ފުވައްމުލައް ސިޓީގެ އެންމެ ގިނަ މީހުން އެދޭ ކަމަކީ ވަޒީފާގެ ދަތިކަން ހައްލުކޮށްދިނުން ކަމަށާއި އެންމެ އިސްކަމެއް ދެއްވާނެ މަސައްކަތްކުރައްވަން ކަމަށް އެ ސިޓީގެ މޭޔަރު ކަމަށް އިންތިހާބުވެ ވަޑައިގެންނެވި އިސްމާއިލް ރަފީގު (އިއްސެ) ވިދާޅުވެއްޖެ އެވެ.

އޭނާ "ވަގުތު" އަށް ވިދާޅުވީ އެންމެ ގިނަ އާއްމުން ކުރާ ޝަކުވާ އަކީ އެ ސިޓީގެ އިގްތިސާދީ ހާލަތު ދަށްވުމާއި ވަޒީފާގެ ފުރުސަތުތައް މަދުވުން ކަމަށެވެ. މީގެ އިތުރުން އެންމެ ބޮޑު އަމާޒަކީ ރަށުގެ އަމަންއަމަންކަމާއި މަސަލަސްކަން ޤާއިމްކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

" ރައްޔިތުން ހަވާލު ކުރި ބޮޑު ޒިންމާ އެއް މިއީ. ގޭގެ އަށް ދިޔައިމަ ރައްޔިތުންގެ އެންމެ ބޮޑު އެއް ޝަކުވާ އަކީ ވަޒީފާ އާއި އެފަދަ ކަންކަން. އިޖުތިމާއީ ރައްކާތެރިކަމާއި އަމަން އަމާންކަމަށް ފުރުސަތު ދޭން ވެސް ވަރަށް ބޮޑަށް ވިސްނާނަން." އޭނާ ވިދާޅުވިއެވެ.

އިއްސެ އިތުރަށް ވިދާޅުވީ ފުވައްމުލައް ސިޓީގައި އެމްޑީޕީ އަށް ލިބުނު ކާމިޔާބާއި މެދު ހިތްހަމަޖެހޭ ކަމަށެވެ. އަދި މިހާރު ތިބި ކައުންސިލަރުންނާއި އެކު އެ ސިޓީގެ ތަރައްްޤީ އަށް ކުރަން ޖެހޭ ކަންކަން ކުރެވޭނެ ކަމަށް ޤަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

" ފުވައްމުލަކަކީ ޕީޕީއެމް އެމްޑީޕީ އެއްވަރަކަށް އޮންނަ ތަނެއް. މި ރަށުގެ ނަތީޖާ އަކަށް ބަދަލެއް ނާދޭ. ސަރޕްރައިޒެއް ނުވޭ. ކައުންސިލްގައި ހަތަރު ގޮނޑި . މި ނިސްބަތުގައި ވެސް މަސައްކަތް ކުރެވޭނެ ރަނގަޅަށް. އެމްޑީޕީ އަށް ލިބުނު ކާމިޔާބާއި މެދު ހިތްހަމަޖެހޭ." އޭނާ ވިދާޅުވިއެވެ.

އިއްސެ ވަނީ މީގެ ކުރިން ވެސް މޭޔަރުގެ މަގާމަކީ ސިޔާސީ މަގާމެއް ނޫން ކަމަށާއި ސިޓީ ކައުންސިލަކީ މެނޭޖްމަންޓް ޓީމެއް ކަމަށް ވިދާޅުވެފައެވެ. އަދި ފުވައްމުލަކުގެ އިގްތިސާދު ދިރުވަން އޮތް މަގަކީ އެމްޑީޕީއިން ހުށަހަޅާ "ޖަޒީރާ ނޫ އިގްތިސާދު" ގެ ވިސްނުން ކަމުގައި އިއްސެ ކުރިން ވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސސ

    މިހާރުގެ ލާމަރުކަޒީ ނިޒާމަކީ އަތޮޅުވެރިން ނާއި ބޮޑު ކަތީބުން ކުޑަކަތީބުން ސީދާ ރައްޔިތުންގެ ވޯޓުން ހޮވާ އައްޔަން ކުރާ ނިޒާމެއް، ކައުންސެލް ހިންގަން ބަޖެޓް ބޭނުންވަނީ ޓެކުސް ދައްކައިގެން ހިދުމަތް ދޭނިޒާމެއް ޤާއިމް ވުން !

  2. އަވާމެންދުރު

    ކުރެވޭނެކަންތައްތައް ދެނެގަންނަން ނޭގޭ މޭޔަރު. ވަޒީފާގެދަތިކަމަށް ކަލެޔަށް އެއްވެސް ހައްލެއް ހޯދައެއް ނުދެވޭނެ. ތިޔަކަން ސަރުކާރަށްވެސް އެއުޅެނީ ނުކުރެވިގެން. އެހެންނޫނަސް ތީ މޭޔަރުގެ މެންޑޭޓުގަ ހިމެނޭކަންކަމެއްވެސް ނޫން. ދެން އަނގަވަތަށް ނު ވެއްޓޭތި.

  3. ބޭޗާރާ

    ދައުލަތުގެ ވަޒީފާތައް މިހާރުވެސް ގިނަވެގެންގޮސް ރައްޔިތުންނަށް މިވަނީ އެކަން ދުއްތުރާލަކަށްވެފައި. ޓެކްހަށް ދައްކާ ލާރި ޕްރޮޑަކްޓިވިޓީއެއް ނެތި މަގާމުތައް އުފައްދައިގެން މިދަނީ ބަހަމުން. މިއީ މުޅި ގައުމަށް މިހާރުވެސް ލިބެމުންދާ ބޮޑު ގެއްލުމެއް. ވިޔަފާރިތައް ފުޅާކޮށްގެން ގައުމުގެ އުފެއްދުންތެރިކަން އިތުރުކޮށްގެން ވަޒީފާތައް އުފެއްދުމުގައި އެއްވެސް މައްސަލައެއް ނެތް. ދިވެހި ޒުވާނުންގެ އާބާދީގެ ހާލަތަށް ބަލާއިރު މިއީ މިހާރު ކުރެވެން އޮތް ކަމެއް ނޫން. މަސައްކަތުގެ އަޚުލާޤާއި ތަރުބިއްޔަތު މިވަނީ ގެއްލިފައި. އެންމެފަހުން އަޑުއިވުނީ ކޮންމެވެސް ކުންފުންޏެއްގެ ކޯލް ސެންޓަރެއް ތި ސިޓީގައި ހެދި ވާހަކަ. މިއީ މިހާރުގެ ނިޒާމެއް ނޫން. މިއީ މާ ބޯދާ ނިޒާމެއްގައި ކަންކޮށް އުޅުނު ގޮތަކަށް ކަންކުރަމުން އެދަނީ. ކުރިޔަށް އޮތްތަނުގައި އެ ކުންފުނިތަކުގެ ޕްރޮޑަކްޓިވިޓީ ރަނގަޅުކުރުމަށް އެއީ ބަންދުކުރަންޖެހޭނެ ތަންތަން.