ވ. ތިނަދޫ މޮނިޓަރިން ހާލަތުން ނަގާފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ހާމަކޮށްފިއެވެ.

ތިނަދު އަށް އަރައި ފޭބުން މަނާ ކުރީ އެ ރަށުގައި ޗުއްޓީ ހޭދަކުރި ފަތުރުވެރިއެއް ފުރުމުގެ ކުރިން ކޮވިޑް-19 އަށް ޓެސްޓް ކުރި އިރު، ނަތީޖާ ފައްސިވެގެންނެވެ. އެނގިފައިވާ ގޮތުގައި އެ ރަށުން މީހަކު ކޮވިޑަށް ފައްސިވުމުން ކޮންޓެކްޓް ޓްރޭސިން މަސައްކަތް ވަނީ ފުރިހަމަކޮށްފައެވެ.

އަދި އޭނާއާ ބައްދަލުވެފައި ތިބި މީހުން ވަނީ ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރަން ޖެހިފައެވެ.

ކޮވިޑް-19 އަށް ފައްސިވީ އެ ރަށަށް ޗުއްޓީ ހޭދަކުރަން ދިޔަ ޕާކިސްތާންގެ ފަތުރުވެރިއެކެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ރަށްރަށުގައި ކޮވިޑްގެ ވޭދަނަތައް ފެންނަ މިންވަރު އިތުރެވެ. ކޮވިޑްގެ ވޭދަނަތަކާ ގުޅިގެން މިވަގުތު 17 ރަށެއް އޮތީ މޮނިޓަރިން ހާލަތުގައެވެ.

އަދި ރާއްޖޭގެ ރަށްރަށުގައި ކޮވިޑް ޖެހިފައި ތިބި 900 އަށް ވުރެ ގިނަ މީހުން އެބަތިބިއެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 24،000 އަށް ވުރެ މައްޗަށް އަރާފައިވާ އިރު މި ބަލީގައި 67 މީހަކު ވަނީ ނިޔާވެފައެވެ.