ބ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ ސަރަހައްދުތަކަށް 55 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ނެރެފައިވާ ރީނދޫ ސަމާލު (ޔެލޯ އެލާޓް) ގެ މުއްދަތު އިތުރުކޮށްފިއެވެ.

ކުރިން މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފައިވަނީ ހެނދުނު 10:00 އިން މެންދުރު 14:00 އަށެވެ. މި މުއްދަތު މެޓް އޮފީހުން ވަނީ އިރުއޮއްސި ހަވީރު 18:00 އަށް އިތުރު ކޮށްފައެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނީ، މިއަދާއި މިރޭ ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށެވެ.

މެދު ރާއްޖެ ތެރެ އާއި ދެކުނުގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 17 މޭލާއި 27 މޭލާ ދެމުގެ ބާރު މިނުގައި، އުތުރުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް މެޓުން ބުންޏެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާއި ދެމުގެ ބާރުމިނުގައި ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓުން ބުންޏެވެ.

ކަނޑުތަކަށް ބަލާއިރު، މިއަދާއި މިރޭ ދެކުނާއި މެދު ރާއްޖެތެރޭގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަވާނެ ކަމަށާއި އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެދައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތތަކަށް އުދައިގެ އަސަރު ކުރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް މެޓުން ބުންޏެވެ.

ކަނޑުތައް އާދައިގެެވަރަކަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެއެވެ. ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކުރެވެނީ 3 ފޫޓާއި 6 ފޫޓާއި ދެމެދުގައެވެ. ދިޔަވަރު ބޮޑުވާގަޑީގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމަކީ އެކަށީގެންވާކަމެއް ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވިއްސާރަ ކުރާއިރު، މެޓް އޮފީހުން ބުނީ، ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހިފައިވަނީ އައްޑޫ ސިޓީ ގަމަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަންނި

    މުއްދަތު އިތުރުކުރަން މައިމޫނާ ގާތުން ދަސްކުރީދޯ