ރައްޔިތުންނަށް ފެނުނު ތަރައްގީއެއް، "އަތްލެވުނު" ތަރައްގީއެއް ނެތް ކަމަށާއި މި ސަރުކާރަށް އިތުރަށް ކުރެވޭނެ ކަމެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލިހުގެ މާވަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ސައީދު މިއަދު ވިދާޅުވީ ކޮންމެ އިންތިހާބަކާ ދިމާވާ އިރަށް "އިސްކޮޅާ ހަމައަށް ވައުދުވުމަކީ" ސަރުކާރެއް ހިންގުމެއް ނޫން ކަމަށެވެ. އަދި މި ސަރުކާރުގެ ކެންޑިޑޭޓުންނަށް ރައްޔިތުން ވޯޓު ދޭން ޖެހޭ ސަބަބެއް ނެތް ކަމަށް ސައީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އޮންނާނީ ބްރިޖު އަޅާފައި. އަޅުގަނޑުމެން އޮންނާނީ އެއާޕޯޓު ތަރައްގީކޮށްފައި،" ކުރީގެ ސަރުކާރުގައި މާލެ އާއި ހުޅުލެ ގުޅުވާލުމަށް އެޅި ސިނަމާލެ ބްރިޖާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ހިންގި ބޮޑެތި މަޝްރޫއުތަކަށް އިޝާރާތް ކުރައްވައި ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވި ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ރާއްޖެ ވަނީ ތަރައްގީކޮށްފައެވެ. އެކަމަކު މި ސަރުކާރުން "ކަން ނުކޮށް" ބަޖެޓު ކައި ހުސް ކުރަނީ ކަމަށް ވިދާޅުވިއެވެ. އަދި ބޮޑެތި ލޯންތައް ނަގައި ގައުމު ދަރަނިވެރި ކުރުވަމުންދާ ކަމަށް ވިދާޅުވިއެވެ.

"2023 ވަނަ އަންނަ އިރު 106 ބިލިއަން ރުފިޔާ އަށް މި ގައުމު ދަރަނި ތި ޖައްސަނީ. ކޮން ކަމެއް ކުރަންތޯ؟ އަތް ލެވޭ ތަރައްގީއެއް، ފެންނަ ތަރައްގީއެއް ނެތް. ކައުންސިލް އިންތިހާބު ދީގެން މި ސަރުކާރަށް ކުރެވޭނެ ކަމެއް ނޯންނާނެ،" ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ކައުންސިލް އިންތިހާބު ބޭނުން ނަމަ، އުތުރުތިލަފަޅު ތަރައްގީ ކުރުމަށް އިންޑިއާއާ އެކު ގާއިމު ކުރި އެއްބަސްވުން ރައްޔިތުންގެ މަޖިލިހަށް ގެނެސްދޭން ޖެހޭ ކަމަށެވެ. އަދި މިކަން ކުރަން ބިރު ގަންނަނީ ކީއްވެތޯ ސައީދު ވަނީ ސުވާލު ކުރައްވައިފައެވެ.

"އަސްކަރީ ބޭނުމަކަށް އުތުރުތިލަފަޅު އޮތީ ވިއްކާލާފައި، (އުތުރުތިލަފަޅު އެއްބަސްވުން ހާމަކޮށްދީ) އެކަން ކޮށްދީ. އޭގެ ފަހުގައި ވޯޓަށް އާދޭ،" އިިދިކޮޅު ޕީއެންސީގެ ނައިބު ރައީސް ކަން ވެސް ކުރައްވަމުން ގެންދަވާ ސައީދު ވިދާޅުވިއެވެ.

އުތުރު ތިލަފަޅުގައި ކޯސްޓްގާޑުގެ އުޅަނދުތައް ބެހެއްޓޭ ގޮތަށް ބަނދަރަކާއި ޑޮކްޔާޑެއް ހަދަން އިންޑިއާއާ އެކު ދިވެހި ސަރުކާރުން ހެދި އެއްބަސްވުން ކަމަށް ބުނެ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ދާދި ފަހުން ވަނީ ލިޔެކިޔުންތަކެއް ލީކް ކުރައްވައިފައެވެ. އެކަމަކު "ވަގުތަށް" އެނގިފައިވާ ގޮތުގައި އުމަރު ނަސީރު އާންމު ކުރެއްވި ލިޔުންތަކަކީ އެ އެއްބަސްވުމުގެ ފުރަތަމަ ޑްރާފްޓެވެ.

އެ ޑްރާފްޓްގައި ހިމެނޭ ގިނަ ކަންކަމަށް ދިވެހި ސަރުކާރުން އެއްބަސްވެފައެއް ނުވެއެވެ. ހާއްސަކޮށް، ޑްރާފްޓްގައި އިންޑިއާ ސިފައިންނާ ގުޅޭ ގޮތުން ހުރި ބައިތައް ފަހުން ސޮއިކުރި އެއްބަސްވުމުގައި ނުހިމަނާ ކަމަށްވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ާހިދާ

    އައިކެއާއިން ހިލޭ ލޯ ޗރެކް ކޮށްދޭ

    1
    9
    • ޓޫމިލްކް

      ލޯ ޗެކް ކުރީމަ ފެންނާނީ ކޯއްޗެ؟

  2. އަލްޖިބްރާ

    ކަލޭމެންގެ ވެރިކަމުގައި މިދިވެހިރާއްޖޭން ތެޔޮ ނަގައިގެން ދިވެހިން ވަރަށް މުއްސަދި ބަޔަކަށްވެސް ހެދީމެއްނު ؟ އެވާހަކަ ދައްކަން ނުކެރެނީ ކީއްވެތަ ؟ ކަލޭމެނަށް އަތްލެވުނު ތަރައްޤީ ބޮޑުވެގެން ގޮސް ހުރިހާ ފަޅުރަށެއް ވިއްކާފަ ލިބުނު ބައިވަރު ޖީބަށް ކަހާލި ވާހަކަ ނުގޮވަނީ ކީއްވެތަ ؟ ފ.އަތޮޅުވިއްކާލަން އުޅުމަކީ އަތުޖެހުނު ތަރައްޤީ ތަ؟ މޮޔަގޮވަން ފެށީ ތަ ؟