އަންނަ ހޮނިހިރުން ދުވަހުން ފެށިގެން ކޮވިޑް-19 ގެ ދެ ވަނަ ޑޯޒް ދިނުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ.

ކޮވިޑް-19 އާ ދެކޮޅަށް އުފެއްދި ވެކްސިން ރާއްޖޭގައި ދޭން ފެށީ މިދިޔަ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެންނެވެ. ވެކްސިން ދޭން ފެށިތާ ދެ މަސްވެގެން ދިޔަ އިރު، މިހާތަނަށް ދެ ލައްކަ އަށް ވުރެ ގިނަ މީހުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ވަނީ ދީފައެވެ.

ރާއްޖޭގައި މިވަގުތު ދެމުން އަންނަނީ އިންޑިއާ އިން އުފެއްދި ކޮވިޝީލްޑް ވެކްސިނާއި ޗަައިނާ އިން އުފެއްދި ސިނޮފާމް ވެކްސިނެވެ.

އެޗްޕީއޭގެ އޮފިޝަލަކު މިއަދު ވިދާޅުވީ އޭޕްރީލް ތިންވަނަ ދުވަހުން ފެށިގެން ދޭނީ ކޮވިޝީލްޑް ވެކްސިންގެ ދެ ވަނަ ޑޯޒް ކަމަށެވެ. އަދި ސިނޮފާމް ވެކްސިންގެ ދެ ވަނަ ޑޯޒް ދޭނެ އިރެއް އަދި ނުނިންމާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި އަމަލު ކުރަމުން އަންނަ އުސޫލުގެ ދަށުން ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާތާ އަށް ހަފްތާ ފަހުން ދެ ވަނަ ޑޯޒް ދޭނެއެވެ. އަދި ސިނޮފާމް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާތާ ދެ ހަފްތާ ފަހުން ދެ ވަނަ ޑޯޒް ދޭނެއެވެ.

މާލޭގެ 8 ސެންޓަރުންނާ އަތޮޅުތަކުގެ 169 ސެންޓަރެއްގައި ވެކްސިން ދިނުމުގެ ހިދުމަތް ދެނީ ދެމުންނެވެ. އަތޮޅުތަކުގައި އަދިވެސް ދެމުންދަނީ ކޮވިޝީލްޑް ވެކްސިންއެވެ. ނަމަވެސް މާލޭގައި މިހާރުވަނީ ޗައިނާއިން އުފައްދާ ސިނޮފާމް ވެކްސިން ދޭން ފަށައިފައެވެ. މިހާތަނަށް ރާއްޖޭގެ އާބާދީގެ 47 އިންސައްތަ މީހުން ވަނީ ވެކްސިން ޖަހައިފައެވެ. މީގެތެރޭގައި ބޮޑު އިންސައްތައެއް ޖަހާފައިވަނީ ކޮވިޝީލްޑް ވެކްސިނެވެ.

ރާއްޖެ އިން މިޙާތަނަށް 23،000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވެ 66 މީހުން ވަނީ ނިޔާވެފައެވެ.