ރ. އަލިފުށިން ދެ އަހަރުގެ ކުއްޖަކު ކޮވިޑް-19 އަށް ފައްސިވެ، އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

އަލިފުށި ކައުންސިލްގެ ރައީސް އަބްދުﷲ ރާޒީ "ވަގުތު" އަށް ވިދާޅުވީ، ކުއްޖާގެ ސުންކު ނަގާފައިވަނީ މި މަހުގެ 25 ވަނަ ދުވަހު ކަމަށެވެ. އެ ކުއްޖާ އަކީ އުނގޫފާރު އިހާއާއި ގުޅުން ހުރި ވޭދަނައެއް ކަމުން ފައްސިވިއިރު، އެ ކުއްޖާގެ އާއިލާ އޮތީ ކަރަންޓީނުގައި ކަމަށް ރާޒީ ވިދާޅުވިއެވެ.

ރާޒީ ވިދާޅުވީ، ކުއްޖާ ފައްސިވުމާއި ގުޅިގެން މިވަގުތު ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށާއި އިތުރު ސުންކު ނެގުމުގެ މަސައްކަތް ވެސް މިވަގުތު ކުރަމުން އަންނަ ކަމަށެވެ.

ރާޒީ ވަނީ މި ހާލަތުގައި ރަށުގެ ރައްޔިތުން ކަމާއި ބެހޭ އިދާރާތަކުން އަންގާ އެނގުމާއި އެއްގޮތަށް ފަރުދީ ޒިންމާ ނަގައިގެން ގޭގައި ތިބުމަށް އިލްތިމާސް ކޮށްފައެވެ.

އުނގޫފާރު އިހާއާއި ގުޅިގެން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވެ ހަތަރު ރަށަކަށް އަރާ ފޭވުން ވަނީ މަނާ ކޮށްފައެވެ. އޭގެ ތެރޭގައި ކ. ދިއްފުށި، ޅ. ނައިފަރު އަދި ރ. މަޑުއްވަރީ ހިމެނެއެވެ. މީގެ އިތުރުން ވެސް ރާއްޖޭގެ ގިނަ ރަށްތަކެއްގައި ކޮވިޑް-19 ދަނީ ހަލުވި ކަމާއި އެކީ ފެތުރެމުންނެވެ.

ރާއްޖެއިން މިހާތަނަށް 23،237 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، އޭގެ ތެރެއިން 146 މީހަކީ ފާއިތުވި 24 ގަޑިއިރު ފައްސިވެފައިވާ މީހުންނެވެ. މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރެއިން 20،529 މީހަކު ވަނީ ރަނގަޅުވެފައެވެ. އަދި 66 މީހަކު ވަނީ ނިޔާވެފައެވެ.