މިއަދު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ހުޅުމާލެ ދާއިރާގެ ގޮނޑި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު ކަށަވަރު ކުރައްވައިފިއެވެ.

ޝުޖާއު އިންތިހާބު ކާމިޔާބު ކުރެއްވީ ސަރުކާރު ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ކެންޑިޑޭޓު އަދި ކުރީގެ ރާއްޖެ ޓީވީގެ ނޫސްވެރިޔާ ރިޒްނާ ޒަރީރް ބަލި ކުރައްވައިގެންނެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުން ޝުޖާއު އެ ގޮނޑި ކާމިޔާބު ކުރެއްވީ ބޮޑު ތަފާތަކުންނެެވެ.

ޝުޖާއުއަކީ މިދިޔަ ރައްޔިތުންގެ މަޖިލިހުގެ ދައުރުގައި ބާރަށު ދާއިރާގެ މެމްބަރު ކަން ކުރެއްވި ބޭފުޅެކެވެ. މިދިޔަ މަޖިލިސް އިންތިހާބުގައި ވެސް ޝުޖާއު ދެ ވަނަ ދައުރަކަށް އެ ދާއިރާގެ ގޮނޑިއަށް ވާދަކުރެއްވި ނަމަވެސް އިންތިހާބުން އޭނާ ވަނީ ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންފައެވެ.

އޭގެ ފަހުގައި، އޭނާ އުޅުއްވީ ޕީޕީއެމް/ޕީއެންސީގެ ކުރީ ސަފުގައެވެ. އެގޮތުން ސަރުކާރު ޒިންމާދާރު ކުރުވުމަށް ބޭއްވި ހަރަކާތްތަކުގައި އޭނާ ބައިވެރިވެވަޑައިގެންނެވިއެވެ. ހާއްސަކޮށް މާލޭގައި ބޭއްވި ބައެއް މުޒާހަރާތައް އޭނާ ލީޑް ކުރެއްވިއެވެ.

ހުޅުމާލޭގައި ދިރިއުޅުއްވަމުން ގެންދަވާ ޝުޖާއު އިންތިހާބުގައި ބޮޑު ކާމިޔާބީއެއް ހޯދުމާ ގުޅިގެން ހުޅުމާލެ ރައްޔިތުން ދަނީ މަރުހަބާ ކިޔަމުންނެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުގައި، ޝުޖާއުގެ އިތުރުން މާލޭގެ މޭޔަރު ކަމުގެ ގޮނޑި ކަށަވަރުކޮށްފައި ވަނީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ. އަދި މާލެ ދާއިރާގެ އެހެން ބައެއް ގޮނޑިތައް ވެސް ހޯދާފައި ވަނީ ޕީޕީއެމްގެ ކެންޑިޑޭޓުންނެވެ.

މިއީ، ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލަރުން އިންތިހާބުކުރަން ފެށިތާ 10 އަހަރުގެ ތެރޭގައި މިހާ ގިނަ ގޮނޑިތަކެއް ޕީޕީއެމަށް ލިބޭ ފުރަތަމަ ފަހަރެވެ. މީގެކުރިން މާލޭގެ ރައްޔިތުން މުޅީން ހެން މެޖޯރިޓީ ދީފައި ވަނީ އެމްޑީޕީއަށެވެ.

ސިޔާސީ ބައެއް ފަރާތްތަކުން ސިފަ ކުރާ ގޮތުގައި މިއީ އެމްޑީޕީ އަށް ލިބުނު ލަދުވެތި ނަތީޖާއެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    އަލްހަމްްދުﷲ

    22
  2. މަހާކަލަމެންޖާ

    ލޯކަލް ކައުންސިލް އިންތިހާބުގައި ހުޅުމާލެ ދާއިރާގެ ގޮނޑި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް ޝުޖާޢު ކާމިޔާބު ކުރެއްވުމީ ރީނދޫ ބައިގަނޑުގެ ހިތްތަކަށް ބަރުދާސްތު ނުކުރެވޭ ވަރުގެ ނުތަނަވަސް ކަމެއް އަންނާނެ ކަމެއްކަމީ ކަށަވަރުވެ ޔަޤީންވާ ކަމެކެވެ.

    10
  3. Anonymous

    މާޝާﷲ.
    ޝުޖާއަކީ ގަދަ މީހެއް.

    12
  4. ކަމަނަ

    އުއްމީދުކުރަންއަންނީގެ
    އަޑުކަނޑުވާލެދޭނެ ކަމައް