ލ. ކައްދޫ އިރުމަތި ފަރާތު މޫދަށް އެރިގެން އުޅެނިކޮށް ގެއްލުނު ސިފައިންގެ މީހާ އަޑިއަށް ދިޔައީ އޮއިގަނޑެއްގައި ޖެހިގެން ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެ އެވެ.

ސިފައިންގެ އިތުރު ތިން މީހަކާއެކު މޫދަށް އެރިގެން އުޅެނިކޮށް ގެއްލިގެން ހޯދަމުން ދަނީ ލާންސްކޯޕްރަލް ހުސައިން ފާރިޝް އެވެ.

ފާރިޝް ގެއްލުނީ އެ މީހުންގެ ޑިއުޓީ އޮފް ގަޑީގައި މޫދަށް އެރިގެން އުޅެނިކޮށެވެ.

އެމްއެންޑީއެފްގެ މައި ވައިގެ ބަނދަރު ހިންގަމުންދާ ކައްދޫގައި މި ހާދިސާ ހިނގައިގެން އެމްއެންޑީއެފް އަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހަވީރު 17:40 ހާއިރު އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ، އޭނާ ގެއްލިގެން ހޯދަމުންދާއިރު، އެ މަސައްކަތް ހުއްޓާ ނުލާ ކުރިއަށް ދާ ކަމަށެވެ.

އާޒިމް ވިދާޅުވީ، މި ހަތަރު މީހުންގެ ތެރެއިން އިތުރު ސިފައިންގެ މީހަކު އޭނާ ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި ގެނބުނު ކަމަށެވެ. ގެނބުނު ސިފައިންގެ މީހާ ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާދެމުންނެވެ. އޭނާގެ ހާލު ރަނގަޅެވެ.

"އޭނާ ގެނބުނީ ގެއްލުނު ސިފައިންގެ މީހާ އޮއިގަނޑެއްގައި ޖެހި އަޑިއަށް ދާތީވެ، ސަލާމަތް ކުރުމަށް މަސައްކަތް ކުރުމުގެ ތެރޭގައި". އާޒިމް ވިދާޅުވިއެވެ.