ލާމަރުކަޒީ ނިޒާމަށް އަލަށް ގެނައި ބަދަލުތަކާ އެކު ފުދުންތެރި، ތައުލީމީ ބަޔަކަށް ރައްޔިތުން ވާނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓު ދެއްވުމަށްފަހު ނައިބު ރައީސް ވިދާޅުވީ ވޯޓު ލުމުގެ ހައްގު ރަނގަޅަށް އަދާކޮށްފިނަމަ، ރަށްރަށުގެ ތަރައްގީގެ ކަންކަން ވަރަށް ބާރަށް ކުރިއަށްގޮސް، ރައްޔިތުންނަކީ ފުދުންތެރި ބަޔަކަށް ވެގެންދާ މަންޒަރު ފެންނާނެ ކަމަށެވެ.

ކޮވިޑްގެ ދަތި އުނދަގޫ ހާލަތުގައި ވެސް ބޭއްވުމަށް މަސައްކަތް ކުރާ ފަރާތްތަކަށް، ހާއްސަކޮށް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖެ މިހާރު ދަތުރު ކުރަމުން ދަނީ ފުރިހަމަ ލާމަރުކަޒީ ނިޒާމަކަށެވެ. ކުރީގައި އޮންނަ ގޮތަށް "ބޮޑު މީހެއް، ކުޑަ މީހެއް" ނޯންނާނެ ކަމަށާއި ކަންކަން އިންތިޒާމު ވާނީ މަޝްވަރާގެ މަތިން ރައްޔިތުން އެދޭ ގޮތަށް ކަމަށް ފައިސަލް ވިދާޅުވިއެވެ. ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ، އެ ރަށެއްގައި ބަސް ބުނުމުގެ ހައްގު ދެން ކޮންމެ މީހަކު ލިބޭނެ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދަކީ އެތައް ބާރުތަކެއް ކައުންސިލްތަކަށް ދޫކޮށްލުން ކަމަށާއި އެއާއެކު ފެނިގެން ދާނީ އިގްތިސާދު ފުޅާވެގެންދާ ތަން ކަމަށް ފައިސަލް ވިދާޅުވިއެވެ.

"އޭރުން ރައްޔިތުންނަކީ ފުދުންތެރި ބަޔަކަށް ވާނެ. ތައުލީމީ ބަޔަކަށް ވާނެ،" ފައިސަލް ވިދާޅުވިއެވެ.

ރައްޔިތުންގެ ބަސް ބުނުމަށްޓަކައި، ވޯޓުލުމުގެ ހައްގު އަދާކުރުމަށް ނައިބު ރައީސް އެދިވަޑައިގެންނެވިއެވެ.

ފައިސަލް ވިދާޅުވީ، މިއީ ވަރަށް ދަތި ދުވަސްވަރަކަށް ވި ނަމަވެސް، ވޯޓުލުމަކީ ރައްޔިތުންނަށްޓަކައި ކުރަންޖެހޭ ކަމެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ގިނަ ބަޔަކާއެކު މަސައްކަތް ކުރައްވަން އެނގިވަަޑައިގަންނަވާ ބޭފުޅެއް ކަމަށާއި ވަކި ފިކުރެއްގެ ބަޔަކު ބާކީ ނުކުރައްވާނެ ކަމަށެވެ.

އެކި ފިކުރުތަކުގެ މީހުންނާ އެކު މި ސަރުކާރުން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ފައިސަލް ވަނީ ދެއްވައިފައެވެ.

ދަތި، އުނދަގޫ ހާލަތެއް ނަމަވެސް، ރައްޔިތުން ނުކުމެ ހައްގު އަދާކުރުމަށް ފައިސަލް ތަކުރާރުކޮށް އެދިވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙ

    މީހުން ފުދުންތެރި ބަޔަކަށްވަނީ ވަކިނިޒާމެއްގެ ސަބަބަކުންނޫން.

  2. ނަސްރު

    އެކަން އެހެންވާނީ އެވަރުގެ ބަޔަކު ކައުންސިލަށް އައްޔަންކޮށްގެން ނުންތޯ؟ގއ ކޮލަމާފުށީ ކައުންސިލަށް އެއްވެސް ކަމެއް ކުރެވޭނެ ބަޔަކު އެމްޑީޕީއަކުން ނެތް ކުރިމަތިލާފަ.ރައިސްކަމަށް ކުރިމަތިލާފަ ހުރި ކުއްޖާއަށް ކޮންމެވެސް ވަރެއް ކޮށްލެވިދާނެ.ޔަގީނުންވެސް ދެންތިބި ދެ އަންހެނުންނަށް އަތްނަގާށޭ ބުނީމަ އަތްނެގުންނޫންކަމެއްް ނުވާނެ.މުސާރަ ނަގައިގެން ގޮނޑި ހޫނު ކޮށްލެވިދާނެ.