ފެނަކަ އާއިލީ ގުރުއާން މުބާރާތުގެ ތެރެއިން - ވަގުތު އިމޭޖެސް: އަޝްހާދު އަބްދުﷲ

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއިން އެކުންފުނީގެ މުވައްޒަފުންގެ އާއިލާތަކަށް އަމާޒުކޮށްގެން ބާއްވާ ފުރަތަމަ ޤުރުޢާން މުބާރާތް ކަމަށްވާ "ފެނަކަ އާއިލީ ޤުރުޢާން މުބާރާތް 1439" މިއަދު ފަށައިފިއެވެ.

ހިރިޔާ ސުކޫލު ހޯލްގައި ކުރިއަށްގެންދާ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފެނަކައިގެ ޑެޕިއުޓީ މެނޭޖިންގް ޑިރެެކްޓަރ މުހައްމަދު ލަމްއާން ވިދާޅުވީ ފެނަކައިން އެފަދަ މުބާރާތެއް ރަމަޟާން މަހާއި ދިމާކޮށް ބޭއްވުމަށް ނިންމީ މި މަހަކީ ޤުރުޢާން ބާއްވައިލެއްވުނު މައްސަރަށް ވެފައި ފެނަކައިގެ މުވައްޒަފުންގެ އާއިލާތަކާއި އެއާއިލާތަކުގެ ކުދިންގެ ހިތްތަކުގައި ޤުރުއާނަަށް ލޯބި ޖައްސާ އެ ކުދިން ޤުރުޢާނަށް އަހުލުވެރިކުރުވުގެ ގޮތުން ކަމަށެވެ.

" އަޅުގަނޑުމެން މިފަދަ މުބާރާތެއް ފެނަކައިގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށް މިގެންދަނީ މުވައްޒަފުންގެ އާއިލާތަކާއި އެއާއިލާތަކަށް ނިސްބަތްވާ ކުދިންގެ މެދުގައި ޤުރުއާނަށް ލޯބި ޖެއްސުމަށް. އަދި އާއިލާތަކުގެ މެދުގައި އޮންނަ ގުޅުން  ވަރުގަދަކޮށް ބަދަލި ކުރުމަށް " ލަމްއާން ވިދާޅުވިއެވެ.

ޖުމްލަ 4 އުމުރުފުރާއަކުން ދެ ގޮތްޕަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި ޖުމްލަ 17 ކުދިން ބައިވެރިވެއެވެ. އަދި ކޮންމެ ބައިވެރިޔަކަށް ދެ ސުވާލު ކުރެވިގެންދާއިރު މި މުބާރާތުގެ ފަނޑިޔާރުކަން ކުރައްވަނީ އިސްލާމިކް ޔުނިވާސިޓީގެ ދެ މުދައްރިސުން ކަމަށްވާ އަލްގާރީ އަހުމަދު އަލި ދީދީ އާއި އަލްގާރީ އަހުމަދު ވަހީދެވެ.

މި މުބާރާތަކީ ކޮންމެ އުމުރުފުރާ އަކާއި ކޮންމެ ގޮތްޕަކުން އެއްވަނަ އާއި ދެވަނަ އަދި ތިންވަނަ ހޮވާގޮތަށް ކުރިއަށް ގެންދާ މުބާރާތެކެވެ. މި މުބާރާތުގެ އެންމެ މޮޅު ބައިވެރިޔަކަށް 10،000 ރުފިޔާ ލިބިގެންދާއިރު ދެވަނަ ބައިވެރިޔާއަށް 7000 އަދި ތިންވަނަ ބައިވެރިޔާއަށް 4000 ރުފިޔާ ލިބިގެންދާނެއެވެ.

އެއް ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނީ މާދަމާ ރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ما شاء الله