ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ ޓީސީ ސްޕޯޓްސް ކުލަބާއި ކުލަބް ގްރީންސްޓްރީޓްސް ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމިއްޖެއެވެ.

މި ނަތީޖާއާއެކު ކުލަބް ގްރިންސްޓްރީޓްސް އޮތީ ތާވަލުގެ ތިންވަނައިގައެވެ. އެއީ ކުޅުނު 12 މެޗުން ލިބުނު 18 ޕޮއިންޓާއެކު އެވެ. ޓީސީ ސްޕޯޓްސް ކުލަބް އޮތީ ކުޅުނު 12 މެޗުން ލިބުނު 13 ޕޮއިންޓާއެކު އެވެ.

މެޗުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމަށްވެސް ލިިބިގެންދިޔަ އެވެ. ހާއްސަކޮށް ފުރަތަމަ ހާފުގައި ޓީސީގެ ކެޕްޓަން އައްޒާމަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

މެޗުގެ ފަހުކޮޅު ޓީސީން ކުޅެން ޖެހުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ މެޗުގެ 79 ވަނަ މިނެޓުގައި ދެވަނަ ރީނދޫ ކާޑާއެކު އޭނާއަށް ރަތްކާޑު ދެއްކުމާއި ގުޅިގެންނެވެ. '

މެޗަށްފަހު ވާހަކަދައްކަމުން ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ މި މެޗުން ހަމައެކަނި މަދުވެގެން ދިޔައީ ގޯލެއް ކަމަށާއި އެހެން ހުރިހާ ކަމެއް ރަނގަޅަށް ޓީމުގެ ކުޅުންތެރިން ކޮށްފައިވާ ކަމަށެވެ. އަދި މެޗުގެ އޮއެވަރު ދިޔަގޮތުން މިއީ ތިން ޕޮއިންޓު ނެގެންޖެހޭ މެޗެއް ކަމަށްވެސް ކޯޗު ބުންޏެވެ. އަދި ތިން ޕޮއިންޓު ލިބުނުނަމަ ބޮޑު ފައިދާއެއް ލިބުނީސްކަމަށް ބުންޏެވެ.

ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ބުނީ މި މެޗުގައި ޓީސީ ވަރުގަދަ ކަމަށެވެ.

ލީގުގެ މެޗެއް ދެން ކުޅޭނީ މިމަހުގެ 15 ގައެވެ. މި ދުވަހު ކުޅޭ މެޗުގައި ބައްދަލުކުރާނީ އެއްވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ފަސްވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކުލަބެވެ.