މިއަދު ހަވީރު ލ.ކައްދޫ އިރުމަތީ ފަރާތައް މޫދަށް އެރިއުޅެނިކޮށް ސިފައިންގެ ދެމީހަކު ގެނބި އޭގެތެރެއިން އެކަކު ނިޔާވި ހާދިސާ ހިނގީ ހަތަރު ސިފައިން ޑިއުޓީ އޮފް ގަޑީގައި މަސް ހިފަން އުޅުމުގެ ތެރޭގައި ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.

ސިފައިންގެ މީހަކު ނިޔާވި ހާދިސާގެ މާބޮޑު ތަފްސީލެއް އެމްއެންޑީއެފް އިން އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް އެމްއެންޑީއެފްގެ ތަރުޖަމާން މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ ނިޔާވެފައި އޮއްވާ ފެނުނު ލާންސްކޯޕްރަލް ހުސައިން ފާރިޝް އޮއެގަނޑެއްގައި ޖެހި ދަމައިގަތުމުން އޭނާ ސަލާމަތް ކުރަން އުޅުނު ސިފައިންގެ މީހަކު ގެނބުނު ކަމަށެވެ.

ގެނބުނު ސިފައިންގެ މީހާއަށް ގަން ރީޖަނަލް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ. އޭނާގެ ހާލު ރަނގަޅުވަމުން އަންނަކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.

ލާންސްކޯޕްރަލް ހުސައިން ފާރިޝް ގެއްލުނީ މިއަދު ހަވީރު 17:40 ކަންހާއިރުއެވެ. އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ގެންދިޔަ ސިފައިންނަށް އޭނާގެ ހަށިގަނޑު ފެނުނީ މިރޭ 20:50 ކަންހާއިރުއެވެ. ލާންސްކޯޕްރަލް ހުސައިން ފާރިޝް ފެނުނު އިރުވެސް އޮތީ ނިޔާވެފައެވެ.

ލ.ކައްދުއަކީ ސިފައިންގެ މަރުކަޒެއް ހުންނަ ރަށެކެވެ. ސިފައިންގެ އަސްކަރީ ވައިގެ ބަނދަރަކީ ވެސް ކައްދޫ އެއާޕޯޓެވެ. ކައްދޫގައި މަސައްކަތް ކުރާ ސިފައިން އޮފް ދުވަސް ދުވަހު މަސް ހިފަން ދިއުމަކީ ވަރަށް އާއްމު ކަމެކެވެ. ލ.އަތޮޅުން "ވަގުތު" އަށް މައުލޫމާތު ދިން މީހުން ބުނާ ގޮތުގައި ކައްދޫ ކައިރިއަކީ އާއްމު ގޮތެއްގައި މޫދު ވަރަށް ރީއްޗަށް އޮންނަ ސަރަހައްދެކެވެ.

މަސް ހިފަން މޫދަށް ފޭބި ސިފައިންގެ މީހަކު މިއަދު ނިޔާވިއިރު ގާތްގަނޑަކަށް މީގެ އެއްއަހަރު ކުރިން ހަމަ މިފަދަ ހާދިސާއެއްގައި ސިފައިންގެ މީހަކު ނިޔާވެފައި ވެއެވެ. މިދިޔަ އަހަރުގެ މާޗް 09 ވަނަ ދުވަހު މަސް ހިފަން މޫދަށް އެރި އުޅެނިކޮށް ނިޔާވީ ރާއްޖޭގެ ޖެވެލިން ޗެމްޕިއަނެއް ކަމަށްވާ އަދި ކުރިން ގައުމީ ޕޫލުގައި ވެސް ހިމެނުނު ދުވުންތެރިޔާ، އެމްއެންޑީއެފްގެ ސާޖަންޓް ޔައުގޫބް އަހުމަދު އެވެ. ސާޖަންޓް ޔައުގޫބް އަހުމަދު ނިޔާވީ ކ.އެނބޫދޫ ފަޅަށް މަސް ހިފަން ފައިބާ އުޅެނިކޮށެވެ.

މަސް ހިފަން އުޅުމުގެ ތެރޭގައި ރާއްޖޭގައި ނިޔާވާ މީހުންގެ އަދަދު ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ތޭރަ

    ތަހުގީގު ވެސް ކުރަންވާނެ... ތަހުގީގު ނުކޮށް ދޫކޮށް ނުލައްވާ...

    11
  2. އެދުރުބެ

    ޢާއްމު ރައްޔިތުން ކޮޓަރިން ބޭރަށް ނުނިކުމެވޭ ގޮތައް ކަރަންޓީންގައި. ސިފައިންގެ ބޭކަލުން މުޅި ރަށުގައި އުޅެވޭ ގޮތަށް ކަރަންޓީންގައި.

    2
    4
  3. އިބްރާހިމް

    ދުނިޔެ ދޫކުރެއްވި ހުސައިން ފާރިޝްގެ ފުރާނައަށް މާތްﷲ ހެޔޮގޮތް މިންވަރުކުރައްވާށި. އާމީން.

  4. މާކަނާ

    ދެވޭ ޓްރެއިނިންގ އާ ދޭތެރޭގައި ސުވާލު އުފައްދާނެ ނާގަ އެބައޮތް

  5. ބެއްޔާ

    ފުލުހުންނާއި ސިފައިން ކޮންފިސްކޭޓްކުރާ މަސްމަރާ ބަޑި އަމިއްލަ މުދަލެއްގެގޮތުގައި ހަދާ މޫދަށްގެންގޮސް މަސްމަރަން އުޅުމުގެ ތެރޭގައި ވަރަށް އަނިޔާލިބޭ. މިވާހަކަ ކާޚު ދައްކަނީ. މިަކްނހިނގާ. އެއމީހުންގެ ބޮޑުން މަސްމަރ ބަދީބޭނުންކުރަން ގެސްޓުންނަށްވެސް ދަތުރުރާވަނީ. މިަޖަރީމާތައް ހުއްޓުވަން ސަރުކާރުން މަސައްކަތެއްނުކުރޭ.