މިއަހަރުގެ ސެޕްޓެމްބަރ 23 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބާ ދިމާކޮށް ޖަރީމާ ހިންގުމަށް ފުރުޞަތު ނުދެއްވާނެ ކަމަށާއި، އެފަދަ ޖަރީމާ ހިންގާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އަޅާނެކަމަށް ހޯމް މިނިސްޓަރު އަޒްލީން އަޙްމަދު ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރު އަޒްލީން އަޙްމަދު "ވަގުތު" އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، ރާއްޖޭގައި އިންތިޚާބު ބާއްވާ ކޮންމެ ފަހަރަކު އިންތިޚާބުގެ ކަންކަން "ގަޑުބަޑު" ކޮށްލުމަށްޓަކައި ބަޔަކު މީހުން އަބަދުވެސް ޖަރީމާ ހިންގަމުންދާ ކަމަށާއި، އެހެން ނަމަވެސް ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ވަރަށް ވަރުގަދަޔަށް ތައްޔާރުވަމުންދާ ކަމަށެވެ.

"ރާއްޖޭގެ އިންތިޚާބު ބާއްވާ ކޮންމެ ފަހަރަކު އިންތިޚާބުގެ ކަންކަން ގަޑުބަޑު ކޮށްލުމަށްޓަކައި ބަޔަކު މީހުން އަބަދުވެސް ޖަރީމާ ހިންގަމުންދޭ، ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަމާއި ރިޔާސީ އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދިއުމުމަށްޓަކައި ވަރަށް ވަރުގަދަޔަށް ތައްޔާރުވަމުން މި ގެންދަނީ" މިނިސްޓަރ އަޒްލީން ވިދާޅުވިއެވެ.

ހޯމް މިނިސްޓަރު އިތުރަށް ވިދާޅުވީ، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީން ކަށަވަރު ކޮށްދޭ ހައްޤެއްގެ ތެރެއިން ޤައުމުގެ އެތައް މުއައްސަސާއެއްގެ ބުރަ މަސައްކަތުން އެތައް ފައިސާއެއް ހަރަދުކޮށްގެން ބާއްވާ އިންތިޚާބެއްގެ ޞައްޙަކަން ގެއްލުވާލައި، މިނިވަން އިންސާފުވެރި އިންތިޚާބެއް ބެއްވުމަށް ހުރަސްއަޅާ ކޮންމެ މީހަކާ ޤާނޫނު އަރާ ހަމަކުރާނެ ކަމަށާއި އެފަދަ އަމަލެއް ހިންގާ ފަރާތްތަކާ ދޭތެރޭ އަޅަންޖެހޭ ހަރުކަށި ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.

"ވޯޓުލާ ސަރަހައްދެއްގައި ޖަރީމާއެއް، ހަމަނުޖެހުމެއް ހިންގާ ފަރާތްތަކާ ދޭތެރޭގައި ވަރަށް ވަރުގަދަ ފިޔަވަޅުތަކެއް ފުލުހުން އަޅަމުން ގެންދާނެ، އެމީހުންގެ މައްޗަށް ވަގުތުން މައްސަލަ ހުށަހެޅި، ޕްރޮސެކިއުޓް ކުރެވި، ކުށް ސާބިތުވާ ފަރާތްތަކަށް ދޭންޖެހޭ އަދަބުތައް ދެވިގެންދާނެ" ހޯމް މިނިސްޓަރު އަޒްލީން ވިދާޅުވިއެވެ.

ބައެއް ފަރާތްތަކުގެ ނުލަފާކަމާއި މުލައްދަނޑީގެ ބާރުން ކަންކަން ހަލާކު ކުރުމަށްޓަކައި މާޒީގައި ވޯޓު ފޮށި ހުންނަ ތަންތަނަށް ގޮސް ޖަރީމާ ހިންގާފައި އެބަހުރި ކަމަށާއި އެހެންނަމަވެސް މިފަހަރުގެ ރިޔާސީ އިންތިޚާބުގައި އެފުރުޞަތު ނުދެއްވާނެ ކަމަށްވެސް ހޯމް މިނިސްޓަރު ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބު 2018 މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 23 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު އިންތިޚާބު ކައިރިވާ ވަރަކަށް ސިޔާސީ ދާއިރާގެ ފޯރި އަންނަނީ ގަދަވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މަލަކުރި

    ވޯޓުލާ މަރުކަޒުތަކުގައި އާއި އަދި އެތަންތަނުގައި، ވަރަށް ވަރުގަދަ މަސްލަޙަތްތެރި ބެލެހެއްތެރި ކަމުގެ ނިޒާމެއް ގާއިމުކޮށް އަދި އިންސާފުވެރި އިންތިޚާބެއް ބާއްވައި ނަތީޖާ އިއުލާންކޮށް ވެރިމީހާ ކަނޑައެޅިގެންދާނީ ރައްޔިތުންދޭ ވޯޓުގެ ނަތީޖާ އިން.

  2. އައްމި

    މަރުހަބާ މަރުހަބާ ތިޔަ އެޅުއްވީ ހަރުދަނާ ފިޔަވަޅެއް

  3. ނާޑުވާ

    ތިޔަ ޖަރީމާއެއް ހިންގާނީ ސަރުކާރާ އިލެކްޝަން އާ އެމީހިންނަށް ވާގިވެރިވާ ފަރާތްތައް. ފިޔަވަޅު އަޅާނީ އިދިކޮޅު މީހުންނަށް. މަންޒަރު މިހާރުވެސް ފެނޭ އެބަ.

  4. އައުމާލް

    ޖަރީމާ ހިންގަނީ ކޮންބައެއްތޯ އަމިއްލަ ނަފްސާ ސުވާލުކޮށްބަލަ؟ މިހާރުވެސް މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓު ފޮށިތަކުގައި މަސައްކަތް ކުރާ ވެރިންނާއި އޮފިޝަލުންގެ ލިސްޓެއް މުލީއާ ގެއިން ދަނީ ތައްޔާރުކުރަމުން.. އެލިސްޓުގައި ތިބި މީހުންކައިރީގައި ބުނެފައި އޮތީ އިލެކްޝަނުން އޮފިޝަލުން ހޯދުމަށް އިޢުލާނު ކުރުމުން ކުރިމަތިލުމަށް.. އަދި އެލިސްޓް އިލެކްޝަނަން ފޮނުވައިގެން ހުސް ޕީޕީއެމް މީހުން ނަގާގޮތަށް އޮތީ.. މިއަށްވުރެ ބޮޑު ކޮން ޖަރީމާއެއް އޮންނާނީ

  5. ތާގުނަ

    މިއީ ލަދުހަޔާތްކުޑަ ބައެއް. އެހެން މީހުން ކިޔަންވާ އެއްޗެހި މިވެރިން މިތިބަ ކިޔައި ނަގަނީ. ދެން އެހެން މީހުންނަށް ހީވާނެއެއްނު މިއީ އަލިފޭ. އެކަމަކު އެވަރުން ވެސް ވާނީ ކުރު އަލިފަށް ތޯއްޗެއް.