އަލިފާން ނިއްވުމުގެ މަސައްކަތް ސިފައިން ކުރަނީ: ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

އެމްއެންޑީއެފްގެ ފަޔަރ އެން ރެސްކިޔު ސަރވިސްގެ ފަރާތުން ރަމަޟާން މަހަށް ޚާއްޞަކޮށްގެން އަލިފާނުގެ ޙާދިސާތަކުން ރައްކާތެރިވާނެ ގޮތުގެ މަޢުލޫމާތު ދިނުމަށް ބާއްވާ "ފަޔަރ ޕްރިވެންޝަން ވީކް 2017" މާދަމާ ފަށާގޮތަށް ހަމަޖެހިއްޖެއެވެ.

އެގޮތުން މި ހަރަކާތް މާދަމާ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ކ. ތުލުސްދޫގައެވެ. އެރަށުގައި މި ހަރަކާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އެރަށު ހިއްކި ސަރަޙައްދުގައެވެ. އެއަށްފަހު މި މަހުގެ 21 ވަނަ ދުވަހު މާލޭ ބަނޑޭރިކޮށި ސަރަޙައްދުގައި މި ހަރަކާތް ކުރިއަށް ގެންދާއިރު 22 ވަނަ ދުވަހު ވިލިމާލޭ ފުޓުބޯޅަ ދަނޑުގައިވެސް މި ހަރަކާތް ކުރިއަށް ގެންދާގޮތަށްވަނީ ހަމަޖެހިފައެވެ.

ހަމައެހެންމެ، މި މަހުގެ 23 ވަނަ ދުވަހު މާލޭ އާޓިފިޝަލް ބީޗު ސަރަޙައްދުގައިވެސް ފަޔަރ ޕްރިވެންޝަން ވީކުގެ ހަރަކާތްތައް ކުރިއަށް ގެންދާގޮތަށް ރޭވިފައިވާއިރު 24 ވަނަ ދުވަހު ހުޅުމާލޭ ބަސް ސްޓޮޕް ސަރަޙައްދުގައިވެސް މި ހަރަކާތް ކުރިއަށް ގެންދާނެއެވެ. އެއަށްފަހު، 25 މެއި ގައި މާލޭގެ ނޯތް ހާބަރު ސަރަޙައްދުގައިވެސް މި ހަރަކާތް ކުރިއަށް ގެންދާނެއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ، ކެޕްޓަން އިބްރާހީމް އާޒިމް މަޢުލޫމާތު ދެއްވިގޮތުގައި މި ހަރަކާތްތަކުގައި ކައްކާ ގޭހަށް ހޭލުންތެރިކުރުވުމުގެ ހަރަކާތްތައްވެސް ގެންދިޔުމަށް ރޭވުމަށް ހަމަޖެހިފައިވާއިރު ބަދިގޭގައި ހިނގާފާނޭ އަލިފާނުގެ ޙާދިސާއަކުން ރައްކާތެރިވާނެ ގޮތްތައް ކިޔައިދިނުމަށް ހަމަޖެހިފައިވާއިރު މިފަދަ ޙާދިސާއެއް ހިނގުމުން ކަންތައް ކުރާނެގޮތާއި އަލިފާން ނިވި (ފަޔަރ އެކްސްޓިންގިއުޝަރ) ބޭނުންކުރާނެ ގޮތް ކިޔައިދިނުމަށްވެސް ހަމަޖެހިފައިވެއެވެ.

މީގެއިތުރުންވެސް، އިންފޮމޭޝަން އޮފިސަރު ވިދާޅުވިގޮތުގައި މި ހަރަކާތުގެ މަޤުސަދަކީ ރޯދަމަހު ބަދިގޭގައި ހިނގާފާނެ އަލިފާނުގެ ޙާދިސާތަކުން ރައްކާތެރިކުރުމުގެ ގޮތުން ހޭލުންތެރިކުރުވުންކަމަށެވެ.

Comments are closed.