މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިހާބާ ގުޅިގެން ވޯޓުލާ މަރުކަޒުތަކުގައި ތިބި އޮފިޝަލުން ނަމާދު ކުރަންވީ ގޮތް ދީނީ އިލްމުވެރިޔާ އަލީ ޒައިދު ހަނދާންކޮށް ދެއްވައިފިއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވޯޓުލުން ކުރިއަށް ދާއިރު، އިންތިހާބުގެ ކަންކަން އިންސާފުވެރިކަމާއެކު ކުރިއަށް ގެންދިއުމަށް ގިނަ އަދަދެއްގެ އޮފިޝަލުން ދަނީ ހަރަކާތްތެރިވަމުންނެެވެ. ކުރީ ފަހަރުގެ އިންތިހާބުތަކާ ހިލާފަށް މިފަހަރު އޮފިޝަލުންގެ އަދަދު ގިނައެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިންތިހާބުގެ ކަންކަން ކުރިއަށް ގެންދަނީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުއެވެ.

އެއީ ވޯޓުލާ މަރުކަޒުތަކުގައި ވަނީ ހުން ބަލާނެ ވަސީލަތްތަކާއި ސެނިޓައިޒް ކުރާނެ ވަސީލަތްތައް ވެސް ގާއިމްކޮށްފައެވެ.

މަރުކަޒުތަކުގައި މަސައްކަތް ކުރާ އޮފިޝަލުން ނަމާދު ކުރަންވީ ގޮތް ހާމަކުރެއްވީ ދީނީ އިލްމުވެރިޔާ އަލީ ޒައިދެވެ.

އަލީ ޒައިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޮފިޝަލުންގެ ގޮތުގައި މަސައްކަތް ކުރައްވާ މީހުން ނަމާދު ޖަމުއު ކުރުން ހުއްދަ ވާނެ ކަމަށެވެ. އެހެންވީމަ މެންދުރު ހަތަރު ރަކުއަތްކޮށްފައި އަސްރުގެ ހަތަރު ރަކުއަތް ކުރެވިދާނެއެވެ. އަދި އަސްރު ވަގުތު، އަސްރުގެ ހަތަރު ރަކުއަތް ފުރިހަމަކޮށްފައި މެންދުރު ނަމާދުގެ ހަތަރު ރަކްއަތް ވެސް ފުރިހަމަ ކުރެވިދާނެ ކަމަށް ޒައިދު ވިދާޅުވިއެވެ.

"ގަސްރު ނުކުރާނެ. ހަމައެކަނި ޖަމްއު ކުރައްވާނީ. އޭރުން ލުއި ވާނެ،" ޒައިދު ވިދާޅުވިއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނޫސްކިޔާމީހާ

    ހީވަނީ ތި ކިޔާދެ އްވީ ހަމަ އެކަނި ރަށުގަ ތިބި މީހުން ނަމާދު ކުރާނެގޮތް. ޥޯޓް ފޮޢްޓާޢެކު ރަށުން ބޭރަށްދާ މީހާ ނަމާދު ކުރާނެގޮތް ބެނެދެެއވާ ވ.ސަލާމް

    4
    1
  2. ޢައިށާ

    އިސްލާމް ފޮތުގަ ހުންނަ ހަނގުރާމަތަކާ ތާރީޚުގެ ބައިތަކުގެ ބަދަލުގައި މިކަހަލަ ކަންކަން ކިޔައިދީފަ ހުންނަނަމަ. ޢިބާދާތުގެބައި ވަރަށް މަދުކަން ފާހަގަކުރަން