ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރިއަށްދާ އިރު، ކުރިން ހީކުރި ގޮތާ ހިލާފަށް އިންތިހާބުގެ ފޯރި ވަނީ ކުޑަވެފައެވެ. ހެނދުނު 7:00 އިން ފެށިގެން އިންތިހާބުގެ ވޯޓުލުން ކުރިއަށްދާ އިރު، ރައްޔިތުންގެ މާ ބޮޑު ޝައުގުވެރިކަމެއް އޮތް ތަނެއް ނުފެނުނެވެ.

ވޯޓުލުން ފެށުނު ގަޑީގައި ބައެއް ވޯޓު ފޮށިތައް ކައިރީގައި ކިއުގައި ބަޔަކު ތިބި ނަމަވެސް ގިނަ ފޮށިތަކުގެ ވޯޓުލުން ފެށުނީ ވަރަށް ލަހުންނެވެ. އެއީ ކިއު އަށް އަރާނެ ބަޔަކު ވެސް ނެތިގެންނެވެ. މީގެކުރިން އިންތިހާބުތައް ކުރިއަށްދާ އިރު، ވޯޓު ފެށުމުގެ ކުރިން ކިއުތައް ހަދާލައެވެ. ގިނަ މީހުން ބޭނުން ވާނީ އެންމެ ފުރަތަމަ ވޯޓު ފޮއްޓަށް ވޯޓުލެވޭ ބަޔަކަށް އެބަޔަކު ވާށެވެ. އެކަމަކު މިފަހަރު އެ ފޯރިއެއް ވެސް ނެތެވެ.

ވޯޓުލުން ކުރިއަށް ގެންދަން ކަނޑައަޅާފައިވަނީ ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތަކާ އެކުގައި ކަމަށްވާ އިރު، ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން ވޯޓުލާން ބޭނުން ނުވާ ކިތަންމެ ބަޔަކު އެބަތިބިއެވެ. ވޯޓުލާން މީހުން މިހާރު ނުކުންނަ ނިސްބަތުން މިއީ ފަހުގެ ތާރީހެއްގައި އެންމެ މަދުން މީހުން ވޯޓުލާ އިންތިހާބަށް ވުން އެކަށީގެންވެއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ އޮފިޝަލަކު ވިދާޅުވީ މިއަދު 11:00 ޖެހުމާ ހަމައަށް ވޯޓު ލީ އެންމެ 17 އިންސައްތަ މީހުން ކަމަށެވެ. އެއީ 44،026 ވޯޓެވެ. މިއީ ކުރީގެ އިންތިހާބުތަކާ އަޅާބަލާއިރު މަދު އަދަދެއް ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

މި ނިސްބަތުން ބަލާއިރު އަންދާޒާކުރެވެނީ ވޯޓު ލާނީ 38-40 އިންސައްތަ މީހުން ކަމަށް އީސީން ވިދާޅުވިއެވެ. އެކަމަކު ވޯޓުލާ މީހުން ހަވީރު ވަގުތު އިތުރުވެދާނެ ކަމަށް އީސީން ލަފާ ކުރެއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުން ކުރިއަށް ދާނީ ހެނދުނު 7:00 އިން 5:00 އަށެވެ. އަދި ހަވީރު 5:00 އިން ހަވީރު 6:00 ހާއްސަކޮށްފައި އޮތީ ކަރަންޓީންގައި ތިބި މީހުންނާއި ކޮވިޑް-19 އަށް ފައްސިވެފައިވާ މީހުން ވޯޓުލުމަށެވެ.

މިފަހަރުގެ އިންތިހާބުގައި ދެލައްކަށް ހަތް ދިހަ ހާހަށް ވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ވަނީ ލިބިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކެތި

    އޮޅުންބޮޅުންބޮޑުގޮތަކަށް ކަރުދާސްހަދާފަހުރީ ދެތިންސަރަހަ އްދަކަށްދިޔަ އިރުވެސް ފާހަގަކުރެވުނުކަމެ އް އެ އީ އަދި ތަކުރާރުކޮށް މީހުންބުނަމުންދިޔަވާހަކަ އެ އް

  2. ކޮވިޑް

    ކީއްކުރަން ވޯޓް ލާން ދާންވީ؟ ކޮބާ ބޭނުމަކީ؟ ޓައިމް ވޭސްޓް ކުރަންތަ؟ ބަލަ 04 މޭޔަރުން ނާ 1000 ކައުން ސިލް ޔަޤީން ކަށަވަރުކަމަށް ނަޝީދު ބުނެފަ އޮތީ ކަމެއް ވީމް ދޯ؟ ޝަރީފް އާއި ކެފޭގަ ބައްދަލު ކުރީ ބޭނުމެއްގަ ދޯ؟ ދެން ވޯޓް ލާން ދާން ކިޔަނީ އަޅެ ފަހެ ހޭބަލި ވެގެންތަ؟