އަންނަ ހޯމަ ދުވަހު ރާއްޖެ އަށް ގަޑިއަކު 91 ކިލޯމީޓަރުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ފެތުރޭ މައުލޫމާތު އެއީ ރަނގަޅު ވާހަކައެއް ނޫން ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން މިއަދު ހާމަކޮށްފިއެވެ.

މެޓް އޮފީހުގެ އޮފިޝަލަކު "ވަގުތަށް" ވިދާޅުވީ މި ދުވަސްވަރު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރަނީ މި ސަރަހައްދުގައި އުފެދިފައިވާ ސާކިއުލޭޝަނަކާ ހެދި ކަމަށެވެ. އަދި އާދަޔާ ހިލާފު ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށް ބުނެ ދައްކަނީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ރާއްޖެ އަށް ގަޑިއަކު 91 ކިލޯމީޓަރުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ފެތުރޭ ވާހަކައަކީ ސައްހަ ވާހަކައެއް ނޫން،" އޮފިޝަލް ވިދާޅުވިއެވެ.

މީސް މީޑިއާގައި އެހާ ބޮޑަށް އެވާހަކަ ފެތުރުނީ އޮސްޓްރޭލިއާގެ ކޮކޯ އައިލެންޑްސްގެ ހުޅަނގު އުތުރާއި ޑިއޭގޯ ގާސިއާގެ ހުޅަނގު ދެކުނުން ގާތްގަނޑަކަށް 470 ނޯޓިކަލް މޭލު ދުރުގައި ދެ ކޮޅިގަނޑެއް އުފެދިފައިވާތީއެވެ. އެކަމަކު އެ ދެ ކޮޅިގަނޑު ވެސް ދަތުރުކުރަމުން ދަނީ ރާއްޖެއާ ދުރަށެވެ.

އޮފިޝަލް ވިދާޅުވީ ދެ ކޮޅިގަނޑުގެ އަސަރު ރާއްޖެއާ ދުރަށް ދާތީ އޭގެ އަސަރު ރާއްޖެ އަށް ކުރާނެ ކަމަށް ނުބެލެވޭ ކަމަށެވެ. ނަމަވެސް އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ރާއްޖެ އަށް ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ވިއްސާރައިގައި ކުރިއަށް އޮތް 24 ގަޑިއިރު އާންމުކޮށް ވައި ޖެހޭނެ ކަމަށް ލަފާކުރަނީ ގަޑިއަކު 5-15 މޭލުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓުން ބުނެއެވެ.

ހޯމަ ދުވަހު ގަޑިއަކު 13 -23 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި 45 މޭލުގެ ބާރުމިނުގައި ވައި ޖެހުން އެކަށީގެންވާ ކަމަށް މެޓް އޮފީހުގެ އޮފިޝަލް ވިދޅާުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކޮވިޑް

    "ރާއްޖެ އަށް ގަޑިއަކު 91 ކިލޯމީޓަރުގެ ބާރުމިނުގައި ވައި ޖެހިއްޖެ ނަމަ " ހަމަޔަޤީން މި ވެރިކަން ވެއްޓި ބިމާ ހަމަ ވާނެ.

  2. ލޮލް

    ނުކިޔަވާ ތިބޭ މީހުން ތިކަހަލަ އަނގަ ތަލާޅެ..

  3. ދަންބެރު

    ތާކުންތާކު ނުޖެހޭ ވެރިކަމަށް ވައި އެއީވެސް އިބުރަތެއް ބިރުވެތިވޭ ދީނަށް ފުރަށްސާރަނުކުރޭ ހޭއަރާ.