ކޮވިޑް-19 ގެ ނުރައްކާތެރި ހާލަތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެ އަށް ވެންޓިލޭޓަރުތައް ގަތުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގި ކަމަށް ބުނާ މައްސަލަ ޝަރީއަތަށް ހުށަނޭޅި ދިގުލައިގެން ދާތީ ރައްޔިތުންގެ މަޖިލިހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މި މައްސަލަ ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފް އުމަރެވެ. މި މައްސަލަ މަޖިލިހުގެ ތަޅުމަށް ބަލައިގަނެ، ބަހުސް ކުރަން ފެންނަ ކަމަށް 32 މެމްބަރުން ވަނީ ވޯޓު ދެއްވައިފައެވެ.

ރާއްޖެ އަށް ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގި ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އަށް ފޮނުވާފައިވާ މައްސަލައިގައި ޕީޖީ ހުސެއިން ޝަމީމް ނިންމެވީ ދައުވާ ނުކުރެއްވުމަށެވެ. މިއީ ކޮވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގި ކަމަށް ބުނާ މައްސަލައިގައި ދައުވާ ނުކުރައްވަން ޝަމީމް ނިންމެވި ދެ ވަނަ ފަހަރެވެ.

އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވަނީ ވެންޓިލޭޓަރު މައްސަލައިގައި ބައިވެރިވާ މީހުންގެ މައްސަލަތައް އަވަހަށް ތަހުގީގުކޮށް، އެކަމުގައި ބައިވެރިވާ މީހުންގެ މައްޗަށް ހައްގު އަދަބު ދިނުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.

ހެލްތު މިނިސްޓްރީން ވެންޓިލޭޓަރުތައް ގެންނަން ހަވާލުކުރި އެއް ބަޔަކީ ދުބާއީގެ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓާސް ޕްރައިވެޓް ލިމިޓެޑާއެވެ. އެ ކުންފުންޏަށް އެޑްވާންސްކޮށް ފައިސާ ދެއްކުމުގައި ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވާ ކަމަށް އޮޑިޓަ ޖެނެރަލް އޮފީހާއި އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ތުހުމަތުކޮށްފައެވެ. އޭސީސީ އިން އެ މައްސަލަ ޕީޖީ އަށް ފޮނުވުމުން ޕީޖީން ނިންމީ އެކަމުގައި ދައުވާ ކުރެވޭ ވަރުގެ ހެއްކެއް ނެތް ކަމަށެވެ. ނަމަވެސް އޭސީސީން ވަނީ އެ ނިންމުން މުރާޖައާ ކުރުމަށް ޕީޖީގައި އެދިފައެވެ.

ލުން މައްސަލަ މުރާޖާ ކުރުމަށް ފަހު ޕީޖީ ހުސެއިން ޝަމީމްގެ ނިންމުން ބަދަލެއް ނުކުރެއްވިއެވެ.

ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ނުކުރަން ޝަމީމް ނިންމެވުމާ ގުޅިގެން މިފަހަރު އެންމެ ބޮޑަށް ފާޑު ކިއުން އަމާޒުވެފައި ވަނީ ވެސް އޭސީސީއަށެވެ. ވެންޓިލޭޓަރުގެ މައްސަލައިގައި ކޮރަޕްޝަން ހިންގި ކަމަށް ބުނެ މި މައްސަލަ އެންމެ ވަރުގަދަ އަށް ތަހުގީގު ކުރީ ވެސް އޭސީސީންނެވެ. އެކަމަކު، އޭސީސީން އެންމެ ފަހުން ބުނެފައި ވަނީ ވެންޓިލޭޓަރުގެ މައްސަލަ ތަހުގީގު ކުރީ ދައުވާ ކުރެވޭނެ ފެންވަރަށް ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޑރ. ރާމީ ހަސަން މަނިކު (އެންޑޯކްރައިނޮލޮޖިސްޓް/ނިއުޔޯކް-ސެއިންޓްމޭރީހޮސްޕިޓަލް/އެމެރިކާ)

    (1) ވެންޓިލޭޓަރ މައްސަލަ ބެލޭނެ އޮތީ އެންމެ ގޮތެއް. ފައިސަލް ނަސީމް އާއި ވެރިކަން ޙަވާލު ކުރުން. (2) ރައްޔިތުން ގެ ފައިސާ އިން ވައްކަން ކުރުވަން އިބޫ ހުރީ. އެހެން ނޫންނަމަ ވައްކަން ކުރާ ކޮންމެ މީހަކަށް އިބޫ ތާޢީދެއް ނުކުރީސް. (3) އިބޫ ވެރިކަމުން ދުރުކޮށްގެން ނޫން ގޮތަކަށް ވައްކަމުގެ އެއްވެސް މައްސަލަ އެއް ނުބެލޭނެ.