12 ފުޅި ބަނގުރަލާއެކު ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ރޭ ދަންވަރުގެ ވަގުތެއްގައި ބަނގުރަލާއެކު ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝް މީހެކެވެ. ފުލުހުން ވިދާޅުވީ، އެ މީހާގެ އަމަލުތައް ހުރިގޮތުން ހުޅުމާލެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުން އެ މީހާ ހުއްޓުވައި ބެލި ކަމަށާއި އޭނާގެ އަތުން 12 ފުޅި ބަނގުރާ ފެނުނު ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 26 އަހަރުގެ މީހެކެވެ.

ފުލުހުން ވަނީ އިތުރު އޮޕަރޭޝަންތަކުގެ މައުލޫމާތުވެސް ހިއްސާކޮށްފައެވެ. އެގޮތުން، މާލެއިން ފުރައިގެން ނ. އަތޮޅަށް ދަތުރުކުރަމުންދާ މުދާ އުފުލާ ދޯންޏަކުން އެ އަތޮޅު ކުޑަފަރީއަށާއި ޅޮއްސަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމަތަކާ ގުޅިގެން އޮޕަރޭޝަނެއް ހިންގާފައިވެއެވެ.

ފުލުހުން ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު އިންޓެލިޖެންސާއި މަނަދޫގައި މަސައްކަތްކުރާ ފުލުހުންނާ ކުޑަފަރީ ޕޮލިސް އަދި ޅޮހީގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، އެ ދޯނި ކުޑަފަރީ ބަނދަރާ ގާތްކުރި ވަގުތު އެ ދޯނިން ބޭލި ކޮތަޅެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށެވެ.

މި ދެ މައްސަލަވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.