މާދަމާ އޮންނަ ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގައި ވޯޓުލުމަށްޓަކައި ކޮވިޑް-19އާ ގުޅިގެން ކަރަންޓީންކޮށްފައި ނުވަތަ އެކަހެރިކޮށްފައި ތިބި މީހުންނަށް ކަނޑައަޅާފައިވާ ވަގުތު އިލެކްޝަން ކޮމިޝަނުން އާއްމުކޮށްފިއެެވެ.

އީސީން ވިދާޅުވީ، މާދަމާގެ ވޯޓުލުން ކުރިއަށް ދާނީ ހެނދުނު 07:00 އިން 17:00 އަށް ކަމަށެވެ. އަދި ކަރަންޓީނާއި އެކަހެރިކޮށްފައ ތިބި މީހުންނަށް ވޯޓުލުމަށް ހާއްސަކޮށްފައިވާ ގަޑިއަކީ 17:00 އިން 18:00 އަށް ކަމަށް އީސީން ވިދާޅުވިއެވެ.

އައިސޮލޭޝަނުގައި ނުވަތަ ކަރަންޓީނުގައި ތިބޭ މީހުން ވޯޓުލާ މަރުކަޒަށް ހާޒިރުވުމަށް ހުއްދަ ހޯދާންޖެހޭ ފަރާތަކުން ހުއްދަ ހޯދައި، ވޯޓުލާ މަރުކަޒަށް ހާޒިރުވުމަކީ އެ މީހެއްގެ ޒިންމާއެއް އުސޫލުގައި ވެއެވެ.

އުސޫލުގައި ބުނެފައި ވަނީ ކޮވިޑް-19 އަށް ފައްސިވެފައިވާ މީހުންނާއި، ކޮވިޑް-19 އާ ގުޅިގެން ކަރަންޓީނުގައި ތިބޭ މީހުންގެ ތެރެއިން، 2021 އެޕްރީލް 10 ވަނަ ދުވަހުގެ ނިޔަލަށް އައިސޮލޭޝަނުން ނުވަތަ ކަރަންޓީނުން ނުވީއްލޭނެ ފަރާތްތަކާ ބެހޭ މަޢުލޫމާތު، 2021 އެޕްރީލް 8 ވަނަ ދުވަހުގެ ރޭ 20:00 ގެ ކުރީން، ހެލްތް ޕްރޮޓެކްޝަން އެޖެންސީން، އިލެކްޝަންސް ކޮމިޝަނަށް ދޭންވާނެއެވެ.

އައިސޮލޭޝަނުގައި ނުވަތަ ކަރަންޓީނުގައި ތިބޭ މީހުންގެ ތެރެއިން ވޯޓުލާން ބޭނުންވާ މީހުން، ވޯޓުލުން ނިންމުމަށް ކަނޑައަޅައިފައިވާ ގަޑީގެ ފަސްގަޑިއިރުގެ ކުރިން، އެ މީހަކު ވޯޓުލާން ބޭނުންވާކަމުގެ މަޢުލޫމާތު، ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ރަށު ޓާސްކްފޯސް މެދުވެރިކޮށް، އިލެކްޝަންސް ކޮމިޝަނުން ޢައްޔަނު ކޮށްފައިވާ ފޯކަލް ޕޮއިންޓަށް އަންގާންވާނެ ކަމަށް އުސޫލުގައި ބުނެއެވެ. މާލޭ ސަރަޙައްދުގައި ނަމަ، އެފަދަ މީހުންގެ މަޢުލޫމާތު، ވޯޓުލާ މަރުކަޒުގެ ވެރިޔާއަށް އަންގާނީ، މާލޭގައި ހުންނަ އިލެކްޝަންސް ކޯޑިނޭޝަން ސެންޓަރު މެދުވެރިކޮށް، ހެލްތް ޕްރޮޓެކްޝަން އެޖެންސީންނެވެ.

އައިސޮލޭޝަނުގައި ނުވަތަ ކަރަންޓީނުގައި ތިބޭ މީހުންނަށް ވޯޓު ލެވޭނީ، އެ މީހަކު ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފޮށްޓަށެވެ.

އައިސޮލޭޝަނުގައި ނުވަތަ ކަރަންޓީނުގައި ތިބޭ މީހުންނަށް ވޯޓުލުމަށް ފުރުޞަތު ދޭންވާނީ، އެ ފޮށްޓަކަށް ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ މީހުންގެ ތެރެއިން ކިޔޫ ބަންދުކުރާ ގަޑިއާ ހަމަޔަށް ކިޔޫގައި ތިބޭ މީހުން ވޯޓުލާ ނިމުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަޗި

    ދެން ބަދަލުކުރާނެކަމެއް ނެތް. ތިކަމެއް ތިހެނެއްވެސް ނުވާނެ. މިފަހަރު ވޯޓުލާން ނިކުތް މީހުންގެ ޕުރޮފައިލް ހަދާފަ މުޅި ދުނިޔެއަށް މިޖޯކު އިވޭނެ.