސް އެފަދަ ރޯދަ ހިފުން މަނާ ވެގެން ނުވާކަމަށް ޚުތުބާގައި ވަނީ ވިދާޅުވެފައެވެ.

ޝަޢުބާން މަހުގެ ފަނަރަ ވިލޭރޭގެ މާތްކަމާ ބެހޭގޮތުން ވާރިދުވެފައިވާ ޙަދީސްތަކަކީ، އިތުބާރުހުރި ބޮޑެތި ޢިލްމުވެރިން ޤަބޫލު ނުކުރައްވައި، ރައްދުކުރައްވާފައިވާ ޙަދީސްތަކެއް ކަމަށާއި، ޝަޢުބާން މަހުގެ ފަނަރަ ވިލޭރެއަށް ޚާއްޞަވެގެންވާ ނަމާދެއް، އަދި އެ ދުވަހު ހިފަން އަންގަވާފައިވާ ރޯދައެއް ވެސް ނެތް ކަމަށް ޚުތުބާގައި ވަނީ ވިދާޅުވެފައެވެ.

"އެ ދުވަހަށާއި އެރެއަށް ޚާއްޞަވެގެންވާ ވަކި ދުއާއެއް ވެސް ނެތެވެ. މުސްލިމް އަޚުންނޭވެ! ޝަޢުބާން މަހުގައި ފާހަގަ ކުރެވޭ މުހިއްމު ކަމަކީ ހިޖުރައިން ދެ ވަނަ އަހަރު މުސްލިމުންގެ ގިބުލަ އަލްމަސްޖިދުލް އަޤްޞާއިން އަލްމަސްޖިދުލް ޙަރާމަށް ބަދަލު ކުރެއްވުމެވެ." ޚުތުބާގައިވެއެވެ.

ރަމަޟާން މަހަށް ތައްޔާރުވަމުންދާ، މުސްލިމުންނާ މުހާތަބުކޮށް ޚުތުބާގައި ވިދާޅުވެފައި ވަނީ، ވޭތުވެދިޔަ އަހަރުގެ ފަރްޟު ރޯދައެއް ގަޟާކުރަން ޖެހިފައިވާ ނަމަ، އެ ރޯދަ އަވަހަށް ގަޟާކުރަން ޖެހޭކަމަށެވެ. އަދި ހީވާގިކަމާއެކު ރަމަޟާން މަހަށް އިސްތިޤުބާލުކުރަން ތައްޔާރުވުމަށް ވަނީ ގޮވާލާފައެވެ. ރަމަޟާން މަހުގެ އަޅުކަމަށް ވަގުތު ދެވޭ ގޮތަށް ވަގުތުތައް ރާވާލައި ރަމަޟާން މަހަށް ތައްޔާރުވުމަކީ އިސްރާފު ކުރުން އޮތް ކަމެއް ނޫންކަން ދަނެ ފިތުރު ޒަކާތް ދެއްކުމަށް ނިޔަތް ގަނެ، އެ މަސް ނިމުމުގެ ކުރިން ފިތުރު ޒަކާތް ދެއްކުމަށް ވަނީ ގޮވާލައިފައެވެ.

އަދި ދީލަތިކަން އިތުރުކޮށް މަޑުމައިތިރި މީހަކަށްވެ ޒުވާބުކުރުމާއި، ހަޑިހުތުރު ބަސްތަކާ ދުރުހެލިވެ، ކެތްތެރިކަން އިތުރުކުރުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ. ދޮގުހެދުމާއި، ފުރައްސާރަ ކުރުމާ ދުރުހެލިވެ ފުރިހަމަ ގޮތުގައި ރޯދަހިފުމަށް ތައްޔާރުވުމުގައި ތިމާގެ ގުނަވަންތަކުން ދާ ކުރަންޖެހޭ ދައުރެއް ވާކަން ދަނެ، އެ ގުނަވަންތައް ކުށްތަކާ ދުރުހެލި ކުރުމަށް ޚުތުބާގައި ވަނީ ގޮވާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ތުނބުޅި

    ކީއްކުރާނީ. ހުޠުބާ ކީފަހުން މި އުޅެނީ 24 ގަޑިއިރު ނުވެ އެހާ އަވަހަށް ތިޔަ އޮޅުވާލީ. ގަޟާ ރޯދަ ޝައުބާން މަހުގެ 15 އިގެ ފަހުގަވެސް ހިފޭނޭ ބުނެފަ އޮތީ. ޝައުބާން މަހުގެ ރޯދަ އާއި އާއްމުކޮށް ސުންނަތްރޯދަ ނުހިފާ މީހުން ރޯދަހިފުން 15 އިގެ ފަހުން ނޯންނަ ވާހަކަ ބުނީ. މީމަށަށް އަޑު އިވުނު ގޮތް. މަށަށް އޮޅިފަ އޮތްނަމަ މަޢާފަށްއެދެން

  2. ﷲގެ އަޅާ