އައްޑޫ ސިޓީގައި ހަދާފައިވާ "ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރ" ހުޅުވައިފިއެވެ.

މި ތަން ހުޅުވާދެއްވީ ވަރޗުއަލްކޮށް ބައިވެރިވެވަޑައިގެން ނައިބް ރައީސް ފައިސަލް ނަސީމެވެ.

މި ސެންޓަރަކީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގެ ބެލުމުގެ ދަށުން ގާއިމްކޮށްފައިވާ ސެންޓަރެކެވެ.

މި ސެންޓަރުން ކްލިނިކަލް ސައިކޮލޮޖީ، އޮކިއުޕޭޝަނަލް ތެރަޕީގެ އިތުރުން ސްޕީޗް ތެރަޕީގެ ހިދުމަތްތައް ފޯރުކޮށްދޭނެ އެވެ.

މި ސެންޓަރުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ކުދިންގެ ހެދިބޮޑުވުމަށް ބޭނުންވާ ހުރިހާ ފަރުވާއެއް އެއްތަނަކުން ލިބޭނެގޮތަށް އިސްކަންދީގެން އަދި އައްޑޫސިޓީގައި ކުރިޔަށްގެންދާ ސްޕެޝަލް ނީޑް ކްލާސްތަކާ އެފަދަ ކަމާގުޅުންހުރި ހުރިހާ ފަރާތްތަކާވެސް ގުޅިގެން ވަށާޖެހޭ ގޮތެއްގައެވެ.

ނައިބް ރައީސް ފައިސަލް ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށެއްގައި ދިރިއުޅޭ ރައްޔިތުންނަށް އެބައެއްގެ އަމިއްލަ ރަށުގައި ތިބެގެން ފަސޭހަކަމާއިއެކު ސިއްހީ ހިދުމަތްތައް ހޯދޭނެގޮތް ތަނަވަސްކޮށްދިނުމަކީ މި ސަރުކާރުގެ މައިގަނޑު ސިޔާސަތެއް ކަމަށެވެ.

އަދި ފައިސަލް ނަސީމް ވިދާޅުވީ މި ސަރުކާރުގެ ލާމަރުކަޒީ ނިޒާމުގެ ދަށުން ސިއްހީ ހިދުމަތްތައް ފުޅާކުރުމުގެ މަޝްރޫއު ވަރަށް ހަލުވިކޮށް ކުރިއަށް ގެންގޮސްފައިވާކަމަށާއި، މިއަދު މި ފެނިގެންދަނީ ރާއްޖޭގެ ސިއްހީ ނިޒާމަށް ބޮޑު އިންގިލާބީ ބަދަލުތަކެއް އަންނަމުންދާތަން ކަމަށެވެ.

މިގޮތުން، މިއަހަރު އެކަނިވެސް ސަރުކާރުން ސިއްހީ ހިދުމަތްތައް ތަރައްގީކޮށް ހަރުދަނާކުރުމަށް ބޮޑު ހޭދައެއް ކޮށްފައިވާކަމަށް ނައިބް ރައީސް ފައިސަލް ވިދާޅުވިއެވެ.

އަދި ސިއްހީ ހިދުމަތް ހޯދުމަށް ރަށުން ބޭރަށް ދަތުރުކުރަންޖެހޭ މީހުންގެ އަދަދު މިދިޔަ ދެ އަހަރު ވަރަށް ބޮޑުތަން ދަށްވެފައިވާކަމަށާއި، މީގެއިތުރުން، މި ސަރުކާރުން ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލުތަކުގެ ސަބަބުން ހިދުމަތްތައް ލާމަރުކަޒުކުރެވި، ކުރިން ކައުންސިލްތަކުން ނިގުޅައިގަނެފައިވާ ގިނަ ބާރުތަކެއް އަލުން އަނބުރާ ކައުންސިލްތަކަށް ލިބިފައިވާކަން އެމަނިކުނު ވިދާޅުވިއެވެ.

އެހެންކަމުން ކުރިމަގުގައި ރަށްރަށުގެ ހިދުމަތްތައް ތަރައްގީކޮށް، އެހިދުމަތްތައް ފޯރުކޮށްދިނުމުގައި ކައުންސިލްތަކުގެ ދައުރު ފުޅާވެގެންދާނެކަމަށް ނައިބް ރައީސް ވިދާޅުވިއެވެ. އަދި، ކައުންސިލްތަކުގެ އެއްބާރުލުމާއެކު ވަރަށް ގިނަ ހިދުމަތްތައް ރަށްރަށުގައި ތައާރަފް ކުރެވޭނެކަމުގެ އުންމީދު އޮތްކަމަށްް ނައިބް ރައީސް ފައިސަލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަނގަގަދަ ސަރުކާރެއް މިއޮތީ

    އައްޑޫ އެކުއިޓޯރިއަލް ހޮސްޕިޓަލޭ ކިޔައިގެން އަނގަ ހުޅުވަން ލަދެއް ނުގަނޭދޯ! ރައްޔިތުން ގުނބޯ ހެއްދުން ނޫން ކަމެއް މިސަރުކާރަށް ކުރެވޭތޯ؟