ރ. މަޑުއްވަރީގައި އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލައިގައި އެކަށީގެންވާ ފިޔަވަޅުތައް ނާޅާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުގެ ހާއްސަ ސިޓީއެއް ޖެންޑަ މިނިސްޓްރީ އަށް މިއަދު ހުށަޅައިފިއެވެ.

އިދިކޮޅު ފަރާތްތަކުން މި ސިޓީ ހުށަހަޅާފައިވަނީ ޕީޕީއެމް/ޕީއެންސީގެ ބައެއް ސަޕޯޓަރުންނާއެކު ހިނގާފައި ޖެންޑަ މިނިސްޓްރީ ދޮށަށް ގޮހެވެ. އެމީހުން އެސަރަހައްދަށް ދިއުމުން ފުލުހުން ފުރަތަމަ ހުރަސް އެޅިއެވެ. އެކަމަކު ފަހުން، އިދިކޮޅު ލީޑަޝިޕްގެ ދެ ތިން ބޭފުޅަކަށް ޖެންޑަ މިނިސްޓްރީ ތެރެއަށް ވެންނެވުމުގެ ފުރުސަތު ދިނެވެ. އޭގެ ތެރޭގައި މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފް ވެސް ހިމެނިވަޑައިގަންނަވައެވެ.

މަޑުއްވަރީގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި އެ ރަށުގެ ރައްޔިތުން ތިބީ ކަންބޮޑުވެފައެވެ. އެއީ އެ މައްސަލައިގައި ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ވެސް އެކަށީގެންވާ ފިޔަވަޅެއް ނޭޅި މައްސަލައިގައެވެ.

ކުއްޖާގެ އާއިލާ އިން ބުނާ ގޮތުގައި ކުޑަ އަންހެން ކުއްޖާ އަށް ގަދަކަމުން ޖިންސީ ގޯނާ ކުރީ ތިން މީހަކު ބައިވެރިވެގެންނެވެ. ޖިންސީ ގޯނާގެ ޝިކާރައަކަށްވި ކުއްޖާގެ އެސެސްމަންޓްތައް ހެދުމަށްޓަކައި އެ ކުއްޖާ މިހާރު ވަނީ މާލެ ގެނެސްފައެވެ.

މިމައްސަލައާ ގުޅޭގޮތުން އެކިއެކި ފަރާތްތަކުން ފުލުހުންނާއި ހިއްސާކުރަމުންދާ މައުލޫމާތުތަކާއި މީސްމީޑިއާގައި ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި މައުލޫމާތުތަކުގެ ސައްހަކަން ކަށަވަރު ކުރުމާއި މައްސަލައާ ގުޅިގެން ހޯދަންޖެހޭ ހެއްކާއި ގަރީނާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ފުލުހުން ކުރަމުންގެންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ނަމަވެސް މި މައްސަލައިގައި އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރެއެވެ.

މަޑުއްވަރީގައި ކުއްޖަކު ރޭޕް ކުރި މައްސަލައިގައި ބަޔަކު ހައްޔަރު ނުކުރާތީ އެރަށުގެ ޕޮލިސް ސްޓޭޝަން ކައިރިއަށް ބަޔަކު އެއްވެ ހަމަނުޖެހުން ހިންގުމުން މިހާތަނަށް ދިހަ މީހަކު ހައްޔަރުކޮށްފައި ވެއެވެ.