މާލެ އަތޮޅު ދިއްފުށީގައި ވޯޓުލާން ތިބި 710 މީހުންގެ ތެރެއިން 510 މީހުން ތިބީ ކޮވިޑް-19 އާ ގުޅިގެން ކަރަންޓީނުގައި ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނެޝަނަލް އެޑްވައިޒަރީ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، ދިއްފުށިން ގިނަ ބަޔަކު ޕޮޒިޓިންވުމާއި ކޮންޓެކްޓް ވުމުގެ ސަބަބުން ކަރަންޓީންގައި އެބަތިބި ކަމަށެވެ.

އެހެންކަމުން އެ ރަށުގައި ކަރަންޓީނު ނުވެ ތިބި މީހުން ވޯޓުލާ ނިމޭ ގަޑިއެއްގެ ގޮތުގައި މެންދުރު 14:00 އެޑްވައިޒަރީ ކޮމިޓީގެ ލަފައާއެކު އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސާފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ކޮވިޑަށް ފައްސި ވެގެންނާއި، ކޮންޓެކްޓް ވެގެން ކަރަންޓީނުގައި ތިބި 510 މީހުންނަށް ދިއްފުށީގައި ވޯޓު ލުމުގެ ފުރުސަތު، 14:00 އިން ފެށިގެން ކުރިއަށްދާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ އެގޮތަށް ހަމަޖައްސަން ޖެހުނީ ކަރަންޓީނުގައި ގިނަ ބަޔަކު ތިބުމުން، އެމީހުންނާއި އެހެންމީހުންނާ ބައްދަލު ނުވާނެ ގޮތަކަށް ވޯޓުލުމުގެ ފުރުސަތު އެމީހުންނަށް ފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ.

ކޮވިޑް-19 ގުޅިގެން ކަރަންޓީނުގައި ތިބި މީހުން ފިޔަވައި އެހެންމީހުންނަށް ވޯޓުލާން ހުޅުވާލާފައި ވަނީ، ހެނދުނު 7:00 އިން ފެށީގެން 17:00 އަށެވެ. ކަރަންޓީނުގައި ތިބި މީހުންނަށް ވޯޓުލާން ކަނޑައަޅާފައިވާ ގަޑިއަކީ ހަވީރު 17:00 އިން ފެށިގެން 18:00 އަށެވެ.

ވޯޓް ލުމުގައި މާބޮޑު މައްސަލައެއް ދިމާނުވެ ކުރިއަށް ދިޔަ ނަމަވެސް އަދި ވޯޓް ލާން ނިކުމެފައި ވަނީ ވަރަށް މަދު އަދަދެއްގެ މީހުންނެވެ. މިއަދު ބާއްވާ ކައުންސިލް އިންތިހާބަކީ ފަހުގެ ތާރީހެއްގައި ރާއްޖޭގައި ބާއްވާ އެންމެ މަދު އަދަދެއްގެ މީހުން ވޯޓް ލާން ނިކުންނަ އިންތިހާބަށްވުން އެކަށީގެންވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހާލުފޮޅި

    ކަރަންޓީނަކަސް ވޯޓްލެވޭނެ.. ޕޮސިޓިވް މީހުނަށްވެސް ލެވެންޏާ..

  2. އަންނި

    ތިރައް އެއްކޮއް ޕޮޒިޓިވް ކޮއްލާ އޭރައް އެކަކުވެސް ގޭތެރޭ ކަރަންޓީން ވާކައް ނުޖެހޭނެ.