ޤައިދީންނަށް ކެމްޕޭން ކުރުމުގެ ފުރުޞަތު ނުދެއްވާނެ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަޙްމަދު ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރު އަޒްލީން އަޙްމަދު "ވަގުތު" އަށް ދެއްވި ހާއްޞަ ބަސްދީގަތުމެއްގައި ވިދާޅުވީ، ޤައިދީން އިންތިޚާބުތަކުގައި ވާދަކޮށް ކެމްޕޭން ކުރުމުގެ ފުރުޞަތު ސަރުކާރުން ނުދެއްވާނެ ކަމަށާއި، ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ކެމްޕޭން ކުރުމުގެ ފުރުޞަތު ދެއްވާނަމަ ދިވެހިރާއްޖޭގެ ޖަލުތަކުގައި ތިބި ގިނަ އަދަދެއްގެ ޤައިދީން ކަންކަމަށް ވާދަ ކުރުމާއި، އެ މީހުން ބޭނުންވާ ކަންކަމަށް ކެމްޕޭން ކުރުމުގެ ފުރުޞަތުވެސް ދޭން ޖެހިދާނެ ކަމަށެވެ.

"ޤައިދީން އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުޞަތު ސަރުކާރުން ނުދޭނެ ނޫންތޯ! އެއްގޮތަކަށްވެސް ނުދޭނެ. ދިވެހިރާއްޖޭގައި ޖަލުތަކުގައި ގިނަ އަދަދަކަށް ކުށްވެރިން އެބަތިބި. މި އެންމެންވެސް އެމީހަކު ބޭނުންވާ ކަމަކަށް ކުރިމަތިލައި، އެމީހަކު ބޭނުންވާ ކަމަކަށް ކެމްޕެއިން ކުރަންވީ ނޫންތޯ!" އަޒްލީން ވިދާޅުވިއެވެ.

އަޒްލީން ވިދާޅުވީ، ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެ ދަށުން ކުށްވެރިންނަށް އިންތިޚާބުތަކުގައި ވާދަކޮށް ކެމްޕޭން ކުރުމުގެ ހައްޤު ލިބިގެން ނުވާ ކަމަށެވެ. މީގެ އިތުރުން އެމްޑީޕީގެ ފަރާތުން ފެނިގެން ދިޔައީ ޣައިރު ޤާނޫނީ ޕްރައިމަރީއެއް ބާއްވާ ޑިމޮކްރަސީއަށް ވަރަށް ނިކަމެތިކޮށް ހެދި މަންޒަރު ކަމަށްވެސް އަޒްލީން ވިދާޅުވިއެވެ.

"ޕްރައިމަރީއެއް ވިއްޔާ ވާދަކުރާނެ ފަރާތެއްވެސް ހުންނާނެ. ޣައިރު ޤާނޫނީ ޕްރައިމަރީއެއް ބާއްވައިގެން ގޭގެއަށް ގުޅި ގުޅީގަޔާއި، ފޮށީ ފޮށީގަޔާއި، ފުޅީގެ އިތުރުން ކޮންކްރީޓް މެޝިންތަކުގައި ވޯޓު އެޅުމަށްޓަކައި އެމީހަކު ހުރި ތަނަކަށް ދިޔުން މީ ޑިމޮކްރަސީއަށް ކުރި މަލާމާތެއް އަދި ފުރައްސާރައެއް" އަޒްލީން ވިދާޅުވިއެވެ.

ގައިދީއަކަށް ޕްރައިމަރީއެއްގައި ވާދަ ނުކުރެވޭނެކަމަށާއި އިންތިޚާބު ހުއްޓަން ދިވެހިރާއްޖޭގެ ކޯޓަކުން އަމުރު ކޮށްފައި އޮއްވާ ވޯޓު ލަމުން ދިޔަ ދިޔުމަކީ ޑިމޮކްރަސީގެ ކަންފުޅެއްވެސް ހުރެގެން ކުރި ކަމެއް ނޫން ކަމަށާއި، އެއީ ޑިމޮކްރަސީގެ އެއްވެސް އަސާސެއް ނެތް އަދި ޑިމޮކްރަސީއަށް އިހްތިރާމެއް އިހްރިރާމް ކުރަން ނުދަންނަ ބަޔަކު ޑިމޮކްރަސީގެ އަގު ވައްޓާލައި ޑިމޮކްރަސީއަކީ އެއްވެސް އެއްޗެއް ނޫންކަމަށް ދައްކަން ކުރި ކަމެއް ކަމަށްވެސް ހޯމް މިނިސްޓަރު ވިދާޅުވިއެވެ.

"ރާއްޖޭގެ ވެރިކަމަށް އަންނަން މަސައްކަތް ކުރާއިރު އެންމެ ފުރަތަމަވެސް އިހްތިޔާރު ކުރަނީ ޤާނޫނާ ހިލާފު ކަންކަން ކޮށްގެން ރާއްޖޭގެ ވެރިކަމަށް އަންނަން. ދިވެހިރާއްޖޭގެ ވެރިކަމަށް ކުފޫ ހަމަނުވާ މީހަކަށް ނޫނީ ނުކެރޭނެ މިހެން އުޅޭކަށް. ޤާނޫނަށް އިހްތިރާމްކުރަން ދަންނަ މީހަކަށް ނުކެރޭނެ ޤާނޫނާ ހިލާފަށް ކަމެއް ކުރާކަށް. މިފަދަ މީހަކަށް ޤައުމު ހަވާލުކުރީމަ ވާނެގޮތް ކޮންމެ ދިވެހި ދަރިއަކަށްވެސް ތަސައްވަރު ކޮށްލެވޭނެ" ނަޝީދުގެ އަމަލުތަކަށް ފާޑުވިދާޅުވަމުން އަޒްލީން ވިދާޅުވިއެވެ.

ނަޝީދަށް ރާއްޖޭގެ ވެރިކަމަށް ކުރިމަތި ނުލެއްވޭނެކަން އަދި ކުރިމަތި ލެއްވިޔަސް ނުހޮވޭނެކަންވެސް އެނގިވަޑައިގަންނަވާނެ ކަމަށާއި، ރާއްޖޭގެ ރައްޔިތުން ޤާނޫނާ ހިލާފު ކަންކަމާ އުސޫލުތައް ބަލައި ނުގަންނާނެ ކަމަށްވެސް އަޒްލީން ވިދާޅުވިއެވެ.

ހޯމް މިނިސްޓަރު އިތުރަށް ވިދާޅުވީ، އެމްޑީޕީން ބޭނުންވީ ދިވެހިރާއްޖެއަކީ ޤާނޫނު ނެތް މުޖުތަމައެއް ގޮތަށް ދައްކަން ކަމަށާއި، އާއްމުންނަށް ދައްކައިދިނީ ޑިމޮކްރަސީއަކީ އެއްޗެއް ނޫންކަމާއި، ޑިމޮކްރަސީއަކީ އޮންނަން ޖެހޭ އެއްޗެއް ނޫންކަން އަދި ޑިމޮކްރަސީއަކީ ބޭނުންވާ ގޮތަކަށް ބޭނުން ކަމެއް ކުރުންކަން ކަމަށެވެ.

ކޯޓު އަމުރެއް ނެރެގެން އެމްޑީޕީގެ ޕްރައިމަރީ ހުއްޓުވަން ޖެހުނީ ކަނޑައެޅިގެން ޤާނޫނާ ހިލާފަށް ޕްރައިމަރީ ބާއްވާތީ ކަމަށާއި، ސަރުކާރުން ޤާނޫނާ ހިލާފު އެއްވެސް ކަމެއް ނުކުރާނެ ކަމަށް އަޒްލީން ވިދާޅުވިއެވެ. މީގެ އިތުރުން ސަރުކާރުން އަންގާފައިވަނީ އަދި އަންގާނީވެސް ޤާނޫނީ އިމުގެ ތެރެއަށް އައުމަށް ކަމަށް އަޒްލީން ވިދާޅުވިއެވެ.

ރައީސް ނަޝީދުއަށް އެމްޑީޕީގެ ރިޔާސީ ޓީކެޓް ދީފައިވާއިރު، އެމަނިކުފާނަކީ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް ތަންފީޒު ކުރަވަމުން ދަނިކޮށް ބޭސް ފަރުވާއަށް ކަމަށްބުނެ ރާއްޖެއިން ބޭރަށް ގޮސް އިނގިރޭސިވިލާތުގެ ސިޔާސީ ހިމާޔަތް ހޯއްދަވައިގެން ރާއްޖެއިން ބޭރު އެކި ޤައުމުތަކުގައި އުޅުއްވާ ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ފިރުޓޭ

    ޤައިދީން ލައްވާ މަސައްކަތް ކުރުވޭ ކަމަށްވަންޏާ އެހެން ކަންކަންވެސް ބަލަގަ ކުރެވޭނެ އެއް ނޫންތަ! އަންތަރީސް ވާ ވަރުވޭ!

  2. ރަހުމަ

    ޔާމިނު އެއީ އީ ްައިދީއެއް ނޫންތަ

  3. ބޮންތި

    އިޖްތިމާއީ މަސައްކަތް ގައިދީން ލައްވައި ކުރުވިދާނެ އެވެސް އުޖޫރަ ލިބޭގޮތަށް. ގައިދީންނާ މެދު އަމަލް ކުރާ އުސޫލެއްގެ ދަށުން އެކަން ހިންގުމަކީ މައްސަލައެއް ނޫން. އެހެން ނޫނަސް އެ ގައިދީންނަކީ ނުރައްކާތެރި ކުށްވެރިންނެއް ނޫން އަދި އެގައިދީންނަކީ ނިރުބަވެރި އަމަލެއްކޮށްގެން ކުށްވެރި ވެފައިވާ ބައެއް ވެސް ނޫން.

  4. ާސިފާން

    މޑޕ މީހުންހާ ހަޔާތް ކުޑަބަޔެއް ނޫޅޭނެ ދިވެހިރާއްޖެއަކު. ހަޔާތްކުޑަވީމަ ދޯ ބިރަކާނުލާ މަޖާކުރަން ނިކުންނާނީ!

  5. އަބްދުއްލާ

    ގާނޫނު ބުނާގޮތުން މިހިސާބަށް ދާއިރު އެމްޑީޕީ އުވާލަންޖެހޭނެ.

  6. ނާޡިމް

    ސާބަހޭ އަޒްލީން ސަރ! ނަޝީދުއަށް ޖަލުން ޕްރައިމަރީއަށް ކުރިމަތި ލުމުގެ ފުރުޞަތި އެބައޮްތް ؟؟؟

  7. ފަސީ

    ބައްލަވާ މިނިސްޓަރު!!! ގައިދީންނަކީ ކޯޗެއްތޯ؟ ގައިދީން ކިޔަނީ ޖަލުގައި ބަންދުކޮށްފައި ތިބޭ މީހުންނަށް ކިޔާ އެއްޗެއްނޫންތޯ. މަނިކުފާނަށް ތިބުނާ ކެމްޕެއިންކުރާ ގައިދީ ނުބެހެއްޓިގެން މިނިވަންކުރެއްވީ ނޫންތޯ. ދެން ކޮންގައިދީއެކޭތޯ ތިވިދާޅުވަނީ.