ބޮލީވުޑްގެ ބަތަލާ ދިއާ މިރްޒާ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށް ރާއްޖެ އައިސްފިއެވެ.

ދިއާ އާއި ފިރިމީހާ ވައިބާވް ރޭކީ ޗުއްޓީ ހޭދަކުރަނީ ޖޭއޭ މަނަފަރު ރިސޯޓުގައެވެ. އެ ރިސޯޓުގައި ނަގާފައިވާ ފޮޓޯތަކެއް ދެ މީހުންގެ މީސްމީޑިއާގައި އާންމުކޮށްފައިވާ އިރު، ދިއާ ބޮޑަށް އާންމުކޮށްފައި ހުރީ "ފޮޓޯޝޫޓެއްގައި" ނަގާފައިވާ ފޮޓޯތަކެވެ. އޭގެ އިތުރުން ރިސޯޓުގެ ބައެއް މަންޒަރުތައް ވެސް ދިއާގެ އިންސްޓަގްރަމް އެކައުންޓްގައި ވަނީ އާންމުކޮށްފައެވެ.

އުމުރުން 39 އަހަރުގެ ދިއާ އާންމު ކުރި ފޮޓޯތަކަށް އެތައް ލައްކަ އަށް ލައިކްސް ވަނީ ލިބިފައެވެ.

ދިއާ އާއި ވައިބާވް ކައިވެނިކޮށްފައި ވަނީ ދާދި ފަހުންނެވެ. މިދިޔަ މަހުގެ 15 ދުވަހު ދެ މީހުން ކައިވެނި ކުރި އިރު، މިއީ ދިއާގެ ދެ ވަނަ ކައިވެންޏެވެ. އޭނާގެ ފުރަތަމަ ކައިވެނި ރޫޅާލާފައި ވަނީ މިދިޔަ އޮގަސްޓް މަހުއެވެ. އެ ކައިވެންޏަށް ދަރިއަކު ލިބިފައިވެއެވެ.

ދިއާ ބޮލީވުޑަށް ތައާރަފުވީ 2001 ގެ ފިލްމު "ރެހެނާ ހޭ ތޭރޭ ދިލް މޭ" އިންނެވެ. ދިއާ އެންމެ ފަހުން ފެނުނު ފިލްމަކީ ތާޕްސީ ޕައްނޫގެ "ތައްޕަޅު" ގެ ސަޕޯޓިން ރޯލަކުންނެވެ. އޭނާގެ މުޅި ފިލްމީ ކެރިއަރު ވެސް ފެނިފައި ވަނީ ސަޕޯޓިން ރޯލްތަކުންނެވެ.

ދިއާއަކީ މާ ގިނަ ފިލްމުތަކެއް ކުޅުނު ބޮލީވުޑްގެ ފަންނާނެއް ވެސް ނޫނެވެ.

ދިއާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ އިރު، މި އަހަރަކީ ގިނަ އަދަދެއްގެ އިންޑިއާގެ ފިލްމީ ތަރިން ރާއްޖެ އައިސް ޗުއްޓީ ހޭދަކުރަމުން އަންނަ އަހަރެކެވެ. އިންޑިއާއަކީ މިވަގުތު އޮތް ރާއްޖޭގެ އެންމެ ބޮޑު ފަތުރުވެރިކަމުގެ މާކެޓެވެ.