ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގި ކަމަށް ބުނާ މައްސަލައިގައި އިސްތިއުފާ ދޭންވީ ހަމައެކަނި ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް އެކަނި ނޫން ކަމަށާއި ސަރުކާރުގެ މުޅި ޓީމު އެއްކޮށް އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މާވަށު ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ސައީދު ރޭ ވިދާޅުވެއްޖެއެވެ.

ރާއްޖެ އަށް ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގި ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީ އަށް ފޮނުވާފައިވާ މައްސަލައިގައި ޝަމީމް ނިންމަވާފައި ވަނީ ދައުވާ ނުކުރުމަށެވެ. އެހެންވެ، ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޝަމީމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، އޭނާ އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

ނަޝީދު ފާޑު ވިދާޅުވީ އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕްގެ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕަށް ދޫކޮށްލެވި މެސެޖެއްގައެވެ. އެ މެސެޖްގައި ރައީސް ނަޝީދު ވިދާޅުވީ ވެންޓިލޭޓަރުގެ ހިޔާނާތް ބެލުމުގައި ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް ފެއިލްވެފައިވާ ކަމަށެވެ.

"ވެންޓިލޭޓަރު ވައްކަން ބެލުމަށް ޕީޖީ ވަނީ ފެއިލްވެފައި. ވެންޓިލޭޓަރު ގަތުމަށް ސަރުކާރުން ވަނީ ފައިސާ ދީފައި، އެހެން ނަމަވެސް ވެންޓިލޭޓަރުތައް ނުލިބޭ. ދެން ކޮން އުންސުރެއް ކިޔާކަށް،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ އެ ވާހަކަތަކަށް އިޝާރާތް ކުރައްވާ ކުރީގެ އިކޮނޮމިކް މިނިސްޓަރު ކަން ވެސް ކުރެއްވި ސައީދު ވިދާޅުވީ ރައީސް ނަޝީދު މުޅީން ވެސް ޖައްސަވަނީ "ސްޓަންޓް" ކަމަށެވެ. އަދި މިހާރު ޖައްސަވާ "ސްޓަންޓް" ތަކުން ރައްޔިތުންނަށް އޮޅުވާ ނުލެވޭނެ ކަމަށާއި އެހެން ހީވާ ނަމަ އެއީ ކުށް ހީއެއް ކަމަށް އޭނާ ވިދާޅުވިއެވެ. އިސްތިއުފާ ދޭންވީ ޝަމީމް އެކަނި ނޫން ކަމަަށާ މުޅި ޓީމުގައި އެކުގައި އިސްތިއުފާދޭން ޖެހޭ ކަމަށް ސައީދު ވިދާޅުވިއެވެ.

މިއީ ކޮވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގި ކަމަށް ބުނާ މައްސަލައިގައި ދައުވާ ނުކުރައްވަން ޝަމީމް ނިންމެވި ދެ ވަނަ ފަހަރެވެ. ޝަމީމް އެގޮތަށް ނިންމެވުމާ ގުޅިގެން މިފަހަރު އެންމެ ބޮޑަށް ފާޑު ކިއުން އަމާޒުވެފައި ވަނީ ވެސް އޭސީސީއަށެވެ. ވެންޓިލޭޓަރުގެ މައްސަލައިގައި ކޮރަޕްޝަން ހިންގި ކަމަށް ބުނެ މި މައްސަލަ އެންމެ ވަރުގަދަ އަށް ތަހުގީގު ކުރީ ވެސް އޭސީސީންނެވެ.

ހެލްތު މިނިސްޓްރީން ވެންޓިލޭޓަރުތައް ގެންނަން ހަވާލުކުރި އެއް ބަޔަކީ ދުބާއީގެ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓާސް ޕްރައިވެޓް ލިމިޓެޑާއެވެ. އެ ކުންފުންޏަށް އެޑްވާންސްކޮށް ފައިސާ ދެއްކުމުގައި ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވާ ކަމަށް އޮޑިޓަ ޖެނެރަލް އޮފީހާއި އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ތުހުމަތުކޮށްފައެވެ. އޭސީސީ އިން އެ މައްސަލަ ޕީޖީ އަށް ފޮނުވުމުން ޕީޖީން ނިންމީ އެކަމުގައި ދައުވާ ކުރެވޭ ވަރުގެ ހެއްކެއް ނެތް ކަމަށެވެ. ނަމަވެސް އޭސީސީން ވަނީ އެ ނިންމުން މުރާޖައާ ކުރުމަށް ޕީޖީގައި އެދިފައެވެ.

އަލުން މައްސަލަ މުރާޖާ ކުރުމަށް ފަހު ޕީޖީ ހުސެއިން ޝަމީމްގެ ނިންމުން ބަދަލެއް ނުކުރެއްވިއެވެ. އާއްމުންގެ ކަންބޮޑުވުން ވެސް އިންތިހާއަށް އޮތް ބޮޑު މައްސަލައިގައި ޝަމީމް އިއްޔެ އޭސީސީ އަށް އަންގަވާފައި ވަނީ ވެންޓިލޭޓަރުގެ މައްސަލާގައި އެއްވެސް ބަޔަކަށް ދައުވާ ނުކުރަން މީގެ ކުރިން ނިންމި ނިންމުން ބަދަލު ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ދަރަނި ދަންތުރަ

    މި ސަރުކާރުގައި ތިބި ހުރިހާވަގުން އިސްތިއުފާ ސަހަލު އެކަތިވެސް ނެތް ގައުމުދަވާލައިފި

    23
  2. ޢަހު

    ރައްވެހި ނަޖިސް ބަލައިގެން ތިއްބާ ގައުމު އޮޔާގޮސް އެގަންޖާ 19 ބޮއިގެން ނުތާހިރު ދިރިއުޅުމުން ޒުބާނުން ގޮނޑުހޮވަން ޖެހުމަކީ ހިއްދަތިކަމެއް އިބޫ ޖެހޭނެ ޒިންމާވާން

    11
  3. މާވަށު ލޯބި

    ނިކަން ކެރެންޏާ ޖަހާލަ ބަލަ!
    ސަޢީދަށް ގަންނަ ބީތާ ހުރީ ވެރިކަން ކުރާހިތުން ގޮސް ހޭބަލިވެފާ! ބީތާ އަކަށް ޤާސިމުގެ ތައްޕާހުން މިހިސާބަށް އާދެވުނު އިރު ކާންދިން މީހާާވެސް ވަކިކުރަން ނޭނގުނު.

    1
    6
  4. ދަރަނި ދަންތުރަ

    ރައްވެހި ފަތިސް ނުފެނި ، ފަތިސްނަމާދުނުކޮށް ގައުމު ދަވާލައިފި ލާދީނީ ތިލަފަތަށް ހޯހޯ ހޯހޯ ހޯހޯ

  5. ކައްބެ

    ގައުމުދިރުވާލި ސޯލިހު ޖަލަށް.