ކުރިއަށް އޮތް ކައުންސިލް އިންތިހާބު ކާމިޔާބުކޮށް ބިނާ ކުރަނިވި ފިކުރާއި ބިނާކުރަނިވި ތަރައްގީ ކޮންމެ ރަށަކަށް ގެންގޮސްދީ، އެރަށްތައް ތަރައްގީ ކޮށްދެއްވުމުގެ އަޒުމު އާކުރައްވާ މާލެ އަތޮޅު ކައުންސިލް ރައީސްކަމަށް އިދިކޮޅު ޕީޕީއެމް އިން ވާދަކުރައްވާ މުހައްމަދު ނިމާލް މާލެ އަތޮޅު ރައްޔިތުންނަށް ހާއްސަ މެސެޖެއް ދެއްވައިފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވާ މުޅި ރާއްޖެއަށް 24 ގަޑިއިރުގެ ކަރަންޓް ޔަގީން ކޮށްދެއްވި "24 އަވާސް މޭން" ކަމަށްވާ ނިމާލް ވިދާޅުވީ އޭނާގެ އެންމެ ބޮޑު އަމާޒަކަށް ވެގެން ދާނީ އެއް އަތޮޅެއް އެއް އާއިލާއެއްގެ ގޮތުގައި ތަރައްގީ ކުރެއްވުމެވެ.

ނިމާލް ވިދާޅުވީ ރާއްޖެއަށް މިއައި ޑިމޮކްރަސީގެ ސަބަބުން ދިވެހިން މިވަނީ ބައިބައި ވެފައެވެ. "އެތައް އާއިލާއެއް މިވަނީ ގާތް ނުވެވޭވަރަށް ދުރުވެފައި. އެތައް ޒަހަމްތަކެއް މިވަނީވެފައި. އަޅުގަނޑު އެންމެ އިސްކަން ދޭނެ އެއްކަމަކީ ބައިބައިވެފައި މިވާ މުޖުތަމައު އެކުވެރިކުރުން. ޒަހަމްތަކަށް ފަރުވާ ހޯދުން." ނިމާލް ވިދާޅުވިއެވެ.

ނިމާލް ވިދާޅުވީ އޭނާގެ ފިކުރަކީ ބިނާކުރަނިވި ފިކުރެވެ. މިއީ ތިޔާގިކަމުގެ ފިކުރެވެ. އޭނާގެ ފިކުރަކީ ރާއްޖޭގެ ކޮންމެ ރަށެއްގެ ގޮނޑުދޮށަށް ބީއްސާލާ ހިމޭން ރާޅަށް، ތިރިކޮށްލާ އެކިއެކި ދޫންޏަށް އެ ރަށަކުން ފަސް ވަގުތު ބަންގީގެ ކީރިތި އަޑު އިވެންޖެހޭނެ ކަމަށް ގަބޫލުކުރާ ޠާހިރު ފިކުރު ކަމަށް ވެސް ނިމާލް ވިދާޅުވިއެވެ.

ކުރިއަށް އޮތް ކައުންސިލް އިންތިޚާބަކީ އެމްޑީޕީގެ ސަރުކާރުގެ ސަބަބުން ނާއުއްމީދު ވެފައިވާ އެމްޑީޕީގެ ސަޕޯޓަރުންނާއި އަދި އެހެން ޕާޓީތަކުގެ މެންބަރުންނަށް ވެސް އުއްމީދާއި ތަރައްގީ ގެނެސްދޭނެ މަގު ކޮށައިދޭ އިންތިހާބަކަށް ވެގެން ދާނެކަމަށް ނިމާލް ކުރިން ވަނީ ވިދާޅުވެފައެވެ.