މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލި ތިން ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީ އަށް ފޮނުވައިފިއެވެ.

ބްރޯޑްކޮމް އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ އެ ކޮމިޝަންގެހުންނެވި އައިމިނަތު ސަހާރަތު އިއްޒަތުގެ މެމްބަރު ކަމުގެ މުއްދަތު ހަމަވާތީއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައްޔިތުންގެ މަޖިލިހަށް ފޮނުއްވި ސިޓީފުޅުގައި ވަނީ ޝިފްލާ ހިމެނޭ ހެން ތިން ބޭފުޅެއްގެ ނަން މަޖިލިހަށް ހުށަހަޅުއްވައިފައެވެ. އެކަމަކު، ޝިފްލާގެ ނަން އޮތީ ރައީސް ސޯލިހް ފޮނުއްވި ލިސްޓްގެ ދެ ވަނައިގައެވެ.

މަޖިލިހަށް ރައީސް ފޮނުއްވި ނަންތައް:

1- ފާތުމަތު ސައުޝަން، މ. ވެމްގޯ

2- ޝިފްލާ އިބްރާހިމް، ގ. މަސްއޮޑިގެ

3- ޑރ. މުހައްމަދު އިބްރާހިމް، ޖަވާހިރުއައްސޭރި، އދ. މާމިގިލި

މި ތިން ނަމާ މެދުގައި ގޮތެއް ނިންމަވައި ދެއްވުމަށް ރައީސް ސޯލިހް އެދިވަޑައިގެންނެވި އިރު، މަޖިލިހުގެ ރިޔާސަތުން މައްސަލަ ދިރާސާ ކުރަން ފޮނުވާފައި ވަނީ ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށެވެ.

މިއީ، ޝިފްލާގެ ނަން މަޖިލިހަށް އައި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެކުރިން ރައީސް ސޯލިހް ފޮނުއްވި ލިސްޓްގައި ޝިފްލާގެ ނަން ހިމެނުނެވެ. އެކަމަކު، ރައްޔިތުންގެ މަޖިލިހުން ޝިފްލާގެ ނަން ފާސްކޮށްފައެއް ނުވެއެވެ.

ޝިފްލާ އިބްރާހީމް ވަނީ ބްރޯޑްކާސްޓިން ޖާނަލިޒަމްގެ ދާއިރާގައި 20 އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކޮށްފައެވެ. އެންމެ ފުރަތަމަ ނިއުސް ޕްރެޒެންޓަރެއްގެ ގޮތުގައި އަދި ފަހުން ނޫސްވެރިއެއްގެ ގޮތުގައި ޓީވީއެމްގައި ގިނަ ދުވަސްތަކެއް ވަންދެއް މަސައްކަތްކޮށް މިހާރު މަސައްކަތްކުރަނީ ސަންގު ޓީވީގައެވެ. އޭނާ ވަނީ ނޫސްވެރިކަމުގެ ދާއިރާ އިން ރާއްޖޭގެ ގައުމީ ޔުނިވާސިޓީން ބެޗެލާސް ޑިގްރީއެއް އަދި އިސްލާމީ ޔުނިވާސިޓީން މާސްޓާސް ޑިގްރީއެއް ހާސިލްކޮށްފައެވެ.

ބްރޯޑްކާސްޓިން ކޮމިޝަން އެކުލެވިގެން ވަނީ ހަތް މެމްބަރުންގެ މައްޗަށެވެ. އެ ކޮމިޝަންގައި މިހާރު ތިއްބަވަނީ ސަހާރަތުގެ އިތުރުން ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާއި އާއި ކޮމިޝަންގެ ނައިބު ރައީސް އަހުމަދު ގައިސް އާއި ކޮމިޝަންގެ މެމްބަރުން ކަމަށްވާ އަމްޖަދު ވަހީދާއި އަލީ ޔޫސުފާއި އައިމިނަތު އަމީނާ އާއި މުހައްމަދު ފަޒީނެވެ. މި މެމްބަރުންގެ ތެރެއިން ފަޒީން އެ ކޮމިޝަނަށް އައްޔަން ކުރީ ދާދި ފަހުންނެވެ.