ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ދާއިރާތަކަށް ކުރައްވާ ދަތުރުތަކަކީ ރަސްމީ ދަތުރުތައް ކަމަށް ކަނޑައަޅަން އާއްމު ކޮމިޓީން ނިންމައިފިއެވެ.

އާންމު ކޮމިޓީން އެގޮތަށް ނިންމި ކަން އިއުލާން ކުރެއްވީ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދެވެ.

މިއަދުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ ދާއިރާތަކަށް ކުރައްވާ ދަތުރުތަކަކީ ރަސްމީ ދަތުރުކަމަށް ކަނޑައެޅިދާނެ ކަމަށް އާއްމު ކޮމިޓީން ނިންމާފައިވާ ކަމަށެވެ. އެގޮތުން ރަސްމީ ދަތުރަކަށް ވާނީ މަޖިލީހުގެ ސެކްރެޓޭރިއަޓަށް އެކަން ހުށަހަޅައި އަމީންއާއްމު ހުއްދަ ދެއްވުމުން ކަމަށް ހަދަން ވެސް ކޮމިޓީން ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މެމްބަރުން ރަސްމީ ދަތުރެއްގައި ހުންނަވާއިރު މަޖިލީހުގެ ކޮމިޓީއެއްގެ ބައްދަލުވުމެއްގައި ބައިވެރިވާން އެދިވަޑައިގަންނަވާނަމަ، އޮންލައިންކޮށް ބައިވެރިވެވޭނެ އިންތިޒާމް ހަމަޖައްސަން ޖެހޭނެ ކަމަށް ކޮމިޓީން ނިންމާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމިޓީގެ ނިންމުން ރަސްމީވެ، އެއަށް އަމަލްކުރާނީ މަޖިލިހުގެ ތަޅުމުން ފާސްވެގެންނެވެ.

މިއީ މަޖިލިހުގެ މެމްބަރުން ދާއިރާތަކަށް ކުރައްވާ ދަތުރުތަކަކީ މަޖިލިހުގެ ރަަސްމީ ކަމެއް ކަމަށް ހަދަން ފާސްކުރާ ފުރަތަމަ ފަހަރެވެ.

މެންބަރުން ދާއިރާއަށް ކުރައްވާ ދަތުރުތަކަކީ ރަސްމީ ދަތުރުތަކުގެ ގޮތުގައި ކަނޑައަޅާފައި މިވަނީ ކުރިއަށް އޮތް ކައުންސިލް އިންތިހާބަށް ބައެއް މަޖިލިސް މެމްބަރުން ކެމްޕެއިން ކުރެއްވުމަށް ރަށްރަށަށް ވަޑައިގަންނަވަމުންދާ ދުވަސްވަރެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކޮރަލް

    ދަރަނި މައްޗަށް ދަރަނި އެވެ. ދަރުވާލަނީ އެވެ. ހަމަ އެކަނި ޕާޓީ ކުރި އަރުވާށެވެ.

  2. އަޙުމަދު އެލެކްސް

    މެމްބަރުންގެ ދެކޮޅު ޓިކެޓާއި ހުރުމާއި ކެއުމުގެ ޚަރަދާއި މަޖާކުރުމުގެ ޚަރަދާއި ދެއިރު ދެދަޅަޔަށް ކޮފީއަށްކުރާ ޚަރަދުގެ އިތުރުން ވޯޓުގަތުމަށް މީސްމީހުންނަށް ދޭ ފައިސާވެސް މަޖިލީހުގެ ބަޖެޓުންދޭ ގޮތަށް ހަމަޖެއްސުން ވަރަށް މުހިއްމު

    2
    1
  3. މެކް

    ޕާތީތައް އުވާލާ ރައްތިންގެ ވެރިކަމެއް ގެންނަނގެހޭ
    ޕާތީތަކުން ރައްޔިތުންދަރަނަ ކުރަނީ

  4. ބަރުގޮނު

    މަޖްލިސް މެމްބަރަކަށް ވުމުން ދެވޭ އިމްތިޔާޒްތައް މިހާރުވެސް ދެމުން ގެންދެވޭ. މިހާރު ދެން މި އިމްތިޔާޒުގެ ކަންތައްތައްވެސް މާ މައްޗަށް ދިޔައީ. މިދަތުރުތަކަށް އެލަވަންސަކާ ދާއިރާގައި އުޅުއްވާ ދުވަސްވަރު ދާއިރާގައި ކުރައްވާ އެއްގަމާ ކަނޑު ދަތުރުތަކާ ފަރިއްކޮޅާއި ހުންނެވުމުގެ ޚަރަދު ދަވްލަތުން ދޭން ވެއްޖެ ނަމަ ، ބައެއް މެމްބަރުން ގިނަގިނައިން އުޅުއްވާނީ ޖަލްސާތަކަށް ވަޑައިނުގެން ނަމަވެސް ރަސްމީ ދަތުރުފުޅު ތަކުގައި. އިދިކޮޅު މެމްބަރުންވެސް މި މަސްއަލާގައި ދެކޮޅެއް ނުހައްދަވާނެ.