ކައުންސިލް އިންތިހާބު މާދަމާ ބާއްވަން ހުރިހާ ތައްޔާރީތަކެއްވެ ނިމިފައި އޮތްއިރު ކައުންސިލް އިންތިހާބާއި ރާއްޖެ ކުރިމަތިލަނީ އިތުރަށް ކޮވިޑް ފެތުރިގެން ހިނގައިދާނެ ފިޔަވަޅުތަކާއި އެކުގައެވެ. ކަރަންޓީން ވުމެއްނެތި، އަދި ކޮވިޑަށް ޓެސްޓް ވެސް ކުރުމެއްނެތި ކޮންމެ ރަށަކަށް ވެސް ވޯޓް ލާން ދިއުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ. ކޮވިޑް ޖެހިފައި ތިބި މީހުންނަށް ވެސް ވޯޓްލާ މަރުކަޒުތަކަށް ގޮސް ވޯޓް ލުމުގެ ހުައްދަ ވެސް އެބައޮތެވެ.

ބޮޑެތި ލުއިތައް ދީގެން އިންތިހާބު ބާއްވާއިރު އަދިވެސް ރާއްޖޭގެ ހާލަތު ރަނގަޅެއް ނުވެއެވެ. މިއަދު ވެސް 132 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ.

މިއަދު މާލެ އިން 56 މީހަކު އަދި އަތޮޅު ތެރޭގައި މީހުން ދިރިއުޅޭ ރަށްތަކުން 54 މީހަކު ކޮވިޑް-19 އަށް ފައްސިވިއެވެ. މިއަދު ރިސޯޓްތަކުން 22 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

ރާއްޖޭގައި މިހާރު ކޮވިޑް ޖެހިފައި 3072 މީހުން ތިބިއިރު އޭގެތެރެއިން 82 މީހުން ތިބީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައެވެ.

އަތޮޅުތެރޭގައި ތިބި ކޮވިޑް ބަލި މީހުންގެ އަދަދު މިއަދު ވަނީ 1050 އަށް އަރާފައެވެ. މިހާރު 75 ރަށެއްގައި ކޮވިޑް ބަލި މީހުން އެބަތިއްބެވެ. އެންމެ ގިނަ ކޮވިޑް ބަލި މީހުން ތިބީ ޅ.ނައިފަރާއި އެއަތޮޅު ފެލިވަރުގައެވެ. މިދެރަށުންވެސް ވަނީ 200 އަށްވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވެފައެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލީމޫސާ

    ވޯޓައްފަހު ވަރަށް ގަދަޔަށް ފެތުރޭނެކަމަށް ލަފާވޭ. ވޯޓުވެސް ކޮވިޑަށް ޕޮސިޓިވްވާނެ. 1000 ގޮޑި އޮތީ ހަމަޖެހިފަ/ .

  2. ސަގަރޭ

    ވޯޓައްފަހު ލޮކްޑައުން ކުރާނެ.