އާދަމް ނަޢީމް އާއި އޭނާގެ އަނބިމީހާ ޒުލޭހާ އުސްމާން

އާދަމް ނަޢީމް އާއި އޭނާގެ އަނބިމީހާ ޒުލޭހާ އުސްމާން ދަތުރުކުރަމުންދިޔައީ އެދެމަފިރިންގެ ރަށްކަމުގައިވާ ވިލުފުއްޓަށް ދިއުމަށެވެ. މިދިޔަ އަންގާރަދުވަހުގައި އެރަށް ދިއުމަށްޓަކައި ދަތުރުފެށިފަހުން އެމީހުންނާއި އެމީހުން ދަތުރުކުރި ކޮޅުވެއްޓިން ދަތުރުކުރި އިތުރު ހަތަރު މީހަކުވެސް މިހާތަނަށް ވަނީ ހޯދައި ނުފެނިފައެވެ.

ADS BY AVID COLLEGE

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އާދަމް އަކީ ކޮޅުވެއްޓީގެ ކައްޕިވެސްމެއެވެ. ހަތަރު އަންހެން ދަރިންގެ މައިންބަފައިން ކަމުގައިވާ ނައީމާއި ޒުލޭހާ މީގެ ކުރިންވެސް ވަނީ އެކީގައި މިފަދަ ދަތުރުތަކެއް ކޮށްފައެވެ. ޒުލޭހާ އޭނާގެ ރަށަސް ފިރިމީހާއާއެކު ގޮސް އުޅުމަކީ އާކަމަކަށް ނުވާއިރު ކޮޅުވެއްޓި ދަތުރުކުރީ ތުލުސްދޫއިން ފުރައިގެން ލ. ގަމަށް ދިއުމަށެވެ. މިގޮތަށް ދާ ދަތުރުތަކުގައި ޒުލޭހާ ލ. އަތޮޅަށްވެސް ގޮސް އުޅެއެވެ.

މާރިޔާ-3 ނަމަކަށްކިޔާ މި ކޮޅުވެއްޓި ގެއްލިފައިވަނީ އަންގާރަ ދުވަހުގައި ބަނދަރު ހެދުމުގެ ސާމާނު ހިފައިގެން ލ. ގަމު ތުނޑީއަވަށަށް ދިއުމަށް ދަތުރުކުރަނިކޮށެވެ.

ނައީމްމެންގެ ހަބަރެއް އެންމެ ފަހުން ވެފައި ވަނީ، އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށް އެރަށުން ވާހަކަދެއްކި މީހަކު ބުންޏެވެ. އޭނާ ބުނިގޮތުގައި ނައީމް ވަނީ އޭނާއަށް ގުޅައި، އެރަށަށް ދާން ދަތުރުފެށިކަން އަންގާފައެވެ.

މާރިޔާ-3 ގެއްލިގެން އުޅޭކަން އެމްއެންޑީއެފްއަށް ރިޕޯޓްކޮށްފައިވަނީ އެކޮޅުވެއްޓިގެ ހަބަރެއް ނުވާތާ ދެދުވަސްވާން ކައިރިވެފައިވަނިކޮށެވެ.

މި ކޮޅުވެއްޓިއަކީ އޭގެ ހަލްގައި ފެހި ކުލައިގެ ދަވާދު ލާފައި ހުރި ކޮޅުވެއްޓިއެކެވެ. ދިގުމިނުގައި 168 ފޫޓު ހުރި ކޮޅުވެއްޓީގެ ފަހަތުގައި ހުދު ކުލަ ލާފައިވާ ވީލްހައުސްއާ އެކު މަތީގައި ލާފައި ހުރީ ރަތް ދަވާދެވެ.

ގެއްލުނު މާރިޔާ-3

އެމްއެންޑީއެފް އިން ވަނީ މިކޮޅުވެއްޓިއާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތަކުން ލަސް ނުކުރައްވައި އެމައުލޫމާތެއް ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވައި ހިއްސާކުރުމަށް އެދިފައެވެ. ވިލުފުށީ ދެމަފިރިންގެ އިތުރުން ހަތަރު ބިދޭސީންވެސް ވަނީ މިކޮޅުވެއްޓީގައި ދަތުރަށް ފުރާފައެވެ.

ADS BY SHEESHA

ކޮޅުވެއްޓި ހޯދުމުގެ މަސައްކަތުގައި މަސައްކަތްކުރާ ޓީއެމްއޭގެ މަތިންދާބޯޓަކަށް ތެޔޮގަނޑަކާއި އޮޔާދާ އެއްޗެހިތަކެއް މިއަދު ވަނީ ފެނިފައެވެ. އެތަކެތި ފެނިފައިވަނީ ލ. އިސްދޫގެ އިރުއުތުރުން 50 ނޯޓިކަލް މޭލު ބޭރުންނެވެ. ސިފައިން މިހާރު ދަނީ އެ ސަރަހައްދުން އެއްވެސް މީހަކު ފެނޭތޯ ބެލުމަށް މަސައްކަތް ފަށާފައެވެ.

3 ކޮމެންޓް

  1. މިކަހަލަ އުޅަނދު ބަނދެފައި ހުންނަނީ ކަނޑަށް އެހާ ގަދަކޮށެއްނޫން. ވަރަށް ފަތާކޮށް ބަނދެފައި ހުންނަ އުޅަނދެއް އެއީ، ވަރަށް ފަސޭހައިން ބަންޑުން ޖަހާލާނެ.

  2. ވ ދެރަވެއްޖެ

  3. ވ ދެރަވެއްޖެ.