ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމްގެ ޒިންމާއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ދައުވާ ކުރުން އެކަނި ކަމަށް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ.
ޖަމީލް އެގޮތަށް ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގި ކަމަށް ބުނާ މައްސަލައިގައި ދައުވާ ނުކުރަން ދެ ވަނަ ފަހަރަށް ޝަމީމް ނިންމެވުމާ ގުޅިގެންނެވެ.
ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮވިޑްގެ، އެންމެ ބޮޑު ކޮރަޕްޝަންގައި ވެންޓިލޭޓަރު ގަންނަން ދެ މިލިއަން ޑޮލަރު ނެގި ކަމަށެވެ. އަދި އެންމެ ފަހުން ވެންޓިލޭޓަރާއި ފައިސާ ވެސް ލިބިފައި ނުވާ ކަމަށް ޖަމީލް ވިދާޅުވިއެވެ.
ކޮވިޑްގެ، އެންމެ ބޮޑު ކޮރަޕްޝަންގައި ވެންޓިލޭޓަރ ގަންނަން 2 މިލިއަން ޑޮލަރ ނެގި. ވެންޓިލޭޓަރވެސް، ފައިސާވެސް ނުލިބުނު. ޕީޖީ @HuShameem ގެ ޒިންމާއަކީ ރައީސް ޔާމީނަށް ދަޢުވާކުރުން އެކަނި. ޕީޖީ އަކީ ރައީސް އޮފީހުގެ ޑިވިޝަނެއްކަން ކަށަވަރުވެއްޖެ. މިއީ ދަޢުވާކުރަންޖެހޭ މައްސަލައެއް pic.twitter.com/RBPslHixxB
— Mohamed Jameel Ahmed (@MJameelAhmed) March 26, 2021
"ޕީޖީ ޝަމީމްގެ ޒިންމާއަކީ ރައީސް ޔާމީނަށް ދައުވާ ކުރުން އެކަނި. ޕީޖީ އަކީ ރައީސް އޮފީހުގެ ޑިވިޝަނެއްކަން ކަށަވަރުވެއްޖެ. މިއީ ދަޢުވާކުރަންޖެހޭ މައްސަލައެއް،" ޖަމީލް ވިދާޅުވިއެވެ.
ހެލްތު މިނިސްޓްރީން ވެންޓިލޭޓަރުތައް ގެންނަން ހަވާލުކުރި އެއް ބަޔަކީ ދުބާއީގެ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓާސް ޕްރައިވެޓް ލިމިޓެޑާއެވެ. އެ ކުންފުންޏަށް އެޑްވާންސްކޮށް ފައިސާ ދެއްކުމުގައި ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވާ ކަމަށް އޮޑިޓަ ޖެނެރަލް އޮފީހާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ތުހުމަތުކޮށްފައެވެ. އޭސީސީ އިން އެ މައްސަލަ ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އަށް ފޮނުވުމުން ޕީޖީން ނިންމީ އެކަމުގައި ދައުވާ ކުރެވޭ ވަރުގެ ހެއްކެއް ނެތް ކަމަށެވެ. ނަމަވެސް އޭސީސީން ވަނީ އެ ނިންމުން މުރާޖައާ ކުރުމަށް ޕީޖީގައި އެދިފައެވެ.
އަލުން މައްސަލަ މުރާޖާ ކުރުމަށް ފަހު ޕީޖީ ހުސެއިން ޝަމީމްގެ ނިންމުން ބަދަލެއް ނުކުރެއްވިއެވެ. އާއްމުންގެ ކަންބޮޑުވުން ވެސް އިންތިހާއަށް އޮތް ބޮޑު މައްސަލައިގައި ޝަމީމް އިއްޔެ އޭސީސީ އަށް އަންގަވާފައި ވަނީ ވެންޓިލޭޓަރުގެ މައްސަލާގައި އެއްވެސް ބަޔަކަށް ދައުވާ ނުކުރަން މީގެ ކުރިން ނިންމި ނިންމުން ބަދަލު ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ޖަމީލް އެގޮތަށް ވިދާޅުވި އިރު، މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ގެންދަވަނީ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެމަނިކުފާނު އެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ. އެ ހުކުމްގެ އިތުރުން އެމަނިކުފާނުގެ މައްޗަށް އިތުރު ދައުވާތަކެއް ކުރުމަށް ކްރިމިނަލް ކޯޓަށް ވަނީ ހުށަހަޅައިފައެވެ.
ކަލެ އަށް މިއަދު ދޯ ތިކަން އެނގުނީ؟ މަ ޗާ ތި އުޅެނީ ހާދަ ފަހަތުގައި ދޯ
އާ އެހެންކަމެއް އޭނަ ނުކުރޭ! އޭނަ އެތަނަށް ލުމަކުން
އަދުލު އިންސާ އައި ހިޔޮ ބަދަލެއްނެތް.
ޝަމީމު އަކީ އެތަން ލާފަހުރި ޕަޕެޓެއް އޭނާއަކީ ވަރަށް ވެސް ބަސްއަހާ ބުނާ ގޮއިހަދާ ކުއްޖެއް