ގައުމުގެ ހާލަތު ބަދަލު ކުރެވޭނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ހުރިހާ ރައްޔިތުން "ރުކަށް" ވޯޓު ދީގެން ކަމަށް އިދިކޮޅު ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކައުންސިލް މެމްބަރު ހުސެއިން ޝިފާޒް މިއަދު ވިދާޅުވެއްޖެއެވެ.

ރުކެއް ކަމަށް ޝިފާޒް ސިފަ އެ ކުރައްވަނީ އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕީޕީއެމްގެ ލޯގޯ އިން ފެންނަ ރުކަށެވެ.

ޝިފާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއީ ދިވެހިންގެ ބިން ކަމަށްވާ އިރު، މިތަނުގައި އޮންނަން ޖެހޭނީ އިސްލާމް ދީން ކަމަށެވެ. އަދި މިތަނުގައި އުޅެން ޖެހޭނީ ދިވެހި ލޭ ހިނގާ ދަރިން ކަމަށް ވިދާޅުވެ އެހެން ދީނަކަށް ފުރުސަތު ނުދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ދިވެހިން ވިސްނަވާ، މިއީ ދިވެހި ބިން، މިއީ ދިވެހި ފަސްގަނޑު. މިއީ ދިވެހި ލޭ ހިނގާ ދަރިން. މިއީ މަގޭ ރާއްޖެ. އަހަރުމެންގެ ދީނަކީ އިސްލާމް ދީން. މިތާ އެހެން ދީނަކަށް ފުރުސަތެއް ނުދޭނަން،" ރާއްޖޭގެ ދިދައާ އެކު ޝިފާޒް ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

އަންނަ ހޮނިހިރު ދުވަހު، ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައިވާ އިރު، މިފަހަރުގެ އިންތިހާބުގައި އެންމެ ބޮޑު ވާދަވެރިކަމެއް އޮންނާނެ ކަމަށް ބެލެވެނީ އެމްޑީޕީ އާއި ޕީޕީއެމްގެ ދެމެދުގައެވެ. އެ ދެ ޕާޓީގެ ކެންޑިޑޭޓުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ވަރަށް ފޯރިއާ އެކުގައި ދަނީ ކެމްޕެއިން ކުރައްވަމުންނެވެ.

ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި 273،128 މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ ކަމަށް އީސީން ވަނީ ހާމަކޮށްފައެވެ. އޭގެ ތެރެއިން 5،134 މީހުންނަކީ އިންތިހާބު ފަސްކުރުމުން، އެއް އަހަރުގެ ތެރޭގައި 18 އަހަރު ފުރޭ މީހުންނެވެ.

މިފަހަރުގެ ކައުންސިލް އިންތިހާބުގައި، 2،264 އަދި އަންހެނުންގެ ކޮމެޓީތަކަށް ވާދަކުރާ 1،670 ކެންޑިޑޭޓުން ވާދަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އ . ޖ . އ

    ރުކަކަށް ކޮއްދެވޭނީ ކޮން ކަމެއްތޯ
    ކަދުރު ރުކެއްތޯ ފޯއް ރުކެއްތޯ

    3
    4
  2. ހަސަނޭ

    ރުކުގެ މައްސަލައަކީ އަޅާ ކާށިކޮޅު ވީ ނުވީއެއް ނޭންގި ގެއްލޭތީ.. ހަމަ އެކަނި އިންނަނީ ނަލަ ރުކެއް. އަހާލާއިރު މިއޮންނަނީ ބްރޯ އެބައި ގެންގޮއްސަ