ރާއްޖެ ސަރަހައްދަށް ކުރަމުން އަންނަ ވިއްސާރާގައި ވޭތުވެދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހި، ވައި އެންމެ ގަދަވެފައިވާ ކަމަށް ރިކޯޑް ކުރެވިފައިވަނީ ސ. ގަމަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ، ވޭތުވެދިޔަ 24 ގަޑިއިރު، ގަމަށް 166 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށާއި އަދި 55 މޭލު ބާރުމިނުގައި ވައި ޖެހިފައިވާ ކަމަށެވެ.

ރާއްޖޭގެ ދެކުނުގެ ބައެއް ހިސާބުތަކަށް ކުރަމުން އަންނަ ވިއްސާރައަކީ ރާއްޖޭގެ ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑަކާ ގުޅިގެން ކުރަމުން އަންނަ ވިއްސާރައެއް ކަމަށް މެޓުން ވަނީ ބުނެފައެވެ.

މި ކޮޅިގަނޑުގައި ރާއްޖެއާ ދުރަށް ހުޅަނގު އުތުރަށް ޖެހުމުންދާއިރު، މާދަމާ އިން ފެށިގެން ރާއްޖެ ސަރަހައްދަށް ވާރޭވެހުން މަދުވެފައި ވައިޖެހޭ ބާރުމިން ވެސް ދަށްވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓުން ވަނީ ބުނެފައެވެ.

މެޓުން ބުނީ، މިއަދާއި މިރޭ ދެކުނާއި މެދު ރާއްޖެތެރޭގެ ބޮޑު ބަޔަކަށާއި އުތުރުގެ އެކި ހިސާބަށް ވިއްސާރަވެ ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށެވެ.

މެދު ރާއްޖެ ތެރެ އާއި ދެކުނުގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 17 މޭލާއި 27 މޭލާ ދެމުގެ ބާރު މިނުގައި، އުތުރުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް މެޓުން ބުންޏެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާއި ދެމުގެ ބާރުމިނުގައި ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓުން ބުންޏެވެ.

ކަނޑުތަކަށް ބަލާއިރު، މިއަދާއި މިރޭ ދެކުނާއި މެދު ރާއްޖެތެރޭގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަވާނެ ކަމަށާއި އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެދައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތތަކަށް އުދައިގެ އަސަރު ކުރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް މެޓުން ބުންޏެވެ.

ރާއްޖޭގެ މޫސުން ގޯސްވެފައިވާތީ، މެޓުން ވަނީ ކުރިއަށް އޮތް 48 ގަޑިއިރު ތެރޭ ހުރިހާ ފަރާތްތަކުން ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.

އައްޑޫސިޓީއަށް ރޭ ކުރި ވިއްސާރާގައި ހިތަދޫ އާއި ފޭދޫގެ 13 ގެއެއްގެ ފުރާޅު އެއްލާލައި ގޭގައި ގެންގުޅޭ ތަކެއްޗަށް ވަނީ ގެއްލުން ލިބިފައެވެ. އަދި ހިތަދޫގެ ފިހާރައެއްގެ ފުރާޅު ވެސް އެއްލާލައި ވަނީ ތަކެއްޗަށް ގެއްލުން ލިބިފައެވެ. މީގެ އިތުރުން ގޭގައި ހުރި ބޮޑެތި ގަސްތައް ވެސް ވެއްޓިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.