ސްޓެލްކޯ ސިންގަލްޔޫސް ޕްލާސްޓިކާއި ކަރުދާހާއި ދުރަށް، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ނުވަތަ "ސިންގަލް ޔޫސް ޕްލާސްޓިކް" ބޭނުން ކުރުން ހުއްޓާލުމާއި، ކުންފުނީގައި ބޭނުންކުރާ ކަރުދާސް މަދުކުރުމުގެ ގޮތުން ހާއްސަ ޕްރޮގްރާމް އިފްތިތާހުކޮށްފި އެވެ.

މި ދެކަންތައްވެސް މިއަދު އިފްތިތާހުކޮށްދެއްވީ، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ އާއި، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ރައީސް ގާސިމް އަބުދުލް ކަރީމް އެވެ.

މިއާއެކު ސްޓެލްކޯއިން ހިންގަމުން ގެންދާ 35 އިންޖީނުގެއަކީ ވެސް ސިންގަލް ޔޫސް ޕްލާސްޓިކް ނުވަތަ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ވެއްދުން މަނާ ތަންތަނަށް ވެގެންދާނެ އެވެ. ސްޓެލްކޯގެ ގްރީން ލައިފް އިނީޝިއޭޓިވްގެ ދަށުން ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލުމަށް ކުރެވޭ މަސައްކަތުގައި މުވައްޒަފުން ބައިވެރިކުރުމަށް ކޮންމެ މުވައްޒިފަކަށް ވެސް ވަނީ ރީ-ޔޫސަބަލް ފެންފުޅިއާއި، ފޮތި ދަބަސްވެސް ހަވާލުކުރެވިފަ އެވެ.

މީގެއިތުރުން މަސައްކަތުގެ މާހައުލުގައި ފެން ބުއިމުގެ އާދަ އަށަގަންނުވައި ދުޅަހެޔޮ ސިއްހަތެއްގައި މުވައްޒަފުން ތިބުމަށް ބާރުއަޅާ މި ނިޒާމްގެ ތެރެއިން ވަނީ ކުންފުނީގެ ހެޑް އޮފީހުގެ ވަކިވަކި ޑިޕާޓްމަންޓްތަކާއި ހުރިހާ ފްލޯރތަކެއްގައި ވޯޓަރ ޑިސްޕެންސަރ ނުވަތަ ބޯފެން ފުޅިއަށް އަޅައިގެން ބޭނުންކުރެވޭނެ އިންތިޒާމްތައްވެސް ހަމަޖައްސާދީފަ އެވެ.

އަދި ކުންފުނީގެ ވިޔަފާރި ހިދުމަތްތަކުގައި ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި ކަރުދާސް ކޮތަޅު ފޯރުކޮށްދީ، ކުންފުންޏަށް އެކި ބޭނުންތަކުގައި އަންނަ ފަރާތްތަކުންވެސް ތިމާވެއްޓަށް ގެއްލުންދޭ ތަކެތި ކުންފުނީގެ އިމާރާތުގެ ތެރެއަށް ނުވެއްދުމާއި ބޭނުން ކުރުން ހުއްޓުވުމުގެ ގޮތުން، އިމާރާތުގެ ތެރެއަށް ވެއްދުން މަނާ ކުރެވޭ ތަކެތި އެތެރެއަށް ވަންނަވާއިރު ބަހައްޓަވާލެއްވޭނެ އިންތިޒާމް މިހާރު ވަނީ ގާއިމްކުރެވިފަ އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވީ، މި ފެށި "ފެހި ދިރިއުޅުން" ޕްރޮގްރާމް ގެ ތެރެއިން ތިމާވެއްޓާ ރައްޓެހި ގޮތެއް ހޯދުމާއި ތިމާވެއްޓަށް ގެއްލުންދެނިވި ތަކެއްޗަށް ނޫނެކޭ ބުނުން ވެގެންދާނީ ސްޓެލްކޯގެ ހިދުމަތުގެ ދިގު ތާރީހުގައި ގިރާކުރި މުހިންމު ހަރުފަތަކަށް ކަމަށެވެ.

"އެއްފަހަރު ބޭނުން ކޮށްފައި އުކާލާ ޕްލާސްޓިކް ނުވަތަ ސިންގަލް ޔޫސް ޕްލާސްޓިކް އެކީ އެއްފަހަރާ މުޅި ކުންފުނީގައި ފުޅާ ދާއިރާއެއްގައި ތަންފީޒު ކުރުވާ މިފަދަ ޕްރޮގްރާމެއް ފަށައިގަންނަ ފުރަތަމަ ކުންފުންޏަކަށް މިކުންފުނި ވެގެން ދާނެ. ހިސާބުތައް ދައްކާގޮތުން މަހެއްގެ މައްޗަށް މިކުންފުނީގެ ބޭނުންތަކަށް 2800 ފެންފުޅި ގަނެ ބޭނުން ކުރޭ. މިއީ އަހަރަކަށް ބަލާނަމަ، 33 ހާސް ފުޅި ފެން ތިމާވެއްޓަށް ގެންލުންދޭ ގޮތުގައި ނައްތާލާ. މިކަން ތަކުރާރުކޮށް ކޮށް ތިބެން އެހާ ފަސޭހައެއްނޫން" މުޣުނީ ވިދާޅުވި އެވެ.

މީގެއިތުރުން ޒަމާނުއްސުރެ ތިމާވެއްޓާ އެހާ ރައްޓިހި ނޫން ގޮތަކަށް ކަންކަން ރޭވި ހިނގަމުންދާ ގޮތަކަށް އޮންނަ ކުންފުނި މިއަދުގެ ފަހުން ތިމާވެއްޓާ ރައްޓެހި ނަމޫނާ ކުންފުންޏެއްގެ ގޮތުގައި މުޖުތަމައު ދެކިގެންދާނެ ކަމަށާއި، އަދި މިކަން ތައާރަފް މިކުރެވެނީ "ފެހި ދިރިއުޅުން" ޕްރޮގްރާމްގެ ތެރޭން ކަމަށްވެސް މުޣުނީ ވަނީ ވިދާޅުވެފަ އެވެ.

އަދި ޒަމާނުއްސުރެއް ކަރުދާސް ޕްރިންޓްކޮށްގެން ބޭނުންކުރަމުން ދިޔަ ދިޔުން މިއަދު އިފްތިތާހު ކުރެވޭ ޕްރޮގްރާމްގެ ދަށުން މަދުވެ ޚަރަދު ކުޑަވެގެންދާނެ ކަމަށާއި، މިހާރު ބޭނުންކުރާ ކަރުދާހުގެ ނިސްބަތް 52 އިންސައްތައަށް މި ހިނގާ 2021 ވަނަ އަހަރު ނިމޭއިރު ކުޑަކުރެވިގެންދާނެ ކަމަށެވެ.

މީގެއިތުރުން، މިގާއިމް ކުރެވޭ ނިޒާމުގެ ސަބަބުން މަސައްކަތަށް އަވަސްކަން ލިބި ވަގުތު ސަލާމަތްވެ ފަސޭހަކަން ލިބުމާއި ހަރަދު ކުޑަވުން މިއީވެސް ތިމާވެށި ސަލާމަތްކުރުމަށް ސްޓެލްކޯއިން ކުރެވޭ ހާއްސަ މަސައްކަތުގެ ތެރެއިން ހާސިލް ކުރާނެ މުހިންމު ލަނޑުދަނޑި ތަކެއްކަމުގައި މެނޭޖިންގ ޑިރެކްޓަރ ވަނީ ފާހަގަކުރައްވާފަ އެވެ.

މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން ނޭޝަނަލް އިންޓަގްރިޓްރީ ކޮމިޝަންގެ ރައީސް ގާސިމް އަބްދުލްކަރީމް ވިދާޅުވީ ރާއްޖޭގައި ކަންބޮޑުވާ މިންވަރަށް މިހާރު ޕްލާސްޓިކް ބޭނުންކުރަމުންދާ ކަމަށާއި، އެމައްސަލަ ހައްލު ކުރުމަށް ސްޓެލްކޯ ފަދަ ބޮޑެތި ކުންފުނިތަކުން އިސްނެގުމަކީ ހެޔޮ ފާލެއް ކަމަށެވެ. އަދި އެހެން އިދާރާތަކާއި، ކުންފުނިތަކުންވެސް ސްޓެލްކޯއިން މި ދެއްކި ނަމޫނާ އާއި އެއްގޮތައް ސިންގަލް ޔޫސް ޕްލާސްޓިކާއި ދުރުވެ، ކަރުދާސް މަދުކުރުމަށް މަސައްކަތް ކޮށްދެއްވުމަށް ގާސިމް އެދިވަޑައިގެންނެވި އެވެ.