ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫ ސިޓީ ހިތަދޫ ގޮނޑިއެއް އެމްޑީޕީ އަށް ގެއްލިއްޖެއެވެ.

ހިތަދޫ މޫލުކެޑެ އޮޑައްސައު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ އަމިއްލަ ގޮތުން ކުރިމަތިލެއްވި އަހުމަދު ސައީދެވެ. ސައީދު މި ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އާމިނަތު ގުލްފިޝާމް އަދި އަމިއްލަ ގޮތުން ވާދަކުރެއްވި އިނާޒު މުހައްމަދު ދީދީގެ އިތުރުން އެމްއާރްއެމްގެ ފަރާތުން ވާދަކުރެއްވި މުހައްމަދު ޒާހިރުއާ ވާދަކުރައްވައިގެންނެވެ.

ވަގުތީ ނަތީޖާ ގޮތުން އެމްޑީޕީ އަށް ވަނީ އައްޑޫގެ ސުޕަ މެޖޯރިޓީ ގެއްލިފައެވެ. މިއީ ލޯކަލް ކައުންސިލް އިންތިޚާބުގެ ތާރީޚުގައި އެމްޑީޕީއަށް ގޮނޑިއެއް ގެއްލުނު ފުރަތަމަ ފަހަރެވެ. މީގެކުރިން ނަމަ، އައްޑޫ ރައްޔިތުން މުޅީން ހެން ހޮވަނީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ.

މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާ ދައްކާ ގޮތުން ޕީޕީއެމުން ވަނީ ތިން ގޮނޑި އަދި މިނިވަން ކެންޑިޑޭޓުން ވަނީ ތިން ގޮނޑި ކާމިޔާބުކޮށްފަައެވެ.