އައްޑޫ ސިޓީއާ މެދު ދެކެވަޑައިގަންނަވާ އުންމީދުތަކާއި ރައްޔިތުންނަށް ހާއްސަ އެހެން މެސެޖްތަކާއެކު އައްޑޫ ސިޓީގެ މޭޔަރު ކަމަށް ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވާ މުހައްމަދު ލަތީފް އައްޑޫގެ ރައްޔިތުންނަށް ހާއްސަ ސިޓީއެއް ފޮނުއްވަން ފައްޓަވައިފިއެވެ.

އައްޑޫގެ ރައްޔިތުންގެ ސުވާލާއި ޖަވާބު ދިނުމަށް ބޭއްވި ލައިވް ޕްރޮގްރާމްގައި ލަތީފް ވިދާޅުވީ އޭނާ އަކީ ވަކި ކުލަ އެއް ނުވަތަ ފިކުރަކަށް ނުބަލާ ޚިދުމަތްކޮށްދެއްވާނެ ބޭފުޅެއް ކަމަށެވެ. ލަތީބެ ފޮނުއްވި ސިޓީގައި އައްޑޫގެ މޭޔަރު ކަމަށް އިޚުލާސްތެރި މީހަކު ހޮވުމުގެ މުހިންމުކަމަށް ފާހަގަ ކުރެއްވިއެވެ. އަދި އޭނާ އަބަދުވެސް ވާހަކަދައްކަވަނީ ލާމަރުކަޒީ ނިޒާމްގެ އުސޫލާ އެއްގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާއިން ފުރުސަތު ހޯދައިދީ އައްޑޫ ރަން ސިޓީ އަކަށް ހައްދަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަސްލު ސިޓީ އިން ދޭން ބޭނުންވާ މެސެޖަކީ އިޚުލާސްތެރިކަމާއެކު މަސައްކަތްކުރާ ރައްޔިތަކު ހޮވާށޭ. އަޅުގަނޑު މިހުރީ އިހުލާސްތެރި ހިތަކާއެކު އިހުލާސްތެރި ނިޔަތަކާއި އެކު ރައްޔިތުންނަށް މަސައްކަތްކޮށްދޭން ތައްޔާރަށޭ. ރައްޔިތުންނަށް ވިޔަފާރީގެ ފުރުސަތު ހޯދާ ދޭށޭ. ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް ހޯދާ ދޭށޭ. އަޅުގަނޑުމެންގެ ސިޓީ އަކީ ވިޔަފާރީގެ ގޮތުން އެއްވަނަ ސިޓީ އަށް ހެދުމަށޭ. އެހެންވީމަ ރައްޔިތުން ގުޅިގެން އަޅުގަނޑު އިންތިޚާބުކޮށްފި ނަމަ މިއީ ނުވާނެ ކަމެއް ނޫން." ލަތީފް ވިދާޅުވިއެވެ.

އައްޑޫ ސިޓީ އަށް ލަތީބެ ވެވަޑައިގަތް އެންމެ މުހިންމު އެއް ވައުދަކީ އައްޑޫ ސިޓީގެ އުމްރާނީ ތަރައްގީގެ މަސައްކަތްތައް ކުރުމަށް އެންމެ އެކަށީގެންވާ ގޮތުގައި ކުރިއަށް ގެންދިއުމަށް އައްޑޫ އިންފްރާސްޓްރަކްޗަ ޑިވެލޮޕްމެންޓް ކޯޕަރޭޝަނެއް އުފެއްދުމުގެ ވައުދެވެ.

އެގޮތުން އައްޑޫއަށް އިގްތިސާދީ ތަރައްގީ ގެންނަން ބޭނުންވާ ނަމަ އެ ސިޓީއަށް ފައިސާ ވަންނަ ގޮތް ހޯދަން ޖެހޭ ކަމަށާއި އައްޑޫއަށް ވަންނަ ފައިސާ އައްޑޫ އިން ބޭރު ނުވެ އައްޑޫ ތެރޭގައި ދައުރުވާ ގޮތް ހަދައިގެން ނޫނީ އެކަން ނުކުރެވޭނެ ކަމަށް ލަތީފް ވިދާޅުވިއެވެ. އަދި އިގްތިސާދު ކުރިއަރުވަން އައްޑޫގައި އައްޑޫ އިންފްރާސްޓްރަކްޗަ ކޯޕަރޭޝަން ގާއިމްކުރުމަށް ނިންމާފައިވާ ކަމަށް ލަތީފް ވިދާޅުވިއެވެ.

މީގެ އިތުރުން ލަތީފްގެ ސިޔާސަތުތައް ހާމަކުރައްވަމުން އޭނާ ވަނީ އައްޑޫ އަށް ލިބޭ ފައިސާ އައްޑޫގައި ހަރު ނުލާ މައްސަލައަކީ ބޮޑު މައްސަލަ އެއް ކަމަށާއި އެކަމަށް ހައްލު ހޯައްދަވަން ބޭނުން ކަމަށް ވެސް ވިދާޅުވެފައެވެ.

އެގޮތުން މީގެ ކުރިން އައްޑޫ މަގު ހެދުން ފަދަ ކަންކަމަށް ވެސް ބޮޑު ބަޖެޓެއް ކަނޑައެޅި ކަމަށާއި، އައްޑޫ އަށް ލިބޭ އާމްދަނީގެ ފައިދާވެސް އައްޑޫ އަށް އެންމެ އެކަށީގެންވާ ގޮތަށް ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެފަދަ މައްސަލަތައް ހައްލުކޮށް އައްޑޫ އިން ލިބޭ އާމްދަނީ އައްޑޫގައި ހަރުލާނެ ގޮތެއް ހޯއްދަވާނެ ކަމަށް ލަތީފް ވިދާޅުވިއެވެ.