ކުރީގެ ރައީސް އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމާއި، އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދުގެ އިތުރުން ފަނޑިޔާރު ޢަލީ ހަމީދުގެ ފޯނު ތަހްޤީގަށް ނުދިން މައްސަލައިގައި ދިފާއުގައި ހުށަހެޅި ހެކިންގެ ހެކިބަސް ނުނަގަން ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

މި ތިން ބޭފުޅުންގެ މައްޗަށް ދައުލަތުން އުފުލާފައިވާ އަދުލުއިންސާފު ޤާއިމު ކުރުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާގައި މިރޭ ބޭއްވި ޝަރީއަތުގައި އޮތީ ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަސް ނެގުމެވެ. އެގޮތުން ހަތަރު ފުލުހެއް އަދި ސިއްރުން ހެކިބަސް ދިން އެކަކުގެ ހެކިބަސް މިރޭގެ ޝަރީއަތުގައި ނަގާފައިވެއެވެ.

މިރޭ ފުރަތަމަ ޝަރީއަތަށް ހާޒިރުކޮށް ހެކިބަސް ނަގާފައިވަނީ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދާއި، ސްޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ހަމީދު ހައްޔަރު ކުރުމުގައި ހަރަކާތްތެރިވި ދެ ފުލުހުން ކަމަށްވާ އިސްމާއިލް ވިލްދާން އަދި މުޙައްމަދު ސާމިހްގެއެވެ. މި ދެ ފުލުހުންވެސް ބުނެފައިވަނީ 2018 ފެބުރުވަރީ 5 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި އުއްތަމަ ފަނޑިޔާރާއި ޢަލީ ހަމީދު ސްޕްރީމް ކޯޓުގެ ކޮޓަރިއެއްގެ (އޭވީ ރޫމް) ތެރެއިން ހައްޔަރު ކޮށްފައިވާ ކަމަށާއި، ދެ ބޭފުޅުންވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވަނީ ކުރެވޭ ތުހުމަތު އިއްވުމަށް ފަހު ކަމަށެވެ.

ދެ ފުލުހުންވެސް ހެކިބަސް ދެމުން ބުނީ ދެ ފަނޑިޔާރުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް މައްސަލައާއި ގުޅުންހުރި ހެކި ފޯނުގައި ހުންނާނެ ކަމަށް ބެލެވޭތީ ފޯނު ދޭން އެންގުމުން ފޯނު ދީފައި ނުވާ ކަމަށެ. އަދި ފޯނު ނެތް ކަމަށާއި، ފުލުހުން ސްޕްރީމް ކޯޓަށް ވަދެ ހުރީ ޤާނޫނާ ހިލާފަށް ކަމުން ފޯނު ދޭން ނުޖެހޭނެ ކަމަށްވެސް ބުނެފައިވާ ކަމަށް ފުލުހުން ކޯޓުގައި ވިދާޅުވިއެވެ. މީގެ އިތުރުން ފުލުހުން ވިދާޅުވީ މުޅި ސްޕްރީމް ކޯޓު ބަލާ ފާސް ކުރުމުންވެސް ދެ ފަނޑިޔާރުންގެ ފޯނު ފެނިފައި ނުވާ ކަމަށެވެ.

މި ދެ ހެކިވެރިންގެ ހެކިބަހާ ގުޅޭ ގޮތުން ދައުލަތުން ހުށަހެޅި ހެކިވެރިންނާ ސުވާލު ކުރުމުގެ ފުރުޞަތު އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު ޢަލީ ހަމީދަށްވެސް ޝަރީއަތުން އެރުވިއެވެ. އެ ފުރުޞަތުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ޝަރީއަތާއިގެން ކުރިއަށް ދާން ބޭނުންވަނީ ދިފާއީ ވަކީލަކާ އެކި ކަމަށެވެ. ވަކީލަކު އައްޔަން ކުރަން އިތުރު ވަގުތު ދެވެން ނެތް ކަމަށް ގާޒީ ހަސަން ނަޖީބު އެންގެވުމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ވަކީލެއްގެ ހާޒިރުގައި ސުވާލު ކުރުމުގެ ފުރުޞަތު ދިނުމަކާ ނުލައި ހިންގާ ޞައްޙަނޫން ޝަރީއަތެއްގައި ބުނާނެ އެއްޗެއް އަދި ކުރާނެ ސުވާލެއްވެސް ނެތް ކަމަށެވެ. ހެކިންނާ ސުވާލު ކުރުމަށް ފަނޑިޔާރު ޢަލީ ހަމީދަށް ޝަރީއަތުން އެރުވި ފުރުޞަތުގައި ވިދާޅުވީ، ހެކިވެރިންނާ ސުވާލު ކުރަން ބޭނުންވާ ކަމަށާއި، އެހެންނަމަވެސް ބަލި ހާލަތު ހުރި ގޮތުން ދިފާއީ ވަކީލަކު ނެތި ސުވާލު ކުރުމަށް އުޒުރުވެރިވާ ކަމަށެވެ. އަދި މިރޭ ޝަރީއަތް އޮތްކަން އެނގުނީ އިރު އޮއްސެން އުޅެނިކޮށް ކަމަށާއި އެހެންކަމުން ސުވާލު ކުރަން ދަތި ކަމަށެވެ. މި ވާހަކައާއި ގުޅިގެން ގާޒީ ވިދާޅުވީ މަތީ ކޯޓުތަކުގެ ނިންމުންތަކަށް ބަލާއިރު ކުއްލި ގޮތަކަށް ކޯޓުން އަންގާ އެންގުންތަކަށް ތައްޔާރު ނުވެވުމަކީ ޝަރީއަތުން ކުރާނެ ކަމެއް ނޫން ކަމަށެވެ.

މިރޭގެ ޝަރީއަތަށް ހާޒިރުކޮށް ހެކިބަސް ނެގާފައިވާ އިތުރު ދެ ފުލުހުންނަކީ ކުރީގެ ރައީސް އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ހައްޔަރު ކުރުމުގައި ހަރަކާތްތެރިވެފައިވާ ދެ ފުލުހުން ކަމަށްވާ މުޙައްމަދު ލަތީފްއާއި ހުސައިން އަޒްމީލް އެވެ. މި ދެ ފުލުހުން ބުނެފައިވަނީ 2018 ފެބުރުވަރީ 5 ވަނަ ދުވަހުގެރޭ 23:00 ގެ ފަހުން މ.އެންދެރިމާގެއިން މަޢުމޫން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ހައްޔަރު ކޮށްފައިވާ ކަމަށާއި، މަޢުމޫން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވަނީ ކުރެވޭ ތުހުމަތު އިއްވުމަށް ފަހު ކަމަށެވެ. ދެ ފުލުހުންވެސް ހެކިބަސް ދެމުން ބުނީ މަޢުމޫން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް މައްސަލައާއި ގުޅުންހުރި ހެކި ފޯނުގައި ހުންނާނެ ކަމަށް ބެލެވޭތީ ފޯނު ދޭން އެންގުމުން ފޯނު ދީފައި ނުވާ ކަމަށެ. އަދި މަޢުމޫންގެ ދަރިކަނބަލުން ދުންޔާ މަޢުމޫން އަދި އަނބިކަނބަލުން ނަސްރީނާ އަރިހުންވެސް މަޢުމޫންގެ ފޯނު ދިނުމަށް ފުލުހުން އެދުނު ނަމަވެސް ފޯނު ވީތަނެއް ނޭނގޭ ކަމަށްބުނެ ފޯނު ދީފައި ނުވާ ކަމަށް ފުލުހުން ކްރިމިނަލް ކޯޓުގައި ބުންޏެވެ. ހެކިވެރިންނާ ސުވާލު ކުރަންދިން ފުރުޞަތުގައި މަޢުމޫން ވިދާޅުވީ، ހެކިވެރިންނާ ސުވާލުކުރަން ބޭނުންވަނީ ވަކީލެއްގެ އެހީތެރިކަމާ އެކު ކަމަށާއި، ވަކީލަކު އައްޔަން ކުރަން ފަސް ދުވަހުގެ ފުރުޞަތެއް ދެއްވުމަށެވެ. ނަމަވެސް ގާޒީ ވިދާޅުވީ ވަކީލުން އައްޔަން ކުރުމަށް އިތުރު މުއްދަތު ދެވެން ނެތް ކަމަށާއި ކޮންމެ ވަގުތަކުވެސް ވަކީލަކު އައްޔަން ކުރެވޭނެ ކަމަށެވެ.

ޢަލީ ހަމީދާއި އުއްތަމަ ފަނޑިޔާރު އާއި ދެކޮޅަށް ދައުލަތުން ހުށަހެޅި ސިއްރު ހެކިވެރިއެއްގެ ހެކިބަސްވެސް މިރޭގެ ޝަރީއަތުގައި ނަގާފައިވެއެވެ. އަޑު ބަދަލުކޮށް ވީޑިއޯ ކޮންފެރެންސް މެދުވެރިކޮށް ކާކުކަން ނޭނގޭ ގޮތަށް ދެ ފަނޑިޔާރުންނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިވެރިޔާ ހެކިބަސް ދެމުން ބުނީ، 2014 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ދެމެދުގެ އެކި ދުވަސްތަކުގައި އުއްތަމަ ފަނޑިޔާރާއި ޢަލީ ހަމީދުއާ މުއާމަލާތް ކޮށްފައިވާނެ ކަމަށާއި، އެހެން ނަމަވެސް މި މައްސަލައާއި ގުޅުންހުރި އެއްވެސް މުއާމަލާތެއް ކޮށްފައި ނުވާނެ ކަމަށެވެ.

ސިއްރު ހެކިވެރިޔާ އިތުރަށް ބުނީ، ފޯނުންނާއި ބައްދަލުވެ މުއާމަލާތް ކޮށްފައިވާނެ ކަމަށާއި، އެހެންނަމަވެސް މި މައްސަލައާއި ގުޅުންހުރި އެއްވެސް ލިޔުމެއް ވެސް ބަދަލު ކުރެވިފައި ނުވާނެ ކަމަށެވެ. އަދި ދެ ފަނޑިޔާރުންނާ ގުޅުންހުރި މެސެޖްތަކެއް މީހަކަށް ކޮށްފައިވާނެ ކަމަށް ހެކިވެރިޔާ ބުންޏެވެ. ނަމަވެސް ހެކިވެރިޔާއަކީ ކާކުކަން ހާމަވާނެ ކަމަށްބުނެ އެ މެސެޖްތައް ފޮނުވީ ކާކަށްކަމާއި،އެއީ ކޮން ކަމަކާ ގުޅޭ މެސެޖްތަކެއްކަން ބުނުމަށް ހެކިވެރިޔާ ވަނީ ދެކޮޅު ހަދާފައެވެ.

ހެރިވެރިޔާގެ ސިއްރުކަން ހާމަވެދާނެ ކަމަށްބުނެ ދައުލަތުގެ ބައެއް ސުވާލުތަކަށް ޖަވާބު ދިނުމަށް ހެކިވެރިޔާ އިންކާރު ކުރުމުން، ސިއްރު ހެކިވެރިޔާ ފުލުހަށް ދީފައިވަނީ ޞައްޙަ ބަޔާނެއްތޯ ދައުލަތުން ސުވާލު ކުރިއެވެ. ސިއްރު ހެކިވެރިޔާ ބުނީ ޕޮލިސް ސަރވިސްއަށް ދީފައިވަނީ ޞައްޙަ ބަޔާނެއް ކަމަށެވެ.

ސިއްރު ހެކިވެރިޔާއާ ސުވާލު ކުރުމަށް އުއްތަމަ ފަނޑިޔާރާއި ޢަލީ ހަމީދަށް ފުރުޞަތު އެރުވުމުންވެސް ވިދާޅުވީ ސުވާލު ކުރަން ބޭނުން ކަމަށާއި، ނަމަވެސް ސުވާލު ކުރެވޭނީ ވަކީލަކާ އެކު ކަމަށެވެ. އެހެން ނަމަވެސް ގާޒީ ވިދާޅުވީ ސުވާލު ކުރުމަށް އެހެން ފުރުޞަތެއް ނުލިބޭނެ ކަމަށެވެ.

މި މައްސަލައިގައި އުއްތަމަ ފަނޑިޔާރުގެ ދިފާއީ ހެކިންގެ ގޮތުގައި ޖުޑިޝަލް އެޑްމިނިސްޓްރޭޓަރ ހަސަން ސަޢީދުއާއި، ސްޕްރީމް ކޯޓުގެ ޕްރޮޓޮކޯލް ޑިވިޜަންގެ ވެރިޔާ އާތިފާ އިބްރާހިމް ހުށަހަޅާފައިވާއިރު، ފަނޑިޔާރު ޢަލީ ހަމީދު ދިފާއީ ހެކިންގެ ގޮތުގައި ހުށަހަޅާފައިވަނީ ހަސްމާ ހުސައިންނާއި، ޖުޑިޝަލް އެޑްމިނިސްޓްރޭޓަރ ހަސަން ސަޢީދުގެ އިތުރުން ސ.ހުޅުދޫ، ކާމިނީ ފާތިމަތު ނަސިރާއެވެ. ނަމަވެސް ނާސިރާގެ ނަން ޢަލީ ހަމީދު ވަނީ ގެންނަވާފައެވެ. ނަމަވެސް މަޢުމޫން މި މައްސަލައިގައި ދިފާއީ ހެކިން ހުށަހަޅާފައެއް ނުވެއެވެ.

މިރޭގެ ޝަރީއަތް ނިންމަވާލައްވަމުން މައްސަލަ ބައްލަވާ ގާޒީ ހަސަން ނަޖީބު ވިދާޅުވީ، މި ކުށް ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ހުރިހާ ހެކިވެރިންގެ ހެކިބަސް ނަގާ ނިމިފައިވާ ކަމަށާއި، ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހަށް ބެލުމަށްފަހު ދިފާއީ ހެކިންގެ ހެކިބަސް ނުނަގަން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން 2018 ޖޫން 12 ވާ އަންގާރަ ދުވަހުގެ 11:00 ގައި މި މައްސަލައިގެ ހުލާސާ ބަޔާން އިއްވުން އޮންނާނެ ކަމަށްވެސް ގާޒީ މިރޭ އިއުލާނު ކުރެއްވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހެކިބަސްނުނަގަންޏާ ޝަރީއަތްނުކޮށް އުމުރުދުވަހަށް އެ3މީހުން އަނދަގޮނޑިޖަހަންވީނުން.

  2. ލާރިގަނޑު ކެވުނުވަރުން ދައްކާނެ ވާހަކަވެސް މިކަނޑުކޮހުންނަކަށްނޭގެ މާދަންރޭއަރާކޭތަ މިއަށްވުރެ ބޮޑުވާނެދޯ މައުމޫނޫ

  3. ކަމަނަ މުހައްމަދު

    3 ޖާހިލުން އުމުރަށް ޖަލަށް

  4. ލާރިގަނޑު ކޭމީހުން އޮޑިޓަޖެނެރަލު ކުރި ޢިލާނުން އެނގޭގޮތުގައިވެސް 4ހާސް މިލއަން ރުފިޔާއަށް ވުރެ އިތުރު! އަމިއްލަ އިޢއިތިރާފުން އެނގުނީ ހާކިމާގެ ގެއަށް ވަން ވައިސާ "ޝައްކެއް ނެތް ގޮތުގައި ހަލާލެއް ނޫންކަން"

    މިއިން އެކަކުގެ ނަންވެސް އޮޑިޓަޖެނެރަލު ބަޔާނެއ ނުކުރޭ! ފައިސާގެ މަސްތުގައި ހުވަފެނީ ޢާލަމުގައި އުޅޭ މީހުންނަށް ހަލާކު ހުރި.

  5. މާދަމާ ރޭ މިޔަށްވުރެ ބޮޑު ކޭތައެއް ހިފާނެ ކަމަށް މައުމޫނު ވިދާޅުވި ހަނދާން އެބަ ހުރި.