ހުސްވާހަކައިން އަބަދު ރައްޔިތުންނަށް އޮޅުވާލުމަކީ އެމްޑީޕީގެ އަމާޒަށްވެއްޖެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. ރައީސް ޞާލިހް ވެރިކަމަށް ގެންނަން އެންމެ ވަރުގަދަ އަށް ކެމްޕޭން ކުރެއްވި، ނަމަވެސް 2019 ވަނަ އަހަރުގެ މެދުތެރެއިން ފެށިގެން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ ޖަމީލް އާއްމު ގޮތެއްގައި ކޮންމެ ދުވަހަކު ވެސް ސަރުކާރަށް ފާޑުވިދާޅުވެ ޓްވީޓެއް ކުރައްވައެވެ.

ޖަމީލް މިއަދު ވިދާޅުވީ 20 އަހަރުވަންދެން އެމްޑީޕީ އިން ބަހަނާ ދައްކަދައްކާ ގޮސް ބަހަނާތައް ހުސްވެއްޖެ ކަމަށެވެ. އެމްޑީޕީގެ ފަލްސަފާ އޮތީ "މަ މޮޅު" ކިޔުމަށް ކަމަށް ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ނައިބު ރައީސް ކަމުން ވަކިކުރުމުން ރައީސް ޔާމީންގެ ސަރުކާރަށް އެންމެ ބޮޑަށް އެކިކަންކަމުގައި ފާޑުވިދާޅުވަމުން ގެންދެވީ ޖަމީލެވެ. ނަމަވެސް ފަހަކަށް އައިސް އޭނާ ޕީޕީއެމްގެ ކުރީ ސަފުން ވެސް ފެނެއެވެ. މިހާރު ޖަމީލަކީ ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމްގައި ހިމެނޭ އިސް ވަކީލެވެ.

ޔާމީންގެ ސަރުކާރުން ގެނައި ތަރައްޤީއަށް ވެސް ޖަމީލް މިހާރު ވަރަށް ބޮޑަށް ތައުރީފް ކުރައްވައެވެ. މިއަދު ޤަޢުމީ ތަރައްޤީގެ ވިސްނުން ސާބިތުކޮށްދިނީ ރައީސް ޔާމީން އާއި ޕީޕީއެމްއިން ކަމަށެވެ.

ހުސްވާހަކައިން އަބަދު ރައްޔިތުންނަށް އޮޅުވާލުމަކީ އެމްޑީޕީގެ އަމާޒު ކަމަށް ޖަމީލް ވިދާޅުވީ ސަރުކާރާއި ރައްޔިތުންގެ މަޖިލިސް ލިބިގެން ރައްޔިތުންނަށް ރާހަތެއް ނުކުރި ނަމަވެސް ކައުންސިލްތައް އެމްޑީޕީ އަށް ލިބިއްޖެނަމަ ރައްޔިތުންނަށް ފައިދާ ކުރާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަލްޖިބްރާ

    ތާކުން ތާކު ނުޖެހޭ ވާހަކަތަސް ދެއްކުމާއި މީހުންގެ ތެރޭގައި ދޭތެރެ ޖެއްސުމާއި ފިތުނަ ފަސާދަ އުފެއްދުމަކީ ޖަމީލުގެ އަމާޒު !

  2. އަހޫ

    ހުސްބުޅިގައި ގަންނާނީ މަސް އަދި އެމްޑީޕީ ކަނޑުކޮހުން.

  3. ކޔ

    ޖަމީލު ކަލޭ ތީ ލަދެއް ވެސް ނެތް މީހެއް.މިހާރުވެސް ތި އުޅެނީ ވެރިކަމާހެދި